Roadha Mihaaru
ވަޅީގެ ހަމަލާއިން ފުރާނަ ސަލާމަތްކޮށްދިން މީހާ ހޯދަނީ

ވަޅީގެ ހަމަލާއިން ފުރާނަ ސަލާމަތްކޮށްދިން މީހާ ހޯދަނީ

26 ސެޕްޓެމްބަރ 2020

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލާގައި ޒަހަމްވި މީހާގެ "ފުރާނަ ސަލާމަތްކޮށްދިން" މީހާއަށް ޝުކުރުއަދާކުރަން، އޭނާ ހޯދަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެދެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލާގައި ޒަހަމްވި މީހާގެ "ފުރާނަ ސަލާމަތްކޮށްދިން" މީހާއަށް ޝުކުރުއަދާކުރަން، އޭނާ ހޯދަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެދެފި އެވެ.

މި ހާދިސާގައި ޒަހަމްވީ މ. އަސަލް، އަހުމަދު ޝަމާލް އެވެ. އޭނާގެ ކަރަށް ވަޅި ހެރީ އޭނާއާ ދެބެންގެ ދެދަރި މީހެއް ކަމަށް ތުހުމަތުކުރެވެ އެވެ.

ޝަމާލްގެ ފޭސްބުކްގައި ލިއުނު ގޮތުގައި އޭނާގެ ކަރަށް ވަކި ހެރުމާ އެކު، އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ކާކު ކަމެއް ނޭނގެ އެވެ. އެކަމަކު "އިންސާނިއްޔަތު ކަމަކީ މިއީ" ކަމަށް، އެފްބީގައި ލިއުނެވެ.

"ތިބާގެ ނަމާއި ތިބާއާ ގުޅޭނެ ގޮތެއް އަހަންނަކަށް ނޭނގެ އެވެ،" ޝަމާލް ލިއުނެވެ.

"އެކަމަކު އަހަރެންގެ ފުރާނަ ސަލާމަތްކުރުމުގައި ތިބާގެ ވާޖިބު އަދާކުރި އެވެ. ތިބާއަށް މި ޕޯސްޓް ފެނިއްޖެ ނަމަ އަހަންނާ ބައްދަލުކުރާށެވެ."

ފޭސްބުކް ޕޯސްޓެއް

ޝަމާލް، އޭނާގެ ރަހުމަތްތެރިންގެ ކިބައިން އެދުނީ އެ ޕޯސްޓް ވީހާވެސް ގިނައެއްކޮށް ޝެއާކޮށްދިނުމަށެވެ. އެއީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ އެހީތެރިޔާއާ ބައްދަލުކުރަން ބޭނުންވާތީ ކަމަށް ވެސް، އޭނާ ބުންޏެވެ.

އައިޖީއެމްއެޗު ކައިރީގައި ދިން ހަމަލާއަކަށް ވާތީ، އޭނާ ފުރަތަމަ ގެންދިޔައީ ވެސް އެ ހޮސްޕިޓަލަށެވެ. އެކަމަކު ފަހުން އޭޑީކޭއަށް ބަދަލުކޮށް، އޮޕަރޭޝަންކުރި އެވެ. ޝަމާލް ބުނި ގޮތުގައި ނުރައްކަލުން އޭނާ މިހާރު ވަނީ ސަލާމަތްވެފަ އެވެ.

ވަޅި ހެރީ ޝަމާލްގެ 19 އަހަރުގެ ކޮއްކޮއެއް ކަމަށް ތުހުމަތުކޮށް، އެރޭ ހައްޔަރުކުރި އެވެ. މިއީ އާއިލާގެ ތެރޭގައި ޖެހުނު މައްސައެއްގައި ރުޅިއައިސް ދިން ހަމަލާއެއް ކަމަށްވެ އެވެ. އެކަމަކު މި މައްސަލައާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.