Roadha Mihaaru
ސޮނޭވާގެ އާ ރިސޯޓް، ޖާނީ ހުޅުވައިފި

ސޮނޭވާގެ އާ ރިސޯޓް، ޖާނީ ހުޅުވައިފި

30 އޮކްޓޯބަރ 2016

ސޮނޭވާ ކުންފުނިން ރާއްޖޭގައި އަލަށް ތަރައްގީ ކުރި ރިސޯޓް ހުޅުވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ސޮނޭވާ ކުންފުނިން ރާއްޖޭގައި އަލަށް ތަރައްގީ ކުރި ރިސޯޓް ހުޅުވައިފި އެވެ.

ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ސޮނޭވާ ޖާނީ ރިސޯޓް ރަސްމީކޮށް ހުޅުވީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އެ ރިސޯޓަށް އިއްޔެ ވަނީ ގެސްޓުން ގޮސްފަ އެވެ.

ރާއްޖޭގައި މިހާރު ހިންގާ އެންމެ ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ސޮނޭވާ ޖާނީ ހިމެނޭ އިރު، މި ރަށުގައި 24 މޫދު ކޮޓަރި އާއި އެއްގަމުގައި ބޮޑު އެއް ވިލާ ހުރެ އެވެ.

މި ރިސޯޓްގެ އެންމެ ހިތްގައިމު ކަމަކީ ޓޫރިސްޓުންނަށް ވީހާ ވެސް ބޮޑަށް ޕްރައިވެސީ ލިބޭނެ ގޮތް ހެދުމަށްޓަކައި ކޮޓަރީގެ އަދަދު މަދުކޮށް، ކޮޓަރިތަކުގެ މެދުގައި އޮންނަ ހުސް ޖާގަ ބޮޑުކޮށްފައިވުމެވެ. އެގޮތުން، މިއީ މުޅި ދުނިޔޭގައި ވެސް ބިމުގެ ނިސްބަތުން ކޮޓަރީގެ އަދަދު އެންމެ މަދު ރިސޯޓެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން 30 މިނިޓުން ސީޕްލޭންގައި ދެވޭ ސޮނޭވާ ޖާނީގައި އެކި ގައުމުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްތަކާއި ކްލަބް ހައުސްއަކާއި ސްޕާއަކާއި ސައިލެންޓް ސިނަމާއެއްގެ އިތުރުން، އޮބްޒަވޭޓަރީއެއް ވެސް ގާއިމްކޮށްފައިވެ އެވެ. މިއީ ރާއްޖޭގެ ރިސޯޓެއްގައި ސައިލެންޓް ސިނަމާ އެއް ހެދި ފުރަތަމަ ފަހަރެވެ.

އެންމެ މަތީ ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކުރި އިންޑިއާގެ ވިޔަފާރިވެރިޔާ ސޯނޫގެ ސޮނޭވާ ކުންފުނީގެ ރާއްޖޭގައި އެހެން ރިސޯޓެއް ވެސް ހިންގަ އެވެ. އެއީ ބ. އަތޮޅުގައި 1995 ވަނަ އަހަރު ހުޅުވި ސޮނޭވާ ފުށްޓެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ އާ ރިސޯޓް އަންނަނީ ހުޅުވަމުންނެވެ. އެ ގޮތުން، މި އަހަރުގެ ބާކީ އޮތް ބައިގައި އިތުރު ނުވަ ރިސޯޓް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި އިތުރު 20 ރިސޯޓް ބާޒާރަށް ނެރެން ވެސް ވަނީ ނިންމައިފަ އެވެ. އެ ތަންތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ހުޅުވަމުން އަންނައިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ އިންޓަކޮންޓިނެންޓަލް ވެސް ހިމެނެ އެވެ.