Roadha Mihaaru
އިންތިހާބާ ދިމާކޮށް އެފްބީއާ ދުރުވާ ނަމަ ފައިސާ ދެނީ

އެމެރިކާގެ ރިއާސީ އިންތިހާބާ ދިމާކޮށް ފޭސްބުކާއި އިންސްޓަގްރާމާ ދުރުވާ މީހުންނަށް ފައިސާ ދެނީ

05 ސެޕްޓެމްބަރ 2020

އެމެރިކާގައި އަންނަ ނޮވެމްބަރު ބާއްވާ ރިއާސީ އިންތިހާބާ ދިމާކޮށް އެ ގައުމުގައި ފޭސްބުކާއި އިންސްޓަގްރާމް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓައިލާ މީހުންނަށް ފައިސާ ދޭން މާކް ޒަކަބާގްގެ ފޭސްބުކުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި އަންނަ ނޮވެމްބަރު ބާއްވާ ރިއާސީ އިންތިހާބާ ދިމާކޮށް އެ ގައުމުގައި ފޭސްބުކާއި އިންސްޓަގްރާމް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓައިލާ މީހުންނަށް ފައިސާ ދޭން މާކް ޒަކަބާގްގެ ފޭސްބުކުން ނިންމައިފި އެވެ.

މި ވާހަކަ މިދިޔަ ބުރާސްފަތި ދުވަހު ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓަރެއް ކަމަށްވާ އެލިޒަބަތު ވޮޒްކިން ފޭސްބުކްގެ ބަޔާނެއްގެ ސްކްރީން ޝޮޓަކާ އެކު ހާމަކުރުމާ އެކު މިިކަމުގެ ހަގީގަތް ސާފުކޮށްދޭން ވަރަށް ގިނަ ބަޔަކު އެދިފައިވެ އެވެ. އެއާއެކު ފޭސްބުކުން ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

އެ ކުންފުނީގެ ތަރުޖަމާނު ލިޒް ބޯޖެސް ވިދާޅުވީ އެމެރިކާގެ ރިއާސީ އިންތިހާބު ބާއްވާ ދުވަހާ ދިމާކޮށް ފޭސްބުކާއި އިންސްޓަގްރާމް ބޭނުންކުރުން ހުއްޓައިލާ މީހުންނަށް ފައިސާ ދޭން ނިންމީ ޑިމޮކްރަސީއެއްގެ ތެރޭގައި ބާއްވާ އިންތިހާބެއްގައި ސޯޝަލް މީޑިއާގެ ނުފޫޒު އޮތް ވަރު ބެލުމަށް ކުރިއަށް ގެންދާ ސާވޭއަކަށް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކާ އާންމުން ދުރުވުމުން އެކަމުގެ ސަބަބުން އިންތިހާބަށާއި މުޅި މުޖުތަމައަށް ކުރާ އަސަރު ސާވޭގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ފޭސްބުކުން ލަފާކޮށްފައި ވަނި މި ސާވޭ އަށް އެއްބާރުލުން ދިނުމުގެ ގޮތުން 200،000-400،000 އެއްހާ މީހުން އެފްބީ އާއި އިންސްޓަގްރާމް ހުއްޓައިލާނެ ކަމަށެވެ.

މިކަން ކުރާ މީހުންނަށް ފައިސާ ދޭން ނިންމާފައި ވަނީ އެ މީހަކު އެ ދެ ޕްލެޓްފޯމާ ދުރުގައި ހުންނަ މުއްދަތަށް ބަލައިފަ އެވެ. އެގޮތުން 1-6 ހަފުތާގެ މުއްދަތަކަށް ފޭސްބުކާއި އިންސްޓަގްރާމާ ދުރުގައި ހުރުމަށް، ހަފުތާއަކަށް 10،15 އަދި 20 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.

މި ދިރާސާއާ ބެހޭ ގޮތުން ތަރުޖަމާނު ވިދާޅުވީ މިއީ އިލްމީ ބޭނުމަކަށް ހަދާ ދިރާސާއެއް ކަމަށާއި ދިރާސާއާ ބެހޭ ރިޕޯޓް އެންމެ އަވަސްވެގެން ވެސް ނެރޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.

އެމެރިކާގެ ރިއާސީ އިންތިހާބު ނޮވެމްބަރުގެ މަހުގެ 3 ގައި ބާއްވާ އިރު، ފޭސްބުކުން ވަނީ ސިޔާސީ އިޝްތިހާރުތައް ވެސް ފޭސްބުކްގައި ކުރުމުމުގެ ފުރުސަތު ނުދޭން ވެސް ނިންމައިފަ އެވެ.

އިންތިހާބުގައި އެންމެ ވާދަވެރި ދެ ކެންޑިޓޭޓުންނަކީ މިހާރުގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ.