Roadha Mihaaru
ފަޔާ ސާވިސް މަދަނީ ޚިދުމަތަކަށް ހަދަންވީ ކީއްވެ؟

ފަޔާ އެންޑް ރެސްކިއު މަދަނީ ޚިދުމަތަކަށް ހަދަންވީ ކީއްވެ؟

24 ސެޕްޓެމްބަރ 2020

ޑިމޮކްރެޓިކް ހިންގުމުގެ ނިޒާމެއް ރާއްޖޭގައި ތައާރަފްކުރަން ފަށައިގަތް އިރު، އަސްކަރިއްޔާގެ ތެރެއިން ފުލުހުންގެ ޚިދުމަތް ނެރެ މަދަނީ މުއައްސަސާއެއް އުފައްދަން ވަރަށް ބޮޑު އިސްކަމެއް ދިނެވެ. ފަޔާ އެންޑް ރެސްކިއު ޚިދުމަތަކަށް އެ ބަދަލެއް ނާދެ އެވެ. އެކަމަކު އެއީ މުހިއްމު ކަމެއް ކަމާއި އަސްކަރީ ޚިދުމަތެއްގެ ގޮތުގައި ފަޔާ އެންޑް ރެސްކިއު އޮތުމަކީ ޑިމޮކްރެސީއާ ބީރައްޓެހި އަދި އަލިފާނުން އާއްމުންނާއި މުދާ ރައްކާތެރިކުރުމާއި ސަލާމަތްކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރުމަށާއި އެ ޚިދުމަތް ތަރައްގީކުރުމަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި މާހިރުންގެ މެދުގަ އާއި ސަރުކާރު ތެރޭގައި ވާހަކަދެކެވޭތާ އަހަރުތަކެއް ވެފައިވާ ކަމަށް އެކަން އެނގޭ މީހުން ބުނެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޑިމޮކްރެޓިކް ހިންގުމުގެ ނިޒާމެއް ރާއްޖޭގައި ތައާރަފްކުރަން ފަށައިގަތް އިރު، އަސްކަރިއްޔާގެ ތެރެއިން ފުލުހުންގެ ޚިދުމަތް ނެރެ މަދަނީ މުއައްސަސާއެއް އުފައްދަން ވަރަށް ބޮޑު އިސްކަމެއް ދިނެވެ. ފަޔާ އެންޑް ރެސްކިއު ޚިދުމަތަކަށް އެ ބަދަލެއް ނާދެ އެވެ. އެކަމަކު އެއީ މުހިއްމު ކަމެއް ކަމާއި އަސްކަރީ ޚިދުމަތެއްގެ ގޮތުގައި ފަޔާ އެންޑް ރެސްކިއު އޮތުމަކީ ޑިމޮކްރެސީއާ ބީރައްޓެހި އަދި އަލިފާނުން އާއްމުންނާއި މުދާ ރައްކާތެރިކުރުމާއި ސަލާމަތްކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރުމަށާއި އެ ޚިދުމަތް ތަރައްގީކުރުމަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި މާހިރުންގެ މެދުގަ އާއި ސަރުކާރު ތެރޭގައި ވާހަކަދެކެވޭތާ އަހަރުތަކެއް ވެފައިވާ ކަމަށް އެކަން އެނގޭ މީހުން ބުނެ އެވެ.

ތަރައްގީގެ ބޮޑެތި ބަދަލުތަކާ އެކު އާއްމު ރައްކާތެރިކަމާއި ސަލާމަތަށް ދޭން ޖެހޭ ސަމާލުކަން ބޮޑުވަމުންދާ އިރު އެކަން ވަކިން ސާފު ކަމަށް އެ ގޮތަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެ އެވެ.

މީގެ ނުވަ އަހަރު ކުރިން މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގެ މިނިވަން އިންކުއަރީއަކަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ކޮމިޓީއަކުން، ނިޒާމު އިސްލާހުކުރުމުގެ ހުށަހެޅުންތަކެއް ހުށަހެޅި އިރު، ފަޔާ އެންޑް ރެސްކިއު ސާވިސް އަސްކަރިއްޔާ އިން ވަކިކުރަން ލަފާދީފައިވެ އެވެ. އެ ކޮމިޓީން އެކުލަވާލި ޑްރާފްޓް ރިޕޯޓުގައިވެ އެވެ:

"އަލިފާން ނިއްވުމާއި މީހުންނާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ދެވޭ ވަރަށް މުހިންމު އަދި ޚާއްސަ ޚިދުމަތެކެވެ. މި ޚިދުމަތުގެ ތެރޭގައި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ގަވާއިދުތައް ހަދާ ހިންގަން ޖެހެއެވެ. މި ޚިދުމަތް ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނީ، މި ޚިދުމަތަށް ޚާއްސަވެގެން ތިބޭ، މިނޫން އެހެން ޒިންމާތަކަކާއި މަސްއޫލިއްޔަތެއް ނެތް ބަޔަކަށެވެ. އެހެންކަމުން ދުރު މުސްތަގުބަލުގައި، މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އަދި މި ޚިދުމަތް ތަރައްގީކޮށް ޒަމާނީކުރުމަށްޓަކައި ރާއްޖޭގެ ފަޔަ އެންޑް ރެސްކިއު ސާވިސް، މިލިޓަރީ ސާވިސްގެ ތެރެއިން ވަކިކޮށް ސިވިލް ޚިދުމަތަކަށް ބަދަލުކުރުން މުހިންމެވެ."

ރާއްޖެ އަށް އެހީ ދޭ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް މި ގޮތަށް ލަފާ ދީފައިވެ އެވެ. ފަޔަ އެންޑް ރެސްކިއު އަށް ވަސީލަތްތަކާއި ތަމްރީންގެ ފުރުސަތުތައް ރާއްޖެ އިން ބޭރުން ހޯދުމުގައި އަސްކަރީ ޚިދުމަތަކަށް ވުމުން ހުރަސް އެޅެ އެވެ.

"މިލިޓަރީގައި އޮންނަ ފަޔަ ޑިޕާޓްމެންޓަކަށް ރާއްޖެ އިން ބޭރުން ކޯސްތައް ލިބުމާއި ރާއްޖެ އިން ބޭރުން އެހީ ލިބުމަށް ވަރަށް ބޮޑެތި ހުރަސްތައް އަންނާނެ،" ސިފައިންގެ ފަޔާ އެންޑް ރެސްކިއުގައި 12 އަހަރު ޚިދުމަތްކުރެއްވުމަށް ފަހު ރިޓަޔަކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށްވާ އާދިލް ނައީމް ވިދާޅުވި އެވެ.

"ގިނަ ގައުމުތަކުގައި ފަޔަ ޑިޕާޓްމެންޓް މި އޮންނަނީ މުނިސިޕަލް ކައުންސިލް ދަށުގައި. މިތާނގައި މި އޮތީ މިލިޓަރީ ދަށުގައި. އެހެންވީމާ އަޅުގަނޑުމެންނަށް ވެހިކަލް އެއްޗެހި ލިބުމަށާއި ތަމްރީން ލިބުމަށާ ވަރަށް ދަތިތައް އާދޭ."

ސިފައިންގެ ފަޔާ އެންޑް ރެސްކިއު ވަސީލަތްތައް ވަރަށް ފެންވަރު ދަށްކޮށް ހުރެފައި މި ފަހުގެ އަހަރުތަކުގައި ޖަޕާނުން ދިން ބޮޑެތި އެހީތަކަކާ އެކު ގިނަ ސާމާނުތަކެއް ލިބި ހާލަތު ވަނީ ރަނގަޅުވެފަ އެވެ. އާދިލް ވިދާޅުވި ގޮތުގައި މާލެ އަށް ބޭނުންވާ މިންވަރަށް އެމްއެންޑީއެފްގައި ފަޔަފައިޓިން ވަސީލަތްތައް މިހާރު އެބަހުއްޓެވެ.

އެކަމަކު އެއީ މި ވަގުތަށް އޮތް ހިތްހަމަޖެހުމެކެވެ. ހަމައެކަނި އަލިފާން ނިއްވުމުގެ މަސައްކަތަށް ބެލިޔަސް، ގްރޭޓާ މާލެ ސަރަހައްދުގެ ފުޅާވެ އުސްވަމުންދާ ބިނާ ވެއްޓާއި އިތުރުވާ ތޮއްޖެހުމާ އެކު ފަޔަ އެންޑް ރެސްކިއުގެ ޚިދުމަތްތަކާއި ދައުރު ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ވެސް ވަނީ ބޮޑުވެފަ އެވެ. އަދި އަލިފާނުގެ ހާދިސާތައް ހިނގުން ހުއްޓުވުމަށް މާ ބޮޑު ސަމާލުކަމެއް ނުދީ އޮތުމުގެ ގެއްލުންތައް ތަކުރާރުވަމުންދާ އިރު ބޮޑެތި ހައްލުތަކެއް ގެންނަން ވަނީ ޖެހިފަ އެވެ.

"ކުރިއަށް ވިސްނާ އިރު، ސިޓީއެއް ބޮޑުވާ ވަރަކަށް ދިމާވާ އިމަޖެންސީތައް ވެސް ވާނީ ކޮމްޕްލެކްސް އިމަޖެންސީތަކަކަށް. ޒަމާނީ ސިޓީއެއްގައި ޒަމާނީ އިމަޖެންސީ ސާވިސްއެއް އޮންނަން ޖެހޭނެ،" އެއާޕޯޓުގެ ފަޔަ އެންޑް ރެސްކިއު ސާވިސްގައި ނުވަ އަހަރު ޚިދުމަތްކުރެއްވުމަށް ފަހު އިމަޖެންސީ މެނޭޖްމެންޓްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވަމުން ގެންދަވާ އިބްރާހިމް ކާޝިފް ނަސީރު ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޓިއޮލޯ ކެފޭގަ އާއި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގައި މިދިޔަ މަހު ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަފައިޓަރުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބޮޑުތަކުރުފާނު މަގުގައި ހުންނަ ޓިއޮލޯ ކެފޭގަ އާއި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގައި މިދިޔަ މަހު ރޯވި އަލިފާންގަނޑު ނިއްވުމަށް ފަޔަފައިޓަރުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސިފައިންގެ ގާނޫނުގެ ދަށުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އަށް އޮތީ އަލިފާން ނިއްވުމުގެ މެންޑޭޓެކެވެ. އަލިފާނުގެ ހާދިސާތައް ނުހިނގާނެކަން ކަށަވަރުކުރުމުގެ ފިޔަވަޅުތަކާއި ހާދިސާތައް ތަހުގީގު ކުރުމާއި އާއްމުން ހޭލުންތެރިކުރުން ކޮންމެހެން ބޭނުންވެފައިވާ އިރު އެ ދައުރު އަދާކުރުމުގެ ގާނޫނީ މެންޑޭޓެއް ހަގީގަތުގައި ސިފައިންގެ ގާނޫނަކުން ފަޔާ އެންޑް ރެސްކިއު ސާވިސްއަކަށް ނެތެވެ.

ކާޝިފް ދެކެވަޑައިގަންނަވާ ގޮތުގައި އާއްމުންގެ ގެދޮރު ހިމެނޭ ގޮތަށް އަލިފާނުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނީ ގާނޫނަކުން ޕްރިވެންޝަން ބާރުތަކެއް ލިބިފައިވާ ފަޔާ އެންޑް ރެސްކިއު ސާވިސްއެއް އޮވެގެންނެވެ. އޭނާ ވިދާޅުވީ އެކަން ކުރެވެން އޮތީ ދެ ގޮތެއް ކަމަށެވެ. އެއީ ގާނޫނަކުން މަދަނީ ފަޔާ އެންޑް ރެސްކިއު ސާވިސްއެއް އުފެއްދުން ނުވަތަ ސިފައިންގެ ގާނޫނު އިސްލާހުކޮށް އެމްއެންޑީއެފަށް ފަޔަ އެންޑް ރެސްކިއުގެ ފުރިހަމަ މެންޑޭޓެއް ދިނުމެވެ.

"އެކަމަކު ސިފައިންގެ ގާނޫނުން ފަޔާ އެންޑް ރެސްކިއު ސާވިސްއެއްގެ ބާރުތައް ދިނީމަ އަނެއްކާވެސް މި ދެވެނީ ނޫ ގާނޫނުއަސާސީގެ ޒަމާނަށް ހެއްޔޭ؟ ސިފައިންނަށް މި ދެވެނީ މަދަނީ ކަންތައްތަކެއްގައި އިންވޯލްވްވެ، އާއްމު ރައްޔިތުންގެ ގެތަކަށް ވަދެ ބަލާ ފާސްކުރުމުގެ ބާރެއް. އެއީ ރަނގަޅު ގޮތެއް ހެއްޔޭ؟ ފެހި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދިން އަސާސީ ހައްގުތަކާ ފުށުއަރާ ކަމެއް ހެއްޔޭ އޭރުން އެ ކުރެވެނީ؟" ކާޝިފް ސުވާލުކުރެއްވި އެވެ.

"ސިވިލް ފަޔާ އެންޑް ރެސްކިއު ސާވިސްއެއް އުފައްދަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ފަޔާ އެންޑް ރެސްކިއު ވާން ޖެހޭނީ ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭ، ރައްޔިތުން ކައިރިއަށް އާދެވޭ ޚިދުމަތަކަށް. މިހާރު އަސްކަރިއްޔާގެ ނިޒާމުގެ ތެރެއިން އެކަން މި އޮތީ ވަރަށް ބޮޑަށް ލިމިޓްވެފައި."

ފުލުހުން މަދަނީ ބަޔަކަށް ހެދުމަކީ މިސާލު ނެގިދާނެ ކާމިޔާބީއެކެވެ. ފުލުހުންނާއި ސިފައިން ވަކިކުރި ގޮތަށް ފަޔާ އެންޑް ރެސްކިއު ވެސް އަސްކަރިއްޔާއާ ވަކި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް، އެކަމުގެ މުހިއްމުކަން ފާހަގަކުރައްވާ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ފުލުހުން މަދަނީ ބަޔަކަށް ހެދުގެ ނަތީޖާ އެބަ ފެނޭ. ފުލުހުންނާ މެދު ޝަކުވާތަކެއް އަދި ހުއްޓަސް، ވަސީލަތްތަކުގެ ގޮތުންނާއި ތަމްރީންގެ ގޮތުން ވެސް، ސިފައިންގެ ތެރޭގައި ތިބި ނަމަ ނުލިބޭނެ ކަހަލަ ކާމިޔާބީތައް ފުލުހުން ހޯދާފައި އެބަހުރި،" ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ގާނޫނީ ވަކީލެއް ކަމަށްވާ މޫސާ އާލިމް ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުގެ އިސް ބައެއް ބޭފުޅުން ވެސް، ފަޔާ އެންޑް ރެސްކިއު މަދަނީކުރަން ވަކާލާތުކުރައްވާ ވާހަކަދައްކަވާފައިވެ އެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އެ މަގާމާ ހަވާލުވެވަޑައިނުގަންނަވަނީސް ފޭސްބުކްގައި އެ ގޮތަށް ޚިޔާލުފާޅުކުރެއްވި އެވެ. ކޯސްޓްލައިން ފިހާރައިގައި 2016 ވަނަ އަހަރު ރޯވި އަލިފާނުގެ ބޮޑު ހާދިސާ ހިނގި ދުވަހު ލިޔުއްވި ޕޯސްޓެއްގައި (އޭރު ޝަމާލް ހުންނެވީ 2013 ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ސިފައިންގެ އިން ވަކިކޮށްފައި) ޝަމާލް ވިދާޅުވެފައި ވަނީ ފަޔަ އެންޑް ރެސްކިއު ޚިދުމަތަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ކެޕޭސިޓީ ބިނާކުރެވޭނީ މަދަނީ މުއައްސަސާއެއްގެ ގޮތުގައި ގައުމީ ފަޔާ ބްރިގޭޑެއް އުފައްދައިގެން ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވި ބޮޑު ހާދިސާ އަށް ފަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވެސް ވަނީ އަލިފާން ނިއްވުމުގެ ގާބިލްކަން ބޮޑުކުރަން އަލިފާން ނިއްވުން މުނިސިޕަލް ޚިދުމަތަކަށް ހަދަން ޖެހޭ ކަމަށް ޓްވިޓާގައި ޚިޔާލު ފާޅުކުރައްވައިފަ އެވެ.

ފަޔާ އެންޑް ރެސްކިއު މަދަނީ ޚިދުމަތަކަށް ހެދުމާ މެދު އެމްއެންޑީއެފުން ދެކެނީ ކިހިނެއްތޯ އެހުމުން ސްޕޯކްސްޕާސަން މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އެ ތަނުން ވަކި ގޮތެއް ނިންމާނީ ދިރާސާތަކެއް ހެދުމަށް ފަހު ކަމަށެވެ. އެކަމަކު އެފަދަ ކަމެއްގައި ބަޖެޓާއި އިންސާނީ ވަސީލަތްތަކުގެ ދަތިތައް ހުންނާނެ ކަމަށާއި ސިފައިންނަކީ 24 ގަޑި އިރު ޚިދުމަތުގައި ތިބޭ ބައެއްކަން ފާހަގަކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިދިޔަ އަހަރު ވަނީ ފަޔާ ސާވިސް މަދަނީކުރަން ތާއީދު ނުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއެންޑީއެފްގައި ފަޔާ އެންޑް ރެސްކިއު ޚިދުމަތް އޮތަސް، ސިޔާސީ އަޒުމު އޮތް ނަމަ، ބޭރުގެ އެހީ ހޯދޭނެ އެވެ. މާރިޔާ ވިދާޅުވެފައި ވަނީ ފަޔާ އެންޑް ރެސްކިއު މަދަނީ ޚިދުމަތަކަށް ހަދަން އެކަށީގެންވާ ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށާއި އަލިފާނުގެ ހާދިސާތަކަކީ ރާއްޖޭގައި މަދުން ހިނގާ ކަމަކަށް ވާތީ އެކަމަށް ޚާއްސަކޮށް ސިވިލް ބަޔަކު ތިބުމަކީ މުހިއްމު ކަމެއް ނޫން ކަމަށެވެ. ހުރިހާ ޚިދުމަތްތަކަކަށް ވެސް ރައްޔިތުންގެ ފައިސާ އިން ޚަރަދުކުރަން ޖެހޭ އިރު ވަސީލަތްތައް ބަހާލުން އެންމެ ރަނގަޅު ގޮތަކީ، މާރިޔާ ވިދާޅުވި ގޮތުގައި، ފަޔާ އެންޑް ރެސްކިއު މަސައްކަތްތައް އެމްއެންޑީއެފުން ކުރިއަށް ގެންދިޔުމެވެ.

ކާޝިފް ވިދާޅުވީ މަދަނީ ފަޔާ ސާވިސްއެއް އުފެއްދުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އޮންނަން ނުޖެހޭނެތީ، މިއީ ޚަރަދު ބޮޑު ކަމަކަށް ވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ސިފައިންގެ ފަޔާ ސްޓޭޝަންތައް މަދަނީ ޚިދުމަތުގެ ދަށަށް ބަދަލުކުރުމުން ޚަރަދު ކުޑަވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފިޒިކަލް އިންފްރާސްޓްރަކްޗަ ކޮންމެވެސް ވަރަކަށް އެބަހުރި. އެ ނެތް ނަމަ ބުނެވިދާނެ ވަރަށް ބޮޑު ޚަރަދެއް ދާނެއޭ، އިންފްރާސްޓްރަކްޗާ ބިނާކުރާށޭ ޖެހޭނީ. ހަގީގަތުގައި ބޭނުންވާ ކަމަކީ ފަޔާ އެންޑް ރެސްކިއު އެމްއެންޑީއެފުން ވަކިވުން،" އޭނާ ވިދާޅުވި އެވެ.

"އޭރުން ހަމަ އެ ފަޔާ އެންޑް ރެސްކިއު ސާވިސް އަށް ކުރާ ޚަރަދާ އެއްކޮށްތާ ވަކިވާނީ؟ ދެން ކުރު މުއްދަތުގައި ކުރަން ޖެހޭ ޚަރަދު ހުންނާނެ. ސަރުކާރަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ޚަރަދު ނުކޮށެއް. މީގައި ބޭނުންވަނީ ސިޔާސީ އަޒުމް."