Roadha Mihaaru
އައްޑޫން ވެލި ނަގާ މީހުންގެ ނަން އާންމުކުރަން ފަށައިފި

އައްޑޫން ގަވައިދާ ހިލާފަށް ވެލި ނަގާ މީހުންގެ ނަން އާންމުކުރަން ފަށައިފި

13 ސެޕްޓެމްބަރ 2020

އައްޑޫގެ އެކި ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ވެލަ ނަގާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެކަން ކުރާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ނަންތައް އާންމު ކުރަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ އެކި ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ވެލަ ނަގާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެކަން ކުރާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ނަންތައް އާންމު ކުރަން އައްޑޫ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ކައުންސިލުން މިއަދު ވަނީ ގަވައިދާ ހިލާފަށް ހިތަދޫން ވެލި ނެގި ދެ މީހެއްގެ ނަން އާންމުކޮށްފަ އެވެ. އަދި އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ޖޫރިމަނާކުރި އެވެ. އެ މީހުން ޖޫރިމަނާކުރީ ކޮންމެ މީހަކު 4،000ރ. އިންނެވެ.

ވެލި ނަގައިގެން ނަން އާންމުކުރި ދެ މީހުންނަކީ ހިތަދޫ ޑިސެމްބަރުގޭ އިބްރާހީމް އަލީ އާއި ހަމަ އެ ގޭ މުހައްމަދު ޝަރުމީލެވެ.

ކައުންސިލުން ބުނީ އައްޑޫގެ އެކި ސަރަހައްދުތަކުން ވެލި ނަގާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވި އެކަމުގެ ޝަކުވާތައް ވެސް ބައެއް މީހުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އެހެންވެ ގަވައިދާ ހިލާފަށް ވެލި ނެގުން ހުއްޓާލުމަށާއި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫގެ އެކި ސަރަހައްދުތަކުން ދޮންވެލި ނެގުމަކީ ނުހުއްޓުވި ދިގުލައިގެން ގޮސްފައި އޮތް މައްސަލައެކެވެ. މީގެ ސަބަބަބުން އެކި ސަރަހައްދުތައް ގިރުމުގެ މައްސަލަ ވެސް އިންތިހާ އަށް ކުރިމަތިވެފައިވެ އެވެ. ދޮންވެލީގެ އިތުރުން އެކި ބޭނުންތަކަށް އެހެން ބާވަތްތަކުގެ ވެލި ވެސް ނަގައި ވިއްކުމަކީ އާންމު ކަމެކެވެ. މި އައްޑޫ އިން ހިމާޔަތް ކޮށްފައިވާ އީދިގަލި ކުޅި އާއި ކޯއްޓޭގެ ސަރަހައްދުތަކުން ކަޅުފަސް ނަގާ މައްސަލަ ވެސް މި ފަހަކަށް އައިސް ބޮޑުވެފައިވެ އެވެ.

ކަޅުފަސް ނަގާ މައްސަލާގައި ދާދި ފަހުން އައްޑޫ ނޭޗާ ޕާކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެތަނުން ބުނީ ނޭޗާ ޕާކް ހިމެނޭ ސަރަހައްދުގެ އެކި ދިމަދިމާލަށް ގަވައިދާ ހިލާފަށް ވަދެ، ފަސްނަގަމުންދާ ކަމަށެވެ.

މި މައްސަލަ ނޭޗާ ޕާކުން އައްޑޫ ސިޓީ ކައުންސިލާއި ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައިވެ އެވެ. ގަވައިދާ ހިލާފަށް ވެލި މައްސަލަ ހުއްޓުވުމާ ބެހޭ ގޮތުން ކައުންސިލާއި ފުލުހުން މަޝްވަރާ ވެސް ކޮށްފައިވެ އެވެ.