Roadha Mihaaru
ޓިކްޓޮކަށް ޖޯން ލެނަންގެ ލަވަތައް

ޓިކްޓޮކަށް ޖޯން ލެނަންގެ ލަވަތައް

11 އޮކްޓޯބަރ 2020

އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ލެޖެންޑް ޖޯން ލެނަންގެ ލަވަތައް ޓިކްޓޮކްގައި ބޭނުންކުރެވޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ ކުރީގެ މިއުޒިކް ލެޖެންޑް ޖޯން ލެނަންގެ ލަވަތައް ޓިކްޓޮކްގައި ބޭނުންކުރެވޭ ގޮތަށް ހަދައިފި އެވެ.

ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސާއި ޖޯން ލެނަން އެސްޓޭޓް ގުޅިގެން މިކަން އިއުލާންކުރީ ހުކުރު ދުވަހު ފާހަގަކުރި ލެނަންގެ 80 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. މިހާރު ޓިކްޓޮކް ބޭނުންކުރާ މީހުންނަށް ލެނަންގެ ކްލަސިކް އެތައް ލަވައެއް ބޭނުންކޮށްގެން ވީޑިއޯތައް ހަދާލައި އަޕްލޯޑްކުރޭނެ އެވެ.

ލެނަންގެ ލަވަތަކުގެ ތެރެއިން އެންމެ ހިޓް ލަވަތައް މީގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން އިންސްޓަންޓް ކަރްމާ (ވީ އޯލް ޝައިން އޮން)، އިމޭޖިން، މައިންޑް ގޭމްސް، ބިއުޓިފުލް ބޯއި، ވުމަން، ހެޕީ އެކްސްމަން (ވޯ އިޒް އޯވާ)، ގިވް އަ ޕީސް ފުލް ޗާންސް، ސްޓޭޏްޑް ބާއި މީ، ނޯ ބަޑީ ޓޯލްޑް މީ، ރިމެމްބާ އަދި ގިވް މީ ސަމް ޓްރުތު ފަދަ ލަވަތައް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހުނަރުވެރި މިއުޒިޝަނުންގެ ތެރޭގައި ގުނާލެވޭ ލެނަންގެ މިއުޒިކް ޓިކްޓޮކްގެ ތެރެއަށް ދޫކޮށްލި އިރު، އޭނާ ހާއްސަ ޓިކްޓޮކް އެކައުންޓެއް ވެސް ހަދާފައިވެ އެވެ. އޭގެ ފޮލޯވަރުންގެ އަދަދު 23،000 އަށް ވުރެ ގިނަ އެވެ.

ޖޯން ލެނަން އެސްޓޭޓާ އެކު ހެދި އެއްބަސްވުމާ ބެހޭ ގޮތުން ޓިކްޓޮކްގެ މިއުޒިކް ޕާޓްނާޝިޕްސް އެންޑް ކޮންޓެންޓް އޮޕަރޭޝަންސްގެ ހެޑް ކޯރީ ޝެރިޑަން ވިދާޅުވީ ޓިކްޓޮކްގެ އަހުލުވެރިންނަށް ލެނަންގެ މިއުޒިކް ލިބުމަކީ ކުރިއެރުމެއް އަދި ޝަރަފެއް ކަމަށެވެ.

"އާ ޖީލަކަށް ލެނަންގެ ލަވަތައް ގެނެސްދެވުމަކީ ވަރަށް ބޮޑު ޝަރަފެއް. މީގެ ސަބަބުން އޭނަގެ މިއުޒިކާއި ލަވަތަކަކީ އެތައް ބަޔަކަށް އިންސްޕިރޭޝަނަކަށްވާނެ ކަމަށް އުންމީދުކުރެވޭ،" އޭނާ ވިދާޅުވި އެވެ. "ލެނަންގެ ލަވަތަކުގެ އެންމެ ހާއްސަ ކަމަކީ ޅެންތައް މި ޒަމާނަށް ވެސް ފެތޭތީ. އެ ލަވަތަކުގައި ކިޔައިދޭ ވާހަކަތަކާއި މިހާރުގެ ހާލަތްތަކާ އަދިވެސް ވަރަށް ގުޅޭ."

އުމުރުން އެންމެ 40 އަހަރުގައި ޑިސެމްބަރު 8، 1980 ގައި ލެނަން ވަނީ މަރާލައިފަ އެވެ.

ލެނަންގެ އެސްޓޭޓާ އެކު ޓިކްޓޮކުން ޕާޓްނާޝިޕް ހެދުމުގެ ކުރިން 2016 ގައި މަރުވި އެމެރިކާގެ މިއުޒިކް ލެޖެންޑް ޕްރިންސްގެ މިއުޒިކް ވެސް މިދިޔަ ޖޫން މަހު ޓިކްޓޮކަށް ގެނެސްފައިވެ އެވެ.