Roadha Mihaaru
"ގަމިނި" ގެ ޓްރެއިލާ ވަރަށް ޝައުގުވެރި

"ގަމިނި" ގެ ޓްރެއިލާ ވަރަށް ޝައުގުވެރި

20 ސެޕްޓެމްބަރ 2020

ރާއްޖޭގެ އެންމެ އުންމީދީ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "ގަމިނި" އަންނަ ހުކުރު ދުވަހުގެ ބައިސްކޯފުން ޕްރިމިއާކުރަން ނިންމައި އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ އެންމެ އުންމީދީ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "ގަމިނި" އަންނަ ހުކުރު ދުވަހުގެ ބައިސްކޯފުން ޕްރިމިއާކުރަން ނިންމައި އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޓްރެއިލާ އިން ފެންނަނީ މި ވާހަކައިގައި ހުރި ސަސްޕެންސާއި އަސަރުގަދަ ކަމެވެ. މިއީ ދިވެހި އުފެއްދުމަކުން އަނެއްކާ ވެސް ތަފާތެއް ގެނެސްދޭނެ އެއްޗެއް ކަމަށް ބެލެވެ އެވެ. މޫމިންގެ އުފެއްދުންތަކަށް ބަލާއިރު "ގަމިނި" އަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.

މި ވާހަކައިގެ އެންމެ ހާއްސަ ކަމަކަށް ވާނީ ކުރީގައި ހިނގާފައިވާ ކަންތައްތަކެއްގެ ތެރެއިން މި ޖީލާ ހަމައަށް ފޯރާފައިވާ ހާދިސާތަކެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތަކެވެ. އޭގެ މާނަ އަކީ ވަރަށް ތަފާތު ދެ ދައުރެއް "ގަމިނި" އިން ފެނުމެވެ. އަށްޑިހައިގެ އަހަރުތަކުގައި ދިވެހިންގެ ތެރޭގައި ކަންތައްތައް ހުރި ގޮތާއި މިހާރު ކަންތައްތައް ހުރި ގޮތް މީގައި ދައްކާނެ އެވެ.

ބޮޑު ކާސްޓެއް ވެސް ހިމެނޭ "ގަމިނި" އިން ފެންނާނެ ތަރިންގެ ތެރޭގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު އާސިމާއި ކުރީގެ މަޝްހޫރު އެކްޓަރު/ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަކީލާ އާއި އަހުމަދު ސައީދު އަދި އިސްމާއީލް ޒާހިރު ފަދަ ތަރިން ހިމެނެ އެވެ.

މި ތަރިންނާ އެކު ފިލްމީ ދާއިރާ އިން މި ފަހުން ފެންނަން ފެށި އާ މޫނުތަކެއް ވެސް "ގަމިނި" އިން ފެންނާނެ އެވެ. އޭގެ ތެރޭގައި ވާޝިޔާ މުހައްމަދު (ޝިޔާ)، މަރިޔަމް ޝިފާ އަދި ނިޝާ (ނިޝް) ހިމެނެ އެވެ.

ފައިނަލް ޗެޕްޓާ ސްޓޫޑިއޯ އިން ގެނެސްދޭ "ގަމިނީ" ގެ މަންޒަރުތައް ނަގާފައި ވަނީ ތ. ކިނބިދު އާއި އެ އަތޮޅު ވޭމަންޑު އާއި އއ. މަތިވެރި އާއި އެ އަތޮޅު މަޑޫގަލި، ފެރިދޫ އަދި ފ. ނިލަންދޫގަ އެވެ.

"ނިވައިރޯޅި" އާއި "ލޫދިފާ" އަދި "ހެޕީ ބާތުޑޭ" ފަދަ ފިލްމުތައް ގެނެސްދިން މޫމިންގެ "ގަމިނި" އަކީ 13 އެޕިސޯޑްގެ ސީރީޒެކެވެ.