Roadha Mihaaru
ކޮވިޑާ ގުޅިގެން ފަގީރުންގެ އަދަދު އިތުރުވެއްޖެ

ކޮވިޑާ ގުޅިގެން ފަގީރުންގެ ލިސްޓުގައި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ

03 އޮކްޓޯބަރ 2020

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަތްމަތި ދަތިވެ، ފަގީރުންގެ ލިސްޓުގައި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ އެވެ. މި އަހަރުގެ މުދަލު ޒަކާތް ބަހަން ލިސްޓު ރިވިއު ކުރިއިރު، ފަގީރުންގެ ގޮތުގައި އިތުރު 2،750 މީހަކު ވަނީ ރަޖިސްޓްރީ ވެފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަތްމަތި ދަތިވެ، ފަގީރުންގެ ލިސްޓުގައި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ އެވެ. މި އަހަރުގެ މުދަލު ޒަކާތް ބަހަން ލިސްޓު ރިވިއު ކުރިއިރު، ފަގީރުންގެ ގޮތުގައި އިތުރު 2،750 މީހަކު ވަނީ ރަޖިސްޓްރީ ވެފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަގީރުންގެ ގޮތުގައި ކުރިން ރަޖިސްޓްރީ ވެފައި ތިބީ 8،764 މީހުން ކަމަށެވެ. އެކަމަކު އިތުރު މީހުންނާ އެކު މިހާރު އެ އަދަދު 11،514 އަށް އިތުރުވެފައިވާ ކަމަށެވެ.

މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ބޮލަކަށް ޖެހެނީ 2،000ރ. އެވެ. މާދަމާ އިން ފެށިގެން ޒަކާތް ބަހަން ފަށާނެ އެވެ.

ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން މި އަހަރުގެ ކުރީކޮޅު ފުރުސަތު ހުޅުވާލި އެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީއަށް ހުރަސް އެޅުމުން، ފަގީރުންގެ ލިސްޓު އިތުރުވީ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ފިތުރު ޒަކާތް ބެހީ، ޒަކާތް ހައްގުވާ ފަގީރުންގެ ލިސްޓްގައި ޖެހެން ހުޅުވާ ނުލަ އެވެ. އެހެންވެ، ޒަކާތް ބެހީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު މިނިސްޓްރީން ބުނެފައިވަނީ ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ލިސްޓު މުރާޖައާ ނުކުރެވުނީ، ކޮވިޑް-19އާ ހެދި މާލެ ލޮކްޑައުންކުރުމުން ދިމާވި ދަތިތަކާ ގުޅިގެން ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ ތިން އަހަރު އެންމެ ގިނަ ފައިސާ ލިބިފައިވަނީ މި އަހަރު އެވެ. އެގޮތުން ޒަކާތުގެ ގޮތުގައި 6.6 މިލިޔަން ރުފިޔާ ލިބުނު އިރު، އެ ފައިސާ ބެހީ އޭރު ރަޖިސްޓްރީވެފައި ތިބި ފަގީރުންގެ މެދުގަ އެވެ. ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 3،800 ރުފިޔާ ލިބުނެވެ.

ފިތުރު ޒަކާތް ބަހާފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަކު އެކަމުގެ ދިފާއުގައި މިނިސްޓްރީން ބުނެފައި ވަނީ ފިތުރު ޒަކާތް ބެހުމުގެ ކުރިން، ފަގީރުންގެ ލިސްޓް މުރާޖައާކުރަން މަސައްކަތްކުރި ކަމަށާއި އެކަމަކު ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން އެކަން ނުކުރެވުނީ ކަމަށެވެ. އެއީ ހާއްސަ އިމްތިޔާޒުތަކެއް ހަމަޖެހިގެން، ދައުލަތުގެ އެކި މުއައްސަސާތައް އެކުގައި ކުރަން ޖެހޭ ކަމެއް ކަމަށް ބުންޏެވެ. އަދި ދަފުތަރުގައި ޖެހުމަށް އެކި މުއައްސަސާތަކުން ގިނަ ލިޔުންތަކެއް ހުށަހަޅަން ޖެހޭއިރު އޮންލައިންކޮށް އެކަން ކުރުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.