Roadha Mihaaru
ޖިއާންގެ މަރު: އެމްޑީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްފި

ޖިއާންގެ މަރު: ޑަބްލިޔު ކޮންސްޓްރަކްޝަންގެ އެމްޑީގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

30 ސެޕްޓެމްބަރ 2020

އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށް އިހުމާލުގެ ކުށް ސާބިތުނުވި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ހައި ކޯޓުން މައްސަލަ ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގްގެ މައްޗަށް އިހުމާލުގެ ކުށް ސާބިތުނުވި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ހައި ކޯޓުން މައްސަލަ ބޭރުކޮށްލައިފި އެވެ.

ޑިސެމްބަރު 2018 ގައި ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުންދިޔަ ތަނަކަށް ސިމެންތި ބަސްތާ އަރުވަނިކޮށް މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާންގެ ބޮލަށް ވެއްޓި މަރުވި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ޝަފީގް ވެސް ހިމެނޭ ގޮތުން ހަ މީހަކަށް ދައުވާކުރި އެވެ. ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް، ކްރިމިނަލް ކޯޓުން ނިންމީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ޝަފީގް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ކަމެއް ނެތް ކަމަށެވެ.

ޝަފީގް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމީ ޝަފީގްގެ ފަރާތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެއީ ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ދައުލަތުން އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮތުމުންނެވެ.

އެ ނުކުތާއާ މެދު ގޮތް ނިންމަވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ ކުންފުނިތަކުން ކުށުގެ ޒިންމާ އުފުލުމާ ބެހޭގޮތުން އޮންނަ ގާނޫނުލް އުގޫބާތުގައި 70 ވަނަ މާއްދާގެ މައްޗަށް އެކަނި ބިނާކޮށް ކަމަށެވެ. އެކަމަކު އެ މާއްދާ ދަށު ކޯޓުގައި ދައުލަތުން ފާހަގަނުކުރާ ކަމަށާއި އަދި ދައުވާގައި ވެސް އެ މާއްދާ އަށް ހަވާލާދީފައި ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެކަމަށް ދައުލަތުން ވެސް ހައި ކޯޓުގައި އެއްބަސްވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އިސްތިއުނާފް މަރުހަލާގައި މައްސަލަ ބަލަން ޖެހެނީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމާއި ދިފާއުތަކަށް ބަލައިގެންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ވިދާޅުވީ ޝަފީގްގެ މައްސަލާގައި ދައުލަތުން ދަށު ކޯޓުގައި ފާހަގަނުކުރާ ނުކުތާއެއް ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އަދި އެފަދަ ނުކުތާއަކާ މެދު ހައި ކޯޓުން ގޮތެއް ނިންމާ ނަމަ، ޝަފީގްގެ އިސްތިއުނާފީ ހައްގަށް އުނިކަން އަންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވެ، ޝަފީގާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލަ މައުޟޫއީ ގޮތުން ހައި ކޯޓުގައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކަމަށް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.

ފަނޑިޔާރު ޝުއައިބުގެ އިތުރުން އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މައްސަލާގައި ދައުލަތުން ދެން ދައުވާކުރީ ސިމެންތި ބަސްތާ މައްޗަށް އެރުވުމުގައި އުޅުނު ހަތަރު ބިދޭސީއަކާއި ސައިޓް ސުޕަވައިޒަރުގެ މައްޗަށެވެ. ބަސްތާ މައްޗަށް އެރުވުމުގައި އުޅުނު އެއް ބިދޭސީއަކު މީހަކު މަރުވެ ދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގައި ހަ އަހަރަށް ޖަލަށްލުމަށާއިި އަދި އެކަމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެވަނަ ބިދޭސީ މީހާ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އަދި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވެ، ސުޕަވައިޒަރުގެ މައްޗަށް އިއްވީ 115،000ރ. ގެ ޖޫރިމަނާގެ އަދަބެވެ. އަދި ނުރައްކަލެއްގެ ކުރިމަތިވެދާނެ ކަން އެނގިހުރެ، އެކަމުގެ އިންޒާރު ނުދިނުމުގެ ކުށުގައި ދެން ތިބި ދެ ބިދޭސީންނަށް އިއްވީ 7،200ރ. ގެ ޖޫރިމަނާގެ އަދަބެކެވެ.