Roadha Mihaaru
ސޮނޭވާ ސީކްރެޓް ރިސޯޓު ހުޅުވައިފި

ހދ. އަތޮޅަށް ލަގްޒަރީ ޓޫރިޒަމް: ސޮނޭވާ ސީކްރެޓް ރިސޯޓު ހުޅުވައިފި

14 އެޕްރީލް 2024

ރާއްޖޭގައި ޓޫރިޒަމް ރިސޯޓް ހިންގާ 50 އަހަރުވެފައިވީ ނަމަވެސް، މިހާތަނަށް އެންމެ ރިސޯޓެއް އޮތް ހަމައެކަނި އަތޮޅު ކަމަށްވާ ހދ. އަތޮޅުގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ލަގްޒަރީ ރިސޯޓު ހިންގުމުގައި މަޝްހޫރު ސޮނޭވާ އިން އާ ރިސޯޓެއް ހުޅުވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ޓޫރިޒަމް ރިސޯޓް ހިންގާ 50 އަހަރުވެފައިވީ ނަމަވެސް، މިހާތަނަށް އެންމެ ރިސޯޓެއް އޮތް ހަމައެކަނި އަތޮޅު ކަމަށްވާ ހދ. އަތޮޅުގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ލަގްޒަރީ ރިސޯޓު ހިންގުމުގައި މަޝްހޫރު ސޮނޭވާ އިން އާ ރިސޯޓެއް ހުޅުވައިފި އެވެ.

"ސޮނޭވާ ސީކްރެޓް" ގެ ނަމުގައި ހުޅުވި މި ރިސޯޓުގައި 14 ބީޗް އަދި ވޯޓާ ވިލާ ހަދާފައިވެ އެވެ. މި ރިސޯޓުގައި ވެސް ސޮނޭވާގެ އެހެން ރިސޯޓުތަކޭ އެއްގޮތަށް ދެމެހެއްޓެނިވި ކަންކަމަށް ހާއްސަ އިސްކަމެއް ދޭނެ އެވެ..

ސޮނޭވާ ސީކްރެޓް ތަރައްގީކޮށްފައިވަނީ ހދ. އަތޮޅާ ވަކިން އޮންނަ މަކުނުދޫގެ ބޮޑު ފަޅު ތެރޭގައި އޮތް ދިއްޕަރަފުށީގަ އެވެ. ރާއްޖޭގެ އެންމެ ހުޅަނގަށް އޮތް މަކުނުދޫ ރައްޔިތުން ޕިކްނިކް ގޮސް އުޅުނު ދިއްޕަރަފުށީގައި ސޮނޭވާ އިން ތަރައްގީކުރި މި ރިސޯޓަކީ އެންމެ ބޮޑަށް ޕްރައިވެސީ ލިބޭ އެންމެ އެކަހެރި ރިސޯޓްގެ ގޮތުގަ އެވެ.

ހދ. އަތޮޅުގައި މިހާރު ހިންގަމުންދަނީ ހޮނޑާފުށި އައިލެންޑް ރިސޯޓް އެކަންޏެވެ. "ޓޫރިޒަމް ނެތް ހދ. އަތޮޅު"ގެ ނަމުގައި އެ އަތޮޅަށް ޓޫރިޒަމް ގެންނަން ބޮޑު ކެމްޕެއިނެއް ވެސް ހިންގާފައިވާއިރު ޓޫރިޒަމުން ހދ. އަތޮޅަށް ނަފާ ނުވެ އޮތުމަކީ އަތޮޅުގެ ރައްޔިތުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

ކުރިން މީހުން ދިރިއުޅުނު ހޮނޑާފުށީގެ އިތުރުން ވެސް ބައެއް ރަށްރަށް މީގެ އެތައް އަހަރެއް ކުރިން ރިސޯޓް ހަދަން ދޫކޮށްފައިވީ ނަމަވެސް، އެ ރިސޯޓްތަކުގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. މި ސަރުކާރުން ވަނީ އެ ރިސޯޓްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސް ހދ. އަތޮޅުގައި ގިނަ ރިސޯޓްތައް ހުޅުވަން މަސައްކަތް ކުރާނެ ކަމަށް ވައުދު ވެފަ އެވެ.

ހދ. އަތޮޅުގެ ދެވަނަ ރިސޯޓްގެ ގޮތުގައި ސޮނޭވާ ސީކްރޭޓު ހުޅުވިއިރު އެ ރިސޯޓްގައި ހަ ވައްތަރެއްގެ ވިލާ ހުންނާނެ އެވެ. އެންމެ ފާހަގަކޮށްލެވެނީ ކްރޫސޯ ވިލާ އާއި ކާސްޓަވޭ ވިލާ އެވެ. އެއިން ކޮންމެ ތަނެއް ވެސް ހަދާފައި ވަނީ ހުދުވެލި ގޮނޑުދޮށާއި ސާފު މޫދުގެ ރީތިކަން ފެންނާނެ ފަދަ ގޮތަކަށެވެ.

ސޮނޭވާގެ ވިލާއެއް. އެ ރިސޯޓު ހުޅުވީ ހދ އަތޮޅުގައި -- ފޮޓޯ: ސޮނޭވާ

ސޮނޭވާގެ ވިލާއެއް. އެ ރިސޯޓު ހުޅުވީ ހދ އަތޮޅުގައި -- ފޮޓޯ: ސޮނޭވާ

ވިލާތަކުގެ އެތެރޭގައި މާސްޓާ ސުއިޓްތަކާއި، ސަންރޫފެއް ހުންނާނެ އެވެ. އަދި ކޮޓަރީގެ ކައިރީގައި ހުރި ކޮޓަރިތަކާއި، އާއިލާތަކަށް ނުވަތަ އިތުރު މެހެމާނުންނަށް އެކަށީގެންވާ ޖާގަ ވެސް ހޯދޭނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 75 މިނެޓުގެ ތެރޭގައި ސީޕްލޭނުގައި އެ ރަށަކަށް ދެވޭނެ އެވެ. އަދި ބ އަތޮޅުގެ ސޮނޭވާ ފުށިން 40 މިނެޓުގައި ސީޕްލޭންގައި ދަތުރު ކުރެވޭނެ އެވެ. އަދި ޓޫރިސްޓުންނަށް ސީދާ ހދ.ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުކޮށް، އެއް ގަޑިއިރުގެ ސްޕީޑް ބޯޓް ދަތުރެއްގައި ވެސް ރިސޯޓަށް ދެވޭނެ އެވެ. އަދި މަކުނުދޫ އިން 20 އަކަށް މިނެޓުން ސްޕީޑް ބޯޓުގައި ދެވޭނެ އެވެ.

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަ ވާނެ ގޮތަށް ހިދުމަތްތައް ފޯޜުކޮށްދޭ ސޮނެވާއަކީ އިނޮވޭޓިވް ޕްރެކްޓިސްތަކެއް ބޭނުންކުރާ ކުންފުންޏެކެވެ.

އެ ރިސޯޓުގައި މިއަހަރު ނިމޭ އިރު 1.6 މެގަވޮޓްގެ ކެޕޭސިޓީއަކާއި 3 މެގަވޮޓްގެ ބެޓެރީއެއް ހިމެނޭ ޒަމާނީ ފްލޯޓިން ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމަށް ވަނީ ރޭވިފަ އެވެ.