30 ސެޕްޓެމްބަރ 2020
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެ ވަޑައިގެން، އޭގެ ތަފްސީލުތައް ފުރަތަމަ ފަހަރަށް ކޯޓުގައި ދެއްވައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެ ވަޑައިގެން، އޭގެ ތަފްސީލުތައް ފުރަތަމަ ފަހަރަށް ކޯޓުގައި ދެއްވައިފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާ އެކެވެ. އެ މައްސަލަތައް އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް ހައި ކޯޓުން ދާދިފަހުން އެންގީ އެ މައްސަލަތައް އަލުން ކްރިިމިނަލް ކޯޓުން ބެލުމަށެވެ.
އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވުމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ފައިސާތައް ހޯދަންޖެހޭ ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ދައުލަތުން ކުރި ހަތް ދައުވާއަށް ވެސް އޭނާ އިއުތިރާފްވެ ވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
"އަމިއްލައަށް އިސްވެ، މި ވާހަކަތައް ކިޔައިދީ، އިއުތިރާފް ކިޔައިދެމުންދާ ވާހަކަތަކަށް ރިއާޔަތްކޮށް، ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދިނުން (އެދެން)." އޭނާ ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ކުރީގެ ސަރުކާރުން އެ މައްސަލަ ބަލަން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި އޭރު މަސައްކަތްކުރީ ދެ ތިން މީހަކާ ހަމައިން މައްސަލަ ނިންމާލަން ކަމަށެވެ. އަދި އޭނާ ޖަލުގައި ހުންނެވި ދުވަސްވަރު އެކަމާ މެދު ވިސްނައިވަޑައިގެން، ދައުލަތަށް އެއްބާރުލުން ދެއްވަން ނިންމެވީ ކަމަށާއި އެގޮތުން މިދިޔަ އަހަރުން ފެށިގެން އެއްބާރުލުން ދެއްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހުރިހާ މުއައްސަސާތަކަކުން ޖަވާބުދާރީ އެބަ ކުރުވާ. ކުރީގެ ސަރުކާރުން އެކަމެއް ނުކުރޭ." އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީން މުއާމަލާތްތައް ހިންގަމުން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އޭރު އެކަންކަން ކުރަން ފެށީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކަމަށާއި އަދި ލިބުނު ފައިސާތައް ރައީސް ޔާމީނާއި މަޖިލީހާއި ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ހޭދަކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރީގެ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސުންނާއި ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭނެ މަންފާ ލިބުނު ފަރާތްތަކުގެ ތެރޭގައި." އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ލިބުނު ފައިސާތައް މާލީ އިދާރާތަކުގެ ތެރެއިން އެއްވެސް ހުރަހެއް ނެތި ދައުރު ކުރަމުން ދިޔައީ އޭރުގެ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި އޭނާ ކުރެއްވި ހުރިހާ ކަމަކީ ވެސް ރައީސްގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތްތަކެއް ކަމަށާއި އެކަމަކީ ދުރާލާ ރާވައިގެން ކޮށްފައި ހުރި ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ކުރީގެ ސަރުކާރުން ވަކި ގޮތަކަށް ރާވައިގެން ވަކި އިންތިޒާމެއްގެ ދަށުން ވަކި ސްކޭމެއްގެ ދަށުން ހިންގާފައިވާ ކަމެއް މިއީ." އަދީބު ވިދާޅުވި އެވެ.
ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އަދީބު ހުންނަވައިިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ އަދީބު އެންގެވި ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާތީ އެވެ. އޭގެ ތެރެއިން ގިނަ ރަށްތަކާއި ފަޅުތަކުން ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް ޖަމާވީ އެސްއޯއެފްގެ އެކައުންޓަށެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދައުވާ ކުރަނީ މަގާމުގެ ނުފޫޒު އަދީބު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރުސީ ބޭނުން ކޮށްގެން ބިޑް ކުރުމެއް ނެތި ރަށްތަކާއި ފަޅުތައް ދޫކޮށް، ބަޔަކަށް ފައިދާތަކެއް ހޯދައިދީފައިވާތީ ކަމަށް ބުނެ އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރަނީ ވެސް ބިޑް ކުރުމެއް ނެތި ބައެއް ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށް، ލިބެން ނުޖެހޭ މަންފާތަކެއް ހޯދައި ދީފައިވާތީ އެވެ. މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާ ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޑޮލަރު ގަތުމަށް އެމްއެމްޕީއާރުސީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ދެއްކި ފައިސާ އެސްއޯއެފް އާއި އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށް، އޭގެ ނާޖާއިޒް ފައިދާ ހޯދުމާއި އެމްޓީޑީސީ އަތުން އެމްއެމްޕީއާރުސީން ލޯނެއްގެ ގޮތުގައި ހޯދި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެހެން ފަރާތްތަކެއްގެ އެކައުންޓަށް ޖަމާކޮށް، އޭގެ ނާޖާއިޒް ފައިދާ އަދީބުު ހޯދާފައިވާ ކަމަށް ބުނެ އެވެ.
މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު 59 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަން އެނގިހުރެ، އަދީބުގެ ބެލުމުގެ ދަށުން އެ ފައިސާ ބަހައްޓައި އަދި ބޭނުން ކޮށްފައިވާތީ ކަމަށް ބުނެ އެވެ. މަނީ ލޯންޑްރިންގެ ދެވަނަ ދައުވާ ކުރަނީ އެމްޕީއެލްއާ އެކު އެމްއެމްޕީއާރުސީން ހިންގި ޑޮލަރު ވިއްކުމުގެ މުއާމަލާތުގެ ތެރެއިން ލިބުނު ފައިސާތައް އޭނާގެ ބެލުމުގެ ދަށުގައި ބަހައްޓައި، ބޭނުން ކޮށްފައިވާތީ ކަމަށް ބުނެ އެވެ.
ދައުލަތާއި އަދީބާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ފުރަތަމަ ދައުވާގައި އަދީބަށް އަންނާނީ ހަތަރު އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ. ދެވަނަ ދައުވާގައި އަންނާނީ ދެ އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިިދާ ހޯދައި ދިނުމުގެ ދައުވާގައި ހަ މަހަށް އަދި ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ އަދަބެއްގެ ގޮތުން އެއް މަހަށް ޖަލަށްލުމުގެ އަދަބެއް އަންނަ ގޮތަށް އެއްބަސްވުމުގައި ހިމަނާފައި ވާއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހަށް ޖަލަށްލުމަށް އެއްބަސްވެފައިވެ އެވެ. މަނީ ލޯންޑްރިންގެ ދައުވާގެ ކޮންމެ ދައުވާއެއްގެ އަދަބެއްގެ ގޮތުން އެއްބަސްވެފައިވަނީ ފަސް އަހަރަށް ޖަލަށްލުމަށެވެ.
އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގަންނަވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްގެ އެއްބަސްވުން ހެެދީ މަޖުބޫރު ކަމެއް އޮވެގެންތޯ އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށެވެ. އެ ސުވާލުތަކަށް ފަހު ގާޒީ ނިންމެވީ އަދީބުގެ އިއުތިރާފް ބަލައިގަތުމަށެވެ.
އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގެންފައިވާތީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވަވާނެ ކަމަށް ގާޒީ ހަސަން ވިދާޅުވި އެވެ. އަދި ހުކުމްކޮށް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ވެސް ގާޒީ އަމުރު ކުރެއްވި އެވެ.
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
އަދީބުގެ އިއުތިރާފަކީ "ޑީލަކަށް" ވެދާނެ: އިދިކޮޅު
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
ފިލި މައްސަލާގައި އަދީބަށް މާދަމާ ހުކުމް ކުރަނީ
އަދީބު ދައުވާއަށް އެއްބަސްވުމުން މައްސަލަ ނިންމަނީ
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް
ކޮމިޝަން ލިބެންދެން ފުއްގިރި ޑީލް ފަސްކުރި: އަދީބު