Roadha Mihaaru
ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

21 އަހަރުގެ ޒުވާނާގެ ކަރަށް ވަޅި ހެރި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

29 އޯގަސްޓް 2021

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ހެނދުނު އުމުރުން 21 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ހެނދުނު އުމުރުން 21 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ޒުވާނާގެ ކަރަށް ވަޅި ހެރީ، ސޯސަން މަގުގައި ހުންނަ ރޯޝަނީ ބިލްޑިންގް ކައިރިން އެހެން މީހަކާ އެކު ސައިކަލުގައި ދަނިކޮށް، އެހެން ސައިކަލްތަކެއްގައި ދިޔަ ތިން މީހުންގެ ގްރޫޕަކުންނެވެ. މާލެ އަށް އުފަން އެ ޒުވާނާ އަށް ހަމަލާދިންތާ ހަފުތާއެއް ވާން ގާތްވެފައިވާއިރު، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

އެ ހަމަލައިގައި އެ ޒުވާން ފިރިހެން މީހާގެ ނޭވާ ހޮޅި ފޫގޮސް، ކަރުގެ އަރިމަތީގެ ނާރަށް ވެސް ގެއްލުން ވެފައިވާ ކަމަށް އާއިލާ އިން ބުނެފައި ވެ އެވެ. ހަމަލާދިނުމާ އެކު ޒުވާނާ ހޭނެތުމުގެ ކުރިން އޭޑީކޭ ހޮސްޕިޓަލަށް މިސްރާބު ޖެހީ އޭނާ އަމިއްލަ އަށް ސައިކަލު ދުއްވަމުންނެވެ. އޭރު ވެސް ކަރުން ލޭތައް ފައިބަ އެވެ. އެކަމަކު އޭޑީކޭގެ މައި ދޮރާ ހިސާބަށް ދެވުނުތަނާހެން ހޭނެތިގެން ސައިކަލާ އެކު އޭނާ މަގުމައްޗަށް ވެއްޓުމުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ވެއްދީ އެ ތަނުގައި ތިބި ބަޔަކު ކަމަށް އާއިލާ އިން ބުނެ އެވެ.

އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، އެ ޒުވާނާ އެ ދުވަހު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ. އެ ޒުވާނާ އަށް މި ހަމަލާ އަމާޒުވީ ކީއްވެ ކަމެއް އާއިލާއަކަށް ވެސް ނޭނގެ އެވެ. ގޭންގެއްގެ ފަރާތުން ބިރުވެރިކަމެއް ނުވަތަ މަރުގެ އިންޒާރެއް އައި ކަމެއް ވެސް އޭނާ ހިއްސާކޮށްފައިނުވާ ކަމަށް އާއިލާ އިން ބުންޏެވެ.