Roadha Mihaaru
އޮފީހާއި ތަކެތި އަތުލިޔަސް އަޒުމެއް ނުގުޑާނެ: ފާރިސް

އޮފީހާއި ތަކެތި އަތުލިޔަސް އަޒުމެއް ނުގުޑާނެ: ފާރިސް

29 އޮކްޓޯބަރ 2016

ޕީޕީއެމްގެ އޮފީސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންގޮސް އެ ތަނުގައި ހުރި ތަކެތި ގެންދިޔަޔަސް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނަށް ތާއީދު ކުރާ މީހުންގެ އަޒުމް ނުގުޑާނެ ކަމަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޕީޕީއެމްގެ އޮފީސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންގޮސް އެ ތަނުގައި ހުރި ތަކެތި ގެންދިޔަޔަސް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނަށް ތާއީދު ކުރާ މީހުންގެ އަޒުމް ނުގުޑާނެ ކަމަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ތެމާގައި ހިންގާ ޕީޕީއެމްގެ އޮފީހުގެ ބޭރު ގޭޓުގައި ރޭ ވަނީ ދެ ފެކްޝަނުން ވެސް ތަޅު އަޅުވައިފަ އެވެ. އެކަމަކު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވަނީ މިއަދު އިރުއޮއްސެން އުޅެނިކޮށް އެ ތަޅު ކީހާލުމަށް ފަހު ވަދެ، މައި ދޮރުގެ ތަޅު ބުރުމާއަކުން ތޮރުފައިގެން ހަލާކުކޮށްލައިގެން އޮފީސް ތެރެއަށް ވަދެފަ އެވެ. އަދި އެ ތަނުގައި ހުރި ހުރިހާ އެއްޗެއް ނެރެގެން ގެންގޮސް، މުޅި އޮފީސް ވަނީ ހުސްކޮށްލައިފަ އެވެ.

ޕީޕީއެމްގެ އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް މިރޭ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް މިރޭ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހުރިހާ ކަމެއް ހިނގަމުން ދިޔައީ ފުލުހުން އެ ސަރަހައްދު ބަންދުކޮށްގެން ފޯރިމަރުން ދަނިކޮށެވެ. ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނަށް ފުލުހުން އެއްވެސް ވަރަކަށް ހުރަސް ނޭޅިއިރު، މައުމޫންގެ ފެކްޝަންގެ އެއްވެސް ބޭފުޅަކު އަދި ސަޕޯޓަރަކު ވެސް އެ ސަރަހައްދަށް ނުވައްދަ އެވެ. އޮފީސް ހުސްކުރި ފަހުން މައުމޫން ފެކްޝަންގެ ކައުންސިލް މެމްބަރުން އޮފީހަށް ވަޑައިގަތުމުން ވެސް، އެ ތަނުގައި ތިބި ފުލުހުން ވަނީ އެ ބޭފުޅުންނަށް ހުރަސް އަޅައި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފުލުހުންގެ މައި މަރުކަޒަށް ވަޑައިގަންނަވަން އެދިފަ އެވެ.

ފުލުހުންގެ މައި މަރުކަޒުން ނުކުމެވަޑައިގެން، "މިހާރު"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ވިދާޅުވީ ޕީޕީއެމްގެ ގިނަ މެމްބަރުންގެ އަދި ގިނަ ރައްޔިތުންގެ ތާއީދު ވެސް އޮތީ މައުމޫނަށް ކަމަށެވެ. މައުމޫން އަމަލު ކުރައްވަން ނިންމަވާފައިވާ ގޮތް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފައި ވާއިރު، އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއީދު ކުރާ މީހުން ވެސް ކުރިއަށް ދާނީ އެ ގޮތުގައި ކަމަށް ފާރިސް ވިދާޅުވި އެވެ.

އެހެންވެ، ޕާޓީގެ ތަކެތި ގެންގޮސް، އިމާރާތަކަށް ގެލުން ދިނަސް މައުމޫނާއި އެ މަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުގެ އަޒުމް ނުގުޑާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މައުމޫންގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީން ވެސް ފާރިސް ދެއްވި އެވެ.

"[އެކަމަކު]، މިއީ އެންމެ އެދެވޭ ގޮތަށް ހިނގާ ކަމެއް ނޫން،" ޕާޓީ އޮފީސް ރައީސް ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންދިޔަ މައްސަލަ އަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީހަށް މައުމޫން ފެކްޝަންގެ ބޭފުޅުންނަށް ވަދެވަޑައިނުގެންނެވޭ ސަބަބު އޮޅުންފިލުއްވުމަށް ފުލުހުންގެ މައި މަރުކަޒަށް ދިއުމުން ފުލުހުން އެދުނީ މާދަމާ އައުމަށެވެ. އެހެންވެ، ފާރިސް އާއި އޭނާއާ އެކު އެ ތަނަށް ވަޑައިގަތް ހުރިހާ ބޭފުޅުން ވަނީ އެނބުރި ވަޑައިގެންފަ އެވެ.

ފާރިސް (ވ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން މިރޭ ފުލުހުންގެ މައި މަރުކަޒުގައި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

ފާރިސް (ވ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން މިރޭ ފުލުހުންގެ މައި މަރުކަޒުގައި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

ޕީޕީއެމްގެ އޮފީހަށް ކުރީގެ ރައީސް މައުމޫންގެ ފެކްޝަނަށް ނުވަދެވި، ރައީސް ޔާމީންގެ ފެކްޝަނުން ވަދެ، އެއްޗެހިތައް ނެރެގެން ގެންދިޔަ މައްސަލަ މައުމޫންގެ ފަރާތްޕުޅުން މިރޭ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ހުސްކުރަމުން ގެންދިޔަ ވަގުތު މައުމޫން ވަނީ އެ މަނިކުފާނަށް ތާއީދުކުރާ ޕީޕީއެމްގެ ކައުންސިލްގެ ބޭފުޅުންނާއި އެހެން ވެސް މީހުންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމެވި ކަންކަން މާދަމާ އާއްމުކުރާނެ ކަަމަށް ވަނީ ބުނެފަ އެވެ.

ޕީޕީއެމް ހިންގުމުގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް މައުމޫން ކަމަށް ވިޔަސް، ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ސިވިލް ކޯޓާއި ހައި ކޯޓުން ރައީސް ޔާމީނަށް ވަނީ ދީފަ އެވެ. އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ ކަން ބަލައެއް ނުގަތެވެ. އެހެންކަމުން ޝަރުއީ ނިޒާމުގެ ތެރެއިން މައުމޫނަށް ހޯއްދެވޭނެ އެހެން ފުރުސަތެއް މިވަގުތަކު ނެތެވެ.

ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރަން ޕާޓީ އޮފީހުގައި ރޭ މައުމޫން ބާއްވަވަން އުޅުނު ހަފުލާ އަށް ފުލުހުން ހުރަސް އެޅުމުން އެ މަނިކުފާނު ވަނީ ޝީ ބިލްޑިންގައި މީޑިއާ މެދުވެރިކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެ ވާހަކަފުޅުގައި، ރައީސް ޔާމީނަށް އެ މަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރެއްވި އެވެ.