Roadha Mihaaru
އއ. އަތޮޅުންވެސް ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް

އއ. އަތޮޅުން ވެސް ޑޮކްޓަރަށް ދައްކަން ކުޅުދުއްފުއްޓަށް

17 ސެޕްޓެމްބަރ 2020

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، ރަށްރަށާއި މާލެއާ ދެމެދު ދަތުރުކުރުން އުނދަގޫވުމުން ސިއްހީ ބޭނުންތަކަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މާލެ އަތޮޅުން ވެސް މީހުން ދާން ފަށާފައި ވާއިރު މިއަދު އއ. ބޮޑުފުޅަދޫ އާއި މަތިވެރިން ވެސް ގިނަ ބަޔަކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ހިނގައްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، ރަށްރަށާއި މާލެއާ ދެމެދު ދަތުރުކުރުން އުނދަގޫވުމުން ސިއްހީ ބޭނުންތަކަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މާލެ އަތޮޅުން ވެސް މީހުން ދާން ފަށާފައި ވާއިރު މިއަދު އއ. ބޮޑުފުޅަދޫ އާއި މަތިވެރިން ވެސް ގިނަ ބަޔަކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ހިނގައްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު "މިހާރު" އަށް ވިދާޅުވީ ޑޮކްޓަރަށް ދައްކަން މަތިވެރިން މީގެ ކުރިން މީހުން ނާންނަ ކަމަށެވެ. އެކަމަކު މުދާ އުފުލާ ބޮޑު ދޯންޏެއްގައި މަތިވެރިން 74 މީހަކު މިއަދު ހެނދުނު ވަނީ ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޑޮކްޓަރަށް ދައްކަން ދިޔަ މީހުންނެވެ. އަދި ބައެއް މީހުން ބޭންކުގެ އެކި ހިދުމަތްތައް ހޯދަން ވެސް ދިޔަ އެވެ.

ދާއޫދު ވިދާޅުވީ އެކި އުމުރުގެ އަންހެނުންނާއި ފިރިހެނުން ޑޮކްޓަރަށް ދައްކަން އައި ކަމަށާއި މިހެން އަންނަ މީހުން ކުރިއާލާ އެޕޮއިންޓްމަންޓް ހައްދައިގެން އަންނާތީ ޑޮކްޓަރަށް ދެއްކުމުގައި ދަތިކަމެއް ކުރިމަތިނުވާ ކަމަށެވެ.

"އެކި ކަހަލަ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކަން އައިސްފައި އެބަ ތިބި،" ދާއޫދު ވިދާޅުވި އެވެ.

ލޮލުގެ ޑޮކްޓަރުންނަށާއި ދަތުގެ ޑޮކްޓަރުންނަށާއި އެތެރެހަށީގެ ޑޮކްޓަރުންނާއި އީއެންޓީގެ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނަށާއި ކުޑަކުދިންގެ ޑޮކްޓަރުންނަށް ދައްކަން ދިޔަ މީހުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ކުޅުދުއްފުށި ހޮސްޕިޓަލަށް އާންމުކޮށް ދަނީ ހއ، ހދ. އަދި ށ. ގެ ސާޅީހަކަށް ރަށުގެ މީހުންނެވެ. ނަމަވެސް މިހާރު އިތުރު ސާޅީހަކަށް ރަށުން މީހުން އަންނަ ކަމަށް މެނޭޖަރު ވިދާޅުވި އެވެ.

ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ ގިނަ އަދަދެއްގެ މީހުން މިހާރު ޑޮކްޓަރަށް ދައްކަން އަންނައިރު ކޮންޓްރެކްޓް ހަމަވެފައި ޑޮކްޓަރުންގެ ބަދަލުގައި އާ ޑޮކްޓަރުން ހޯދަން މިދުވަސްވަރު އުނދަގޫވެފައި ވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ނާރުގެ ޑޮކްޓަރަކާއި ކާޑިއޮލޮޖިސްޓެއް މިދުވަސްވަރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަކު ނެތެވެ. އެހެންވެ އެކަމުގެ އުނދަގޫ ކުރިމަތިވެފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.

މަތިވެރި ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުހައްމަދު މާހިދު ވިދާޅުވީ، ކުޅުދުއްފުއްޓަށް ދިޔަ މީހުންގެ ތެރޭގައި މަތިވެރީ މީހުންނާއި ބޮޑުފުޅަދޫ މީހުން ވެސް ހިމެނޭ ކަމަށެވެ. މިއީ ބަޔަކު އަމިއްލަ އިސްނަގައިގެން ކުރި ދަތުރެއް ކަމަށާއި ނަމަވެސް އެޕޮއިންޓްމަންޓް ހެދުން ފަދަ ކަންކަމަށް ސިއްހީ މަރުކަޒުން އެހީތެރިވި ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ދިޔަ މީހުން އެ ރަށުގައި ހަތަރު ދުވަހު ތިބޭނެ އެވެ. އަދި ދަތުރަށް ކޮންމެ މީހަކު 500ރ. ހަރަދުކުރެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރުކުރަން އުނދަގޫވާން ފެށުމުން ކ. ކާށިދޫ އިން ވެސް ބަލި މީހުން ގޮވައިގެން ކުޅުދުއްފުއްޓަށް މިދިޔަ ޖުލައި މަހު ދަތުރުކުރަން ފެށި އެވެ. އެ ރަށުންނާއި ބ. އޭދަފުށިން ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހު ކުޅުދުއްފުއްޓަށް މިހާރު ގަވާއިދުން ބަލި މީހުންނާއި އެކު ދަތުރުކުރެ އެވެ. ނ. އަތޮޅުންނާއި ރ. އަތޮޅުން ވެސް އެ ރަށަށް މިހާރު ޑޮކްޓަރަށް ދައްކަން ދެ އެވެ.