Roadha Mihaaru
ވަޅި ހަރައި ޒަހަމްކޮށްލި މީހާ އޮތީ ވެންޓިލޭޓަރުގައި

ފިހާރަ ތެރޭގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

25 ފެބުރުއަރީ 2023

މާލޭގެ ފިހާރައެއްގެ ތެރޭގައި ރޭ ހިންގި މާރާމާރީގައި ވަޅި ހަރައި، ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ ފިހާރައެއްގެ ތެރޭގައި ރޭ ހިންގި މާރާމާރީގައި ވަޅި ހަރައި، ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މާފަންނުގެ ފިހާރައަކަށް ވަދެ، ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާއިރު އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތަޅުންގަނޑުގައި ގިނަ އަދަދަކަށް ލޭ ފައިބާފައި އޮތެވެ.

އޭނާއަށް މިވަގުތު ފަރުވާދެނީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 30 އަހަރުގެ އެ މީހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

އެ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ނުލިބޭތީ މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ވެސް ސާފެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ރޭ އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ޒަހަމްކޮށްލި މީހާ، ފިހާރައިގެ ތަޅުންގަނޑުގެ މަތީގައި ބާއްވައިގެން އެތަނުގައި ތިބި ބަޔަކު އޭނާއަށް ފުރަތަމަ އެހީދޭން އުޅޭ މަންޒަރު ފެނެ އެވެ.