Roadha Mihaaru
ހިތަދޫ ފްލެޓް ސަރަހައްދުގައި ހަމަނުޖެހުންތައް ގިނަ

މާރާމާރީ އާއި ހަމަނުޖެހުން އިތުރުވެ ހިތަދޫ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

25 ސެޕްޓެމްބަރ 2021

އައްޑޫ ހިތަދޫގެ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ އަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫގެ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ އަށް ހާއްސަ ސަމާލުކަމެއް ދީގެން އެކަމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ވެސް ހިމެނޭ ސަރަހައްދުގައި ހުރި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން، ފަހަކަށް އައިސް މާރާމާރީ އާއި އެކި ހަމަނުޖެހުންތައް ހިންގާތީ، ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވެ އެވެ. މީގެ ހަފުތާއެއްހާ ކުރިން ވެސް ފްލެޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ބަޔަކު ޒަހަމްކޮށްލާފައިވެ އެވެ.

ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު މިއަދު ވިދާޅުވީ ފްލެޓްތަކުގައި އުޅޭ މީހުންގެ ފަރާތުން އަންނަ ޝަކުވާތަކުގެ ތެރެއިން ގިނަ ކަންކަމަކީ ވެސް ސެކިއުރިޓީއާ ގުޅޭ ގޮތުން އަންނަ ޝަކވާތައް ކަމަށެވެ. އެކަމަކު މިހާތަނަށް ސެކިއުރިޓީ ބެލެހެއްޓޭނެ ހަރުދަނާ އެއްވެސް ނިޒާމެއް އެ ސަރަހައްދުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"އެހެންވެ މިހާރު މިކަމާ ގުޅޭ ގޮތުން ފުލުހުންނާ އެކީ ވެސް މަޝްވަރާތަކެއް ކުރިއަށް އެބަދޭ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ފުލުހުންގެ ވަސީލަތްތައް މަދުވުމަކީ ވެސް ފްލެޓްތަކުގެ ސެކިއުރިޓީ އަށް މަސައްކަތްތަކެއް ކުރަން ޖެހޭ އިރު ގޮންޖެހުމެއް ކަމަށެވެ.

"އެ ބޭފުޅުންގެ ރިސޯސް ވަރަށް މަދު. އެހެން ވިޔަސް މިހާރު ދެން ވަރަށް ބޮޑު އިސްކަމެއް ދީގެން ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ އަށް މަސައްކަތްކުރެވޭނެ. އެގޮތުން އެ ސަަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދާނެ." ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްކުރެވޭތޯ ވަރަށް ބޮޑަށް ބަލާނެ އެވެ.

"ވީހާ ވެސް އަވަހަކަށް ހައްލެއް ހޯދަން ޖެހިފައި އޮތް ކަމަށްވާތީ މިކަން ވީހާ ވެސް އަވަސްކުރުމަކީ ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް." ސައީދު ވިދާޅުވި އެވެ.