27 އޮކްޓޯބަރ 2016
މެރީޑިއަމް ކުންފުންޏަށް 19 މިލިއަނެއްހާ ރުފިޔާގެ ތެޔޮ ދޫކުރި ކަމަށް ބުނެ އެސްޓީއޯ އިން ދައުވާ ކުރާ އިރު އެ ތެޔޮ މެރީޑިއަމަށް ނުލިބޭ ކަމަށާއި އެހެންވެ އެސްޓީއޯގެ މުވައްޒަފުންނަށް ޚިޔާނާތުގެ ތުހުމަތު ކުރެވޭ ކަމަށް މެރީޑިއަމްގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
މެރީޑިއަމް ކުންފުންޏަށް 19 މިލިއަނެއްހާ ރުފިޔާގެ ތެޔޮ ދޫކުރި ކަމަށް ބުނެ އެސްޓީއޯ އިން ދައުވާ ކުރާ އިރު އެ ތެޔޮ މެރީޑިއަމަށް ނުލިބޭ ކަމަށާއި އެހެންވެ އެސްޓީއޯގެ މުވައްޒަފުންނަށް ޚިޔާނާތުގެ ތުހުމަތު ކުރެވޭ ކަމަށް މެރީޑިއަމްގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުންޏަށް ދޫކުރި ތެލަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ މެރީޑިއަމްގެ މައްޗަށް ކުރި ދައުވާ ދަށު ކޯޓުގައި ސާބިތު ނުވުމުން އެ މައްސަލަ އެސްޓީއޯ އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވެސް މެރީޑިއަމުން ބުނަމުންދިޔައީ ދައުވާގައި ބުނާ ތެލަކީ އެ ކުންފުންޏަށް ލިބިފައިވާ ތެލެއް ނޫން ކަމަށެވެ.
މެރީޑިއަމްގެ ވަކީލު އަހުމަދު ސަލީމް ވިދާޅުވީ ދައުވާގައި ބުނާ ތެލަކީ އެ ކުންފުންޏަށް ލިބިފައިވާ ތެލެއް ނޫން ކަމަށާއި އެކަމުގެ އެއްވެސް ހެއްކެއް ވެސް އެސްޓީއޯ އަށް ނުދެއްކޭ ކަމަށެވެ. ތެޔޮ ދޫކުރީ މެރީޑިއަމަށް ކަމަށް ކ. ފުނަދޫގައި ތެޔޮ ދޫކުރަން ތިބި އެސްޓީއޯގެ މުވައްޒަފުން ބުނާ އިރު، އެކަމުގެ ހެއްކެއް އެ މީހުންނަށް ނުދެއްކޭ ކަމަށާއި އެހެންވެ އެ ތެލަށް ވީ ގޮތް ސާބިތު ކޮށްނުދެވިއްޖެ ނަމަ އެ މީހުންގެ މައްޗަށް ޚިޔާނާތު ތުހުމަތު ކުރެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ރާއްޖޭގައި ހިނގާފައި ހުރި ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ އެ ތެޔޮ މެރީޑިއަމަށް ދޫކުރި ކަމުގެ އެއްވެސް ހެއްކެއް އެސްޓީއޯ އަށް ނުދެއްކޭ ކަމަށާއި ދައުވާ ސާބިތުކޮށް ދިނުމަކީ އެސްޓީއޯގެ ޒިންމާއެއް ކަމަށެވެ. އެސްޓީއޯ އިން ހުށަހެޅި ލިޔުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށާއި އެސްޓީއޯ އިން ހުށަހެޅި ހެކިންނަކީ އެ ކުންފުނީގެ މުވައްޒަފުން ކަމަށްވާތީ އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި މެރީޑިއަމަށް ތެޔޮ ދޫކުރި ނަމަ މެރީޑިއަމުން އެސްޓީއޯ އަށް ޗެކެއް ދީފައި އޮންނާނެ އެވެ. އެހެންވެ އެ ޗެކް ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ޗެކް ބައުންސްވި ކަމަށްވާ ނަމަ އެކަން ލިޔުމުން މެރީޑިއަމަށް އަންގައި، ފޮނުވި ސިޓީ ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. އަދި ޗެކް ނުދޭ ނަމަ ތެޔޮ ނުދީ ހިފެހެއްޓުމުގެ ބާރު އެސްޓީއޯ އަށް އޮތް އިރު އެކަން ނުކުރީ ކީއްވެގެންތޯ ވެސް މެރީޑިއަމްގެ ވަކީލުން ސުވާލު އުފެއްދި އެވެ.
އެސްޓީއޯގެ ވަކީލު މަޒްލާން ވިދާޅުވީ މެރީޑިއަމުން ޗެކެއް ނުދޭ ކަމަށާއި ފައިިސާ ދައްކަން އިންވޮއިސް ފޮނުވުމުން އިންވޮއިސް އޮފީހުގައި ބަހައްޓައިގެން މެރީޑިއަމުން އުޅުނީ ކަމަށެވެ. ފައިސާ ދައްކަން އަންގައި، އެސްޓީއޯއިން ފޮނުވި އެއްވެސް އިންވޮއިސެއް މެރީޑިއަމުން އަނބުރާ ފޮނުވާލާފައި ނެތް ކަމަށާއި އެކަމަކު މައްސަލަ ކޯޓަށް ހުށަހެޅުމުން އެ އިންވޮއިސްތަކުގެ ސައްހަކަމާ މެދު މެރީޑިއަމުން ސުވާލު އުފައްދަމުންދާ ކަމަށް މަޒްލާން ވިދާޅުވި އެވެ.
މަޒްލާން ވިދާޅުވީ އެސްޓީއޯ އިން ހުށަހެޅި ލިޔުންތަކުގެ ސައްހަކަމާ މެދު މެރީޑިއަމުން ސުވާލު އުފައްދަމުން ދާ އިރު ވަގު ލިޔުންތަކެއް ހެދި ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަނޭޅީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެސްޓީއޯ ތެރެއިން ގެއްލުނު އެ މައްސަލައިގެ ލިޔުންތަކުގެ މައްސަލަ އަލުން ތަހުގީގު ކުރެވޭތޯ ފުލުހުންނާ ގުޅިގެން އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ރިޔާޒް ވިދާޅުވީ އެސްޓީއޯ އިން އޭނާގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަމުންދާ ކަމަށާއި އެކަން ފަނޑިޔާރުން ނުހުއްޓުވާތީ ހައިރާންވާ ކަމަށެވެ. އެ ދައުވާއަކީ ކީއްވެގެން ކުރި ދައުވާއެއް ކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި އޭގެ ސަބަބުން މިއަދާ ހަމަ އަށް ވެސް އެކަމުގެ ގެއްލުންވަމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވަނީ ނޫސްވެރިން އެ މައްސަލައިގެ މައުލޫމާތު އާންމު ކުރަމުންދާ ގޮތުން އެކަމުގެ ގެއްލުމާ ވެސް މެރީޑިއަމުން ކުރިމަތިލާން ޖެހޭ ކަމަށް ވިދާޅުވެ، ނޫސްވެރިންނަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު އަބްދުﷲ ވިދާޅުވީ ނޫސްވެެރިން ދޮގު މައުލޫމާތެއް ފަތުރައިފި ނަމަ އެކަމަށް ފިޔަވަޅު އަޅަން ވަކި މުއައްސަސާތައް ހުންނާނެ ކަމަށާއި އެކަމަކު ވަކި އެއްޗެއް ލިޔަން ނުވަތަ ނުލިޔަން ކޯޓުން ނޫސްވެރިންނަށް ނާންގާނެ ކަމަށެވެ.
އިސް ފަނޑިޔާރު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ބެންޗުން އިއުލާން ކުރި އެވެ.
މެރީޑިއަމަށް 2010 ގެ ފަހުކޮޅު 19 މިލިއަނެއްހާ ރުފިޔާގެ ތެޔޮ ދޫކުރި ކަމަށާއި އެ އަށް ފައިސާ ނުލިބޭ ކަމަށް ބުނެ މެރީޑިއަމުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލަ ފެންމަތިވުމުން އެސްޓީއޯ އިން ވަނީ މެރީޑިއަމަށް ތެެޔޮ ދޫކުރަން އޮންނަ ކްރެޑިޓް ލިމިޓް ކުޑަކޮށް، ފައިސާ ދައްކަންޖެހޭ މުއްދަތު ވެސް ކުރުކޮށްފަ އެވެ. އެ މައްސަލަ މެރީޑިއަމުން ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކްރެޑިޓް ލިމިޓް ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.
މެރީޑިއަމުން 19 މިލިއަން އެސްޓީއޯއަށް ދޭން ޖެހިއްޖެ
އެސްޓީއޯގެ 19 މިލިއަން ރުފިޔާ މައްސަލަ އިސްތިއުނާފަށް
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
"ތެޔޮ ރައްކާކުރަން މާގިރި ފަޅު 18 މަހުން ހިއްކާނެ"
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
ލިއުންތައް ހުރިކަމަށް ބުނީ ނުފޫޒުފޯރުވަން: މެރީޑިއަމް
އެމްޕީއެލްގެ މައްޗަށް ނެރުނު އަމުރަށް ބަދަލެއް ނުގެނައި
އެމްޕީއެލްގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް
އެމްޕީއެލްއަށް ތެޔޮ ހޯދޭނީ މެރީޑިއަމުން އެކަނި