ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަމުރު ނުކުރައްވާތީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
19 ޖެނުއަރީ 2025
ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން އެކި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާ މައްސަލަ ތަހުގީގު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަމުރު ނުކުރައްވާތީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސައްހަ ނޫން ފޯމުތައް ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ވައްދަމުންދާ މައްސަލަ ބޮޑުވެފައިވާތީ، އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު މަހުފޫޒް ސައިދު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތައް ބަލަން ޕީޖީ މީގެ ކުރިން ވެސް އަމުރު ކުރައްވާފައިވާ ކަަމަށެވެ.
މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ރައްޔިތުންގެ މަޖިލީހުން އަންގައިގެން، ބަދަލު ދިނުމަށްޓަކައި ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތައް ތަހުގީގުކުރަން ޕީޖީ ދާދިފަހުން އެންގެވި މައްސަލަ އެވެ.
އޭނާ ވިދާޅުވީ، މިފަދަ މައްސަލަތައް ތަހުގީގު ކުރައްވަން ޕީޖީ އަމުރު ކުރައްވާފައިވާއިރު އެއަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ވަގު ފޯމުގެ މައްސަލަ ތަހުގީގު ކުރަން ޕީޖީ އަންގާފައި ނެތުމަކީ ކަންބޮޑުވާ ކަމަށެވެ.
"ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުން ރައްކާތެރިވެގެން ވުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް. އަރައިގަނެވުނީ އަސާސީ ހައްގަކަށް. އެއާއެކު ހިނގައިދިޔަ ބައިވަރު ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް އަޅުގަނޑުމެން އެކި އިދާރާތަކުގައި އެދުނީ،" މަހުފޫޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ތަރުޖަމާނު އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަން ޕީޖީގެ ފަރާތުން އަމުރުކޮށް ދިނުމަށް އެ މައްސަލާގައި ގާނޫނީ ޓީމުން ހުށަހަޅާފައިވާނެ ކަމަށެވެ.
އެގޮތަށް އެދުނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަޝިޕް އިތުރު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައި އޮތުމަކީ ގިނަ ބައެއްގެ މަސްލަހަތު އެކުލެވޭ ކަމެއް ކަމުގައިވާތީ ކަމަށް އަނަސް ވިދާޅުވި އެވެ.
"މީހުންގެ ޒާތީ މައުލޫމާތު އޮޅުވާލައިގެން އައިޑެންޓިޓީ ތެފްޓު ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަކީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމެއް. އެ އިތުބާރު ނެގެހެއްޓުމަށްޓަކައި ނަމަވެސް ޕީޖީން އެބަ ޖެހޭ މި މައްސަލަ ތަހުގީގުކޮށްދޭން އަވަސްކުރަން،" އަނަސް ވިދާޅުވި އެވެ.
ވަގުފޯމު ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް ވެއްދި މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން އެމްޑީޕީން ވަނީ ފަށައިފަ އެވެ. އެ ޕާޓީން މިއަދު ބުނި ގޮތުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ވަނީ އެކަމުގެ ޝަކުވާ އެ ޕާޓީއަށް ހުށަހަޅައިފަ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
އޭގެ ތެރޭގައި ކުރީގެ އައިޑީ ކާޑުގައި ހުރި ފޮޓޯ ބޭނުން ކުރުމާއި ސޮއި ފޯޖު ކުރުމާއި ފިންގަރޕްރިންޓް ފޯޖުކޮށްފައިވާ މައްސަލަތައް ހިމެނޭ ކަމަށް ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލާގައި އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު އަމާޒުވެފައި ވަނީ ވެރިކަން ހިންގާ ޕީއެންސީއަށެވެ. އެ މައްސަލާގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް އީސީ އަށް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެފަ އެވެ.
އީސީން ކުރިން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލަ ލިބުނެވެ. އެ މައްސަލަތައް މިފަހުން ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލު ކުރުމުންނެވެ. އީސީން ފަހުން ވަނީ އެ ފޯމު ބާތިލްކޮށްފަ އެވެ.
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
ނޭނގި ޕާޓީ ބަދަލުކުރާކަމުގެ ޝަކުވާ ލިބިފައިވޭ: އީސީ
ނޭނގި ޕާޓީބަދަލުވާ މައްސަލާގައި އެމްޑީޕީގެ ކަންބޮޑުވުން
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ 5 ޕާޓީއަކަށް
އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަށައިފި
ޑިމޮކްރެޓްސްގެ ލިސްޓު ލީކުވުމުގައި އިހުމާލެއް ނެތް!