Roadha Mihaaru
ނަތީޖާ ނުލިބެނީސް މަނަދޫގައި ނުކުތް މީހާ ޕޮޒިޓިވް!

މަނަދޫގައި ނަތީޖާ ނުލިބެނީސް ނުކުމެ އުޅުނު މީހާ ޕޮޒިޓިވް!

11 ސެޕްޓެމްބަރ 2020

ނ. މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ނަތީޖާ ނުލިބެނީސް ނުކުމެ އުޅެނިކޮށް، އޭނާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް ނުރައްކަލަށް ހުށަހެޅިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނ. މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ނަތީޖާ ނުލިބެނީސް ނުކުމެ އުޅެނިކޮށް، އޭނާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް ނުރައްކަލަށް ހުށަހެޅިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މަނަދޫގައި ފުރަބަންދު ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުުމުން އޭނާއަށް ގުޅި އިރު ވެސް ނުކުމެ ހުރީ ގެއިން ބޭރުގައި ކަމަށެވެ. އޭނާ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ވުމުން ނެގި ސާމްޕަލް ޕޮޒިޓިވްވި އިރު، ސާމްޕަލް ނެގި ދުވަހުން ފެށިގެން ނަތީޖާ ލިބުމާ ހަމައަށް އާއްމުކޮށް ރަށު ތެރެއަށް ނުކުމެ މީހުންނާ ބައްދަލުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެޗްޕީއޭން ބުންޏެވެ.

އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި ގޮތުގައި މަނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހާ މިހާރު ހުރީ ގޭގަ އެވެ. އެކަމަކު އޭނާ ގެއަށް ވަނީ އަމިއްލައަށް ކަމެއް ނުވަތަ ފުލުހުން އޭނާ ގެއަށް ވެއްދީ ކަމެއް އަދި ސާފެއް ނުވެ އެވެ.

"އޭނާއާ ބައްދަލުވީ ކިތައް މީހުންނާ ކަމެއް އަޅުގަނޑުމެންނަކަށް އަދި ނޭނގޭ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ މިއަދު ހުކުރު ނަމާދަށް ވެސް ދިޔަ އެވެ. އޭގެކުރިން ކެފޭތަކާއި އާއްމުން ގިނައިން ގޮސް އުޅޭ އެހެން ސަރަހައްދުތަކަށް ވެސް އޭނާ ދިޔައިރު، ބައްދަލުވި މީހުންގެ އަދަދު ވެސް ގިނަ ކަމަށް ވެ އެވެ. އޭނާ ހޯމް ކަރަންޓީންގައި ހުރި ގޭގައި ވެސް ގިނަ ބަޔަކު އުޅޭ ކަމަށް ވެ އެވެ.

ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދަން މަނަދޫ މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.

ފުރަބަންދު ހޯމް ކަރަންޓީނުގައި އަމަލުކުރަން އެޗްޕީއޭއިން ކަނޑައަޅާފައި އޮންނަ އުސޫލަކީ 14 ދުވަސް ވުމުން ސާމްޕަލް ނަގައި ނަަތީޖާ ލިބެންދެން މަޑުކުރުމެވެ. ކަރަންޓީނު ނިމުމަކަށް އަންނާނީ ސާމްޕަލް ނެގެޓިވްވުމުންނެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުން ކޮވިޑަށް ޕޮޒިޓިވް ވާ ހާލަތުގައި ވެސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭހާ ބަލި ނޫން ނަމަ ބައިތިއްބަނީ ގޭގަ އެވެ.

އެޗްޕީއޭއިން މިއަދު އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ 25 ރަށަކާއި 22 ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. ރާއްޖޭގެ ކޭސްތަކުގެ ޖުމްލައަކީ މިހާރު 8900 އެވެ. އޭގެ ތެރެއިން 31 މީހަކު އެ ބަލީގައި ވަނީ މަރުވެފަ އެވެ.