Roadha Mihaaru
ޒަހާގެ މަރުގެ މައްސަލަ: ގިނަ ބަޔަކާ ސުވާލުކޮށްފި

ޒަހާގެ މަރުގެ މައްސަލަ: ގިނަ ބަޔަކާ ފުލުހުން ސުވާލުކޮށްފި

31 އޯގަސްޓް 2020

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓްހައުސްއެއްގައި ކުއްލި ގޮތަކަށް މަރުވި، ފާތުމަތު ޒަހާ އަހުމަދު ޝަކީލްގެ މަރުގެ މައްސަލައިގައި ފުލުހުން ގިނަ ޒުވާނުންތަކަކާ ސުވާލުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓްހައުސްއެއްގައި ކުއްލި ގޮތަކަށް މަރުވި، ފާތުމަތު ޒަހާ އަހުމަދު ޝަކީލްގެ މަރުގެ މައްސަލައިގައި ފުލުހުން ގިނަ ޒުވާނުންތަކަކާ ސުވާލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ސުވާލު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން ވެސް ހިމެނެ އެވެ. އެ އެންމެންނަކީ ވެސް ގެސްޓްހައުސްގައި ޒަހާއާ އެކުގައި އެވަގުތު ތިބި މީހުންނެވެ.

ފުލުސް އޮފީހުން ބުނީ މި މައްސަލައިގައި ޒުވާނުންތަކަކާ ސުވާލުކުރި ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު "މިހާރު"އަށް އެނގިފައިވާ ގޮތުގައި ސުވާލުކުރި މީހުން މަސްތުވާތަކެތި ބޭނުން ކުރިތޯ ބަލަން ފުލުހުން ވަނީ ޓެސްޓު ހައްދާފަ އެވެ. އަދި އެ މީހުންގެ ފޯނުތައް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެރޭ ޒަހާއާ ބައްދަލުވި ޒުވާނަކު، ނަން ނުޖަހާ ގޮތަށް، ބުނީ އޭނާ އެ ގެސްޓްހައުސްއަށް ދިޔައީ، ޒަހާގެ ހާލު ގޯސްވާ ކަމަށް ބުނެ، އެހެން އެކުވެރިންތަކެއް ގުޅުމުން ކަމަށެވެ. ގެސްޓްހައުސްގެ ކޮޓަރިއަށް ދިޔައިރު އެތަނުގައި 11 ވަރަކަށް ޒުވާނުން ތިބި ކަމަށާއި ގިނައީ ފިރިހެނުން ކަމަށް އޭނާ ބުންޏެވެ.

ފެނުނު މަންޒަރުތަކުން އޭނާ ތުހުމަތުކުރަނީ އެތަނުގައި ރެޑްބުލް ބޮއެ، ޕާޓީކޮށްފައި ހުރި ކަމަށެވެ.

"އަޅުގަނޑު ދިޔަ އިރު ޒަހާ އޮތީ އެތަނުގައި ތިބި ދެތިން އަންހެން ފްރެންޑުން ހިފަހައްޓައިގެން، އޭރު އޭނާ ނޭވާލަމުން ދިޔައީ ވަރަށް ފާޑަކަށް،" އެ ޒުވާނާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލަށް ނުގެންގޮސް ލަސްކުރީ ކީއްވެތޯ އެތަނުގައި ތިބި މީހުންނާ ސުވާލު ކުރުމުން، "ފުލުހުންނަށް ބަސްޓް ވެދާނެތީ" ކަމަށް ބުނި ކަމަށެވެ. ޒަހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ގޮސް ކަމަށް ވެސް ޒުވާނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކާރަށް އެރުވި އިރު، ކުރިން ލީ ގޮތަށް ރަހުމަތްތެރިޔާ ނޭވާ ވެސް ނުލަ އެވެ.

ޒަހާ މަރުވި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހދ. މަކުނުދު އަށް އުފަން ޒަހާގެ މަރާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާ މަރުވި ފަހުން ހެދި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް، އެޗުޕީއޭއިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެއީ ކޮވިޑްގެ މަރެއްގެ ގޮތުގައެއް އެޗުޕީއޭއަކުން ނުބަލަ އެވެ.

ޒަހާއާ އެކު އެރޭ އުޅުނު ބައެއް ޒުވާނުން މިހާރު ތިބީ ކަރަންޓީނުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އުރީދޫ އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ ޒަހާ، އެ ދުވަހު ހެނދުނު ޑިއުޓީއަށް ވެސް ނުކުތްކަމަށް ވެ އެވެ. ވަޒީފާގައި އުޅެމުން ގައުމީ ޔުނިވަސިޓީގައި ލެބޯރެޓަރީ ސައިންސްގެ ދާއިރާ އިން ޒަހާ އައީ ކިޔަވަމުންނެވެ. މީގެ ދެ އަހަރު ކުރިން ހުޅުމާލޭގައި ވަނީ ޒުވާނުންތަކެއްގެ ކުއްލި މަރުގެ ހިތާމަވެރި ހާދިސާއެއް ހިނގައިފަ އެވެ. ސެޕްޓެމްބަރު 28، 2017 ވަނަ ދުވަހުގެ ރޭ ޕާޓީ ޑްރަގްސް ބޭނުންކޮށްގެން ތިއްބާ ހިނގި އެ ހާދިސާގައި މަރުވީ ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.