Roadha Mihaaru
މޫސަ ފިންގަޕްރިންޓު ހުށައެއް ނާޅަ، އެކަމަކު ޕާޓީގައި

ރީކޯ މޫސަ ފިންގަ ޕްރިންޓް ހުށައެއް ނާޅުއްވާ، އެމްޑީޕީން ވަތްކެއް ވެސް ނުވޭ

27 އޮކްޓޯބަރ 2016

ހުޅުހެންވޭރު ދާއިރާގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތަށް، ފިންގަޕްރިންޓު ޖަހާފައިވާ މެމްބަޝިޕް ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި ނުވާކަން އެނގިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުހެންވޭރު ދާއިރާގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތަށް، ފިންގަޕްރިންޓު ޖަހާފައިވާ މެމްބަޝިޕް ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި ނުވާކަން އެނގިއްޖެ އެވެ.

މޫސަ ޑިސެމްބަރު 22، 2014 ގައި އެމްޑީޕީން ވަކިކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޕާޓީގެ ތްރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ. އެހެންވެ، ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ މޫސަ މާފަށް އެދިވަޑައިގަތުމަށް ފަހު، 50 މެމްބަރުންގެ ސޮޔާ އެކު އަލުން ޕާޓީ އޮފީހަށް ފޯމް ހުށަހެޅުމަށެވެ. އަދި އެމްޑީޕީގެ އެއްވެސް އިންތިހާބެއްގައި ވާދަކުރުން ފަސް އަހަރަށް ވަނީ މަނާކޮށްފަ އެވެ.

މޫސަ މިއަދު ވިދާޅުވީ އެމްޑީޕީ އަށް ވަނުމަށް ފިންގަ ޕްރިންޓާ އެކު މިދިޔަ އަހަރު އެމްޑީޕީ އޮފީހަށް ފޯމް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަޝިޕް ފޯމު ފިންގަޕްރިންޓާ އެކު ހުށަހަޅަން އިލެކްޝަނުން ދިން މުއްދަތު ވަނީ މި މަހުގެ 11 ވަނަ ދުވަހަށް ހަމަވެފަ އެވެ. އެގޮތަށް ފޯމު ހުށަހަޅާފައި ނުވާ މެންބަރުން އެމްޑީޕީން ވަކިކުރުމުން މިހާރު 27،000 މެންބަރުންނާ އެކު އެއީ މެންބަރުންގެ އަދަދު ދެ ވަނަ އަށް އެންމެ ގިނަ ޕާޓީ އެވެ. ކުރިން އެއީ އެންމެ ބޮޑު ޕާޓީ އެވެ.

އެމްޑީޕީ އަށް ވަނުމަށް މޫސަ އަލުން ފޯމު ހުށަހަޅުއްވާފައި އޮތް ނަމަވެސް މޫސަ އަމަލުކުރައްވާފައި ވަނީ ފިޔަވަޅު އަޅާ ކޮމެޓީން އެންގި ގޮތަކަށް ނޫނެވެ. މޫސަ ވިދާޅުވި ގޮތުގައި މާފަށް އެދިވަޑައިގެން 50 މެމްބަރުންގެ ސޮޔާ އެކު އަލުން ފޯމް ހުށަހަޅަން ޖެހޭ ވަރުގެ ކުށެއް އޭނާ ނުުކުރައްވަ އެވެ. އަދި ޕާޓީން ވަކިކުރީ ޒާތީ ކަމެއް އޮވެގެން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ފިންގަޕްރިންޓާ އެކު ފޯމު ހުށަނާޅާ މެންބަރުން ސިޔާސީ ޕާޓީތަކުގެ ދަފުރަތުން އުނިކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެގޮތަށް އަމަލުކުރަން ފަށާފައި ވިޔަސް އެމްޑީޕީ ދަފުތަރުން މޫސަގެ ނަން އިލެކްޝަންސް ކޮމިޝަނުން އުންޏެއް ނުކުރެ އެވެ. މޫސަ ވެސް ވިދާޅުވީ ޕާޓީގެ ދަފުތަރުން ވަކިކުރިކަން އަންގާފައި ނުވާ ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި އޭނާ ބަލައިނުގަންނަނީ އެމްޑީޕީގެ ލީޑަޝިޕުންނެވެ. ޕާޓީގެ އާންމު މެމްބަރުން އޭނާ ބަލައިގަންނަ ކަމަށާއި އެމްޑީޕީ ކުރިއެރުވުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް އަމިއްލަ ގޮތުން ކޮމިޝަނަކަށް ފޯމެއް ހުށައެއްނޭޅޭނެ، އެއީ ޕާޓީ އޮފީހަށް ހުށަހަޅައިގެން އެ އޮފީހުން ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ،" މޫސަ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީގެ އެންގުމާ އެއްގޮތަށް އަމަލު ނުކުރާ ނަމަ ފޯމު ބަލައިނުގަނެވޭނެ ކަމަށް މޫސަ އަށް އަންގާފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނުލިބުނެވެ.

ފިންގާ ޕްރިންޓް ނެތިގެން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޕާޓީން ވަކިކޮށްފައިވާ ކަމަށް އިލެކްޝަނުން އިއްޔެ އެންގި އެވެ. ނަމަވެސް ކޮމިޝަނުން ފަހުން ބުނެފައި ވަނީ އެ ބޭފުޅުން ފޯމު ހުށަހަޅުއްވާފައިވާ ކަމަށާއި ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.