Roadha Mihaaru

ސިލްކް އެއާގެ ދަތުރުތައް ޑިސެމްބަރުގައި އަލުން ފަށަނީ

ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ސިލްކް އެއާގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހު ރާއްޖެއަށް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

ސިލްކް އެއާގެ ދަތުރުތައް ޑިސެމްބަރުގައި އަލުން ފަށަނީ
އިދުހާމް ނައީމް
އިދުހާމް ނައީމް

06 އޮކްޓޯބަރ 2020

ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ސިލްކް އެއާގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހު ރާއްޖެއަށް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

އެއާލައިނުން ނެރެފައިވާ ޝެޑިއުލްގައި ބުނެފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިލްކް އެއާ އިން ރާއްޖެއަށް ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގަ އެވެ.

ސިލްކް އެއާއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ގުޅިގެންނެވެ. މީގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ދުވާލަކު އެއް ދަތުރު ކުރި އެވެ.

ސިންގަޕޫރުގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސިލްކް އެއާގެ ދަތުރުތަކަކީ އެ ގައުމާއި ރާއްޖެއާ ދެމެދު "ޓްރެވަލް ބަބުލް" އެއް ހެދުމުގެ ބޭނުމުގައި ފަށާ ދަތުރުތަކަކަށް ވެދާނެ އެވެ. ނަމަވެސް މިހާތަނަށް އެ ގައުމާ ރާއްޖެއާ ދެމެދު އެފަދަ އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ސިލްކް އެއާގެ ދަތުރުތަށް ރާއްޖެއަށް ފަށަން ނިންމި ނަމަވެސް އެ އެއާލައިންގެ "ޕޭރެންޓު" ކުންފުނި، ސިންގަޕޯ އެއާލައިނުން އަލުން ދަތުރުތައް ފަށާ ތާރީހު އަދި އިއުލާން ކޮށްފައި ނުވެ އެވެ.