Roadha Mihaaru
މައުލޫމާތުނުދޭތީ ކޮންޓެކްޓް ޓްރޭސިން އުނދަގޫ: އެޗްޕީއޭ

މައުލޫމާތު ނުދޭތީ ކޮންޓެކްޓް ޓްރޭސިން އުނދަގޫވޭ: އެޗްޕީއާ

12 ޖުލައި 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބައެއް މީހުން ފުރިހަމަ މައުލޫމާތު ނުދޭތީ ކޮންޓެކްޓް ޓްރޭސްކުރަން އުނދަގޫވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބައެއް މީހުން ފުރިހަމަ މައުލޫމާތު ނުދޭތީ ކޮންޓެކްޓް ޓްރޭސްކުރަން އުނދަގޫވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭން ކޮވިޑްގެ ކޭސްތައް ފެންނަން ފެށީއްސުރެ އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަމުން އައި އެއްކަމަކީ ކޮންޓެކްޓް ޓްރޭސިން ކަމަށެވެ. އެއީ ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް މިހައިތަނަށް ފާހަގަކުރެވިފައިވާ އެންމެ މުހިއްމު ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ކޮންޓެކްޓް ޓްރޭސިން ހަދަން ދަތިވޭ ރަނގަޅަށް ފުރިހަމަ މައުލޫމާތު އަޅުގަނޑުމެންނަށް، ޕޮޒިޓިވްވާ ބޭފުޅުން ނުދެއްވާ ކަމަށް ވަންޏާ. އަދި އެބޭފުޅުން މަސައްކަތްކުރައްވާ ތަންތަނުންނާއި އެ ބޭފުޅުންގެ އާއިލާ އާއި ރައްްޓެހިންނާ އެ ބޭފުޅުންނާ ދިމާވާ އެހެން މީހުން ވެސް އެ މައުލޫމާތު އަޅުގަނޑުމެންނާ ރަނގަޅަށް ހިއްސާ ނުކުރައްވާކަމަށް ވަންޏާ އަޅުގަނޑުމެންނަށް ރަނގަޅަށް ކޮންޓެކްޓް ޓްރޭސިންއެއް ކުރިއަކަށް ނުގެންދެވޭނެ،" ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ބައެއް މީހުން ޕޮޒިޓިވްވުމުން އެމީހުންނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ނުދީ އޮއްވައި އެހެން ގޮތް ގޮތުން އެނގޭ ކަމަށެވެ. ކޮންޓެކްޓުން އަމިއްލަ އަށް ގުޅާފައި މައުލޫމާތު ދޭ ފަހަރު ވެސް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައްޔަށް ޕޮޒިޓިވްވާ ބައެއް މީހުން، އެމީހުން ދިޔަ ތަންތަނުގެ މައުލޫމާތު ނުދޭ އިރު، ހައިރިސްކް މީހުންނާ ކޮންޓެކްޓްވުމަށް ފަހު އެ މައުލޫމާތު ނުދީ ވެސް ތިބެ އެވެ. އެގޮތަށް ކަންތައް ކުރާ ނަމަ އެ ކުރެވޭ ކަމަކީ އެހެން ބަޔަކަށް ބަލިޖެހުމަށް މަގުފަހިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ބަލި ކޮންޓްރޯލް ކުރަން އެޗްޕީއޭއިން ކުރާ މަސައްކަތް ފުރިހަމައަށް ކުރަން ވެސް އެކަމުން ހުރަސް އެޅެ އެވެ.

ކޮންޓެކްޓްވާ މީހުންގެ މައުލޫމާތު ފުރިހަމައަށް ދޭން އާއްމުންގެ ކިބައިން ނަޒްލާ ތަކުރާރުކޮށް އެދިވަޑައިގަތެވެ. ކަރަންޓީނުގައި ހުރި މީހަކާ ބައްދަލުވުން ކަހަލަ (ގަވައިދާ ހިލާފު) ކަމެއް ކުރެވިފައި އޮތަސް އެކަން އެޗްޕީއޭ އަަށް އަންގަން އޭނާ އެދިވަޑައިގެންނެވި އެވެ.

"އޭރުން އަޅުގަނޑުމެންނަށް އެ ބައްޔަށް ހުށަހެޅުނު އެންމެން، ރިސްކަށް ހުށަހެޅުނު އެންމެން ކަރަންޓީނުކޮށް، އެންމެން ޓެސްޓްކޮށް އެއްކޮށް ޓްރޭސްކޮށް ހެދޭނީ،" ނަޒްލާ ވިދާޅުވި އެވެ.

ކޮންޓެކްޓުންގެ މައުލޫމާތު އެންމެ ރަނގަޅަށް އެއްކުރެވޭނެ އެއްގޮތަކީ އެޗްޕީއޭ އިން ތައާރަފްކޮށްފައިވާ "ޓްރޭސް އެކީ" އެޕްލިކޭޝަން ބޭނުންކުރުން ކަމަށް ވާތީ އެ އެޕްލިކޭޝަން ފޯނަށް އަޅައި ބޭނުންކުރަން ނަޒްލާ އިލްތިމާސް ކުރެއްވި އެވެ.

ރާއްޖެއިން މިހައިތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަަދަދަކީ 2،664 އެވެ. އޭގެ ތެރެއިން 13 މީހަކު މަރުވެފައިވާއިރު 2،268 މީހަކު ވަނީ ރަނގަޅު ވެފަ އެވެ. މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 378 އެވެ.