Roadha Mihaaru
ވަޅި ހަރާފައި ފިލަން ދުވި މީހަކު އަތުލައިގެންފި

ވަޅި ހަރާފައި ފިލަން ދުވި މީހަކު މަގުމަތިން އަތުލައިގެންފި

28 އޯގަސްޓް 2018

މާލޭގައި މިރޭ ތިން މީހަކު ޒަހަމްކޮށްލި މާރާމާރީގައި ބައިވެރިވި މީހަކު ފިލަން ދުވަނިކޮށް ފުލުހުންގެ މީހަކާއި އާންމުންގެ ދެ މީހަކުވެގެން އެ މީހާ ހިފަހައްޓައި ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި މިރޭ ތިން މީހަކު ޒަހަމްކޮށްލި މާރާމާރީގައި ބައިވެރިވި މީހަކު ފިލަން ދުވަނިކޮށް ފުލުހުންގެ މީހަކާއި އާންމުންގެ ދެ މީހަކުވެގެން އެ މީހާ ހިފަހައްޓައި ހައްޔަރުކޮށްފި އެވެ.

މާފަންނު ސަހަރާ ކައިރީގައި މިރޭ 9:10 ހާއިރު ހިންގި މާރާމާރީއަށް ފަހު ފިލަން އުޅުނު މީހަކު އަތުލައިގަންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ. އޭގައި ފެންނަ ގޮތުގައި، އެ މީހާ ހިފަހައްޓަން އެންމެ ފުރަތަމަ މަސައްކަތް ކުރަނީ ޓްރެފިކް ފުލުހުންގެ މީހަކާއި އިތުރު ދެ މީހެކެވެ.

ފިލަން އުޅުނު މީހާ ގަދަ ދައްކަމުން ދަނިކޮށް އިތުރު މީހަކު އެހީތެރިވެ، ބިންމައްޗަށް ވައްޓާލައި ހައްޔަރުކުރެ އެވެ. އެ ވަގުތު ގިނަ އަދަދެއްގެ އާންމުން އެތަން ބަލަން ތިއްބެވެ.

ވަޅި ހަރާފައި ފިލަން ދުވި މީހާ ހިފަހައްޓަނީ. -- ފޭސްބުކް/ ސްޓެޕް އައްޔަ

ހައްޔަރުކުރީ ކާކު ކަމެއް އަދި މާރާމާރީގައި ޒަހަމްކޮށްލީ ކޮން ބައެއް ކަމެއް އަދި ލިބުނު ގެއްލުންތަކެއް ވެސް އަދި އެނގޭ ގޮތެއް ނުވެ އެވެ. ޒަހަމްވި މީހުންނަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

މާރާމާރީ ހިންގުމަށް ފަހު ފިލަން އުޅުނު މީހާ އަތުލައިގަންނަ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވާއިރު، އެ މީހާ ހައްޔަރުކުރުމުގައި ބައިވެރިވި މީހުންނަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ފޭސްބުކްގައި ވީޑިއޯ ޕޯސްޓްކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި 15،000 އަށް ވުރެ ގިނަ މީހުން އެ ވީޑިއޯ ބަލައި، އެތައް ބަޔަކު އެ ޝެއާކޮށްފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައި ވެ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.