Roadha Mihaaru
ނޭމާ ދެ މެޗަށް ސަސްޕެންޑްކޮށްފި

ނޭމާ ދެ މެޗަށް ސަސްޕެންޑްކޮށްފި

17 ސެޕްޓެމްބަރ 2020

ޕެރިސް (ސެޕްޓެމްބަރު 17) - ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ދެއްކި ރަތް ކާޑާ އެކު އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.

ޕެރިސް (ސެޕްޓެމްބަރު 17) - ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ދެއްކި ރަތް ކާޑާ އެކު އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.

މާސޭ އަތުން 1-0 އިން ޕީއެސްޖީ ބަލިވި މެޗުގެ ފަހު ވަގުތު ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ނޭމާގެ އިތުރުން ޕީއެސްޖީގެ ލެއަންޑްރޯ ޕަރޭޑޭސް އާއި ލަވިން ކުރްޒާވާ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ނޭމާ އާއި ޕަރޭޑޭސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައިއިރު، ކުރްޒާވާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.

މި ކުޅުންތެރިންގެ ސަސްޕެންޝަނުގެ ފުރަތަމަ މެޗަކީ ރޭ ޕީއެސްޖީން އަމިއްލަ ދަނޑުގައި 1-0 އިން މެޓްޒް އަތުން މޮޅުވި މެޗެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މި ފަހަރުގެ ސީޒަން ފެށީ ދެ ބަލިންނެވެ. ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ލެންސް އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ބަލިވީ މާސޭ އަތުންނެވެ. ރޭ މެޓްޒް އަތުން ފަހު ވަގުތު މޮޅުވީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އެވެ. ޕީއެސްޖީގެ އަބްދޫ ޑިއާލޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ 65 ވަނަ މިނިޓްގަ އެވެ.

މާސޭ މެޗުގައި ނޭމާ އަށް ރަތް ކާޑު ދެއްކީ މާސޭގެ ޑިފެންޑަރު ގޮންޒާލޭޒް ބޮލުގައި އަތުން ޖެހުމުންނެވެ. ނޭމާ ބުނީ ގޮންޒާލޭޒް ގައިގައި ޖެހީ ނަސްލީ ގޮތުން އޭނާއާ ތަކުރާރުކޮށް ދިމާކުރުމުންނެވެ. މެޗަށް ފަހު ނޭމާ އެނާގެ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން އޭނާއާ ދިމާކުރުމުން ހަގީގަތުގައި ޖަހަން ބޭނުންވަނީ އޭނަގެ މޫނުގައި ކަމަށެވެ.

ފްރެންޗް ލީގުގެ ހިންގާ އެލްއެފްޕީން ބުނީ ނޭމާ ފާހަގަކޮށްފައިވާ އޭނާއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެ ކަމަށް ބުންޏެވެ.

ނޭމާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޮންޒާލޭޒް ނަސްލީ ގޮތުން ނޭމާއާ ދިމާކޮށްލުމުން ވަރަށް ބޮޑަށް އަސަރުކުރި ކަމަށާއި އެހެންވެ އެ ވަގުތު އޭނާ އަށް ވެސް ޖަޒުބާތުގައި ޖެހިގެން ގޯހެއް ހެދުނު ކަމަށެވެ. އޭނާ އަށް އެ ގޯސް ހެދުމުގެ އެންމެ ބޮޑު ސަބަބަކީ މެޗުގެ ރެފްރީންގެ ފަރާތުން ވެސް އެކަމަށް މާ ބޮޑު އަޅާލުމެއް ނުލިބުން ކަމަށާއި މި ފަދަ ކަންކަމުން ފުޓްބޯޅަ އެއްކިބާ ކުރަން އެންމެން އެކުގައި މަސައްކަތް ކުރަން ނޭމާ ވަނީ ގޮވާލައިފަ އެވެ.

ޕީއެސްޖީ އާއި ބްރެޒިލް ސަރުކާރުން ވަނީ ނޭމާއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައިގައި ގޮންޒާލޭޒަށް އަަދަބުދޭން ގޮވާލައިފަ އެވެ. ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ނޭމާއާ ނަސްލީ ގޮތުން ދިމާކުރުމުގެ ގޮތުން ގޮންޒާލޭޒް ވަނީ ނޭމާ އަކީ ރާމާމަކުނެއް ކަމަށް ބުނެފަ އެވެ.

ނަސްލީގޮތުން ދިމާކުރާ މީހެއްގެ ގޮތުގައި ގޮންޒާލޭޒް ލޭބަލް ކުރާތީ މާސޭ އިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މާސޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޮންޒާލޭޒަކީ ނަސްލީ ގޮތުން މީހުންނާ ދިމާކުރާނެ މީހެއް ނޫން ކަމަށެވެ.