Roadha Mihaaru
ބާސެލޯނާއިން ކަންތައް ކުރިގޮތުން ސުއަރޭޒަށް ރޮވުނު

ބާސެލޯނާ އިން ކަންތައް ކުރިގޮތުން ސުއަރޭޒަށް ރޮވުނު

10 އޮކްޓޯބަރ 2020

ބާސެލޯނާ (އޮކްޓޫބަރު 10) - ބާސެލޯނާ އިން އޭނާ ދޫކޮށްލަން ވެގެން ކަންތައްކުރި ގޮތުން ރޮވުނު ކަމަށް ދާދި ފަހުން އެތުލެޓިކޯ މެޑްރިޑާ ގުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

ބާސެލޯނާ (އޮކްޓޫބަރު 10) - ބާސެލޯނާ އިން އޭނާ ދޫކޮށްލަން ވެގެން ކަންތައްކުރި ގޮތުން ރޮވުނު ކަމަށް ދާދި ފަހުން އެތުލެޓިކޯ މެޑްރިޑާ ގުޅުނު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒް ބާސެލޯނާ ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުން އޭނާ އަށް ފުރުސަތެއް ނެތްކަން އެނގުނު ހިސާބުން ސުއަރޭޒް ވަނީ އެހެން ކްލަބްތަކާ ވާހަކަ ދައްކަން ފަށައިފަ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސުއަރޭޒަށް ބާސެލޯނާ އިން ފުރުސަތެއް ނެތްކަން އެންގީ ފޯން ކޯލަކުން ކޫމަން އެވެ. ކްލަބްގެ މެނޭޖްމަންޓުގެ ފަރާތުން ސުއަރޭޒާ ވާހަކައެއް ނުދައްކަ އެވެ.

ހަތް މިލިއަން ޑޮލަރުގެ ފީ އަކަށް ސުއަރޭޒް އެތުލެޓިކޯއާ ގުޅުމަށް ފަހު ބާސެލޯނާ އިން އޭނާއާ މެދި ކަންތައް ކުރި ގޮތުގެ ވާހަަކަ ނުދައްކައި ހުރުމަށް ފަހު ފުރަތަމަ ފަހަރަށް އެ ވާހަކަތައް ދެއްކީ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އިން 2-1 އިން ޗިލީ ބަލިކުރި މެޗަށް ފަހު އެވެ.

"އެމީހުން އަހަންނާ މެދު ކަންތައް ކުރެވޭނެ އެ އަށް ވުރެން ރަނގަޅު ގޮތް ހުންނާނެ. އެ ކަމަކު އެ މީހުން އަހަރެން ކްލަބުން ބޭރުކުރަން ކަންތައް ކުރި ގޮތުން އަހަންނަށް ވަރަށް އަސަރުކުރި. އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް. އަހަންނަށް ކުރިމަތިވި ކަންތައްތަކުގެ ސަބަބުން ވަރަށް ރޮވުނު،" ބާސެލޯނާ އަށް 198 ގޯލު ޖަހައިދީ އެ ކްލަބްގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ރެކޯޑް އޮތް ސުއަރޭޒް ބުންޏެވެ.

ސުއަރޭޒާ މެދު ބާސެލޯނާ އިން ކަންތައްކުރި ގޮތުން އޭނާއާ އެކު އެ ކްލަބަށް ކުޅުނު ބައެއް ކުޅުންތެރިންނާއި ކުރިން އެ ޓީމަށް ކުޅުނު ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ލިއޮނަލް މެސީ އާއި ނޭމާ އަދި ޑެނިއަލް އަލްވޭސް ހިމެނެ އެވެ. ސުއަރޭޒް ބުނީ އޭނާގެ ދިފާއުގައި މެސީ ތެދުވާނެކަން އެނގޭ ކަމަށެވެ.

"ކަންތައްތައް ދިޔަގޮތް މެސީ އަށް ވެސް އެނގޭނެ. މެސީ އަހަރެންގެ ދިފާއުގައި ނުކުންނާނެކަން ވެސް އަހަންނަށް އެނގޭ. ބައެއް މީހުންނަށް ނޭނގި ހުރި ކަންތައްތަކަށް ވެދާނެ. ބާސެލޯނާ ޓްރެއިނިން އަށް އަހަރެން ގޮސް 11 ކުޅުންތެރިން 11 ކުޅުންތެރިންނާ ކުޅޭ މެޗެއްގައި ވެސް އަހަރެން ބައިވެރިނުކޮށް ދިޔަ،" ސުއަރޭޒް ބުންޏެވެ.

ކުރިން އަޔަކްސް އާއި ލިވަޕޫލަށް ކުޅުނު ސުއަރޭޒް ބުނީ އޭނާގެ އަށް ބާސެލޯނާގެ ފަހު ދުވަސްތަކުގައި ދިމާވި ކަންތައްތައް އާއިލާގެ މެމްބަރުންނަށް ވެސް އެނގޭނެ ކަމަށާއި އެތުލެޓިކޯއާ ގުޅުނީ އެ އެންމެނަށް ވެސް ރަނގަޅަކަށް ކަމަށެވެ.