31 އޯގަސްޓް 2020
މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، މުޅި ދުނިޔެ ބިރު ގަންނުވާލާފައިވާ ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފަށައި، ވެރިރަށް ބަންދުކުރުމާ އެކު ރަށްރަށުގެ ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ، އެކަށީގެންވާ ބޭސް ފަރުވާގެ މަގު ބަންދުވީ ކަމަށެވެ. ރަނގަޅު ފަރުވާ ހޯދުމަށް، ފޮށިތަންމަތި ހަދައިގެން ރާއްޖޭގެ އުތުރާއި ދެކުނުން ކުރި ދަތުރުތައް ހުއްޓާލަން ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން، މުޅި ދުނިޔެ ބިރު ގަންނުވާލާފައިވާ ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފަށައި، ވެރިރަށް ބަންދުކުރުމާ އެކު ރަށްރަށުގެ ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ، އެކަށީގެންވާ ބޭސް ފަރުވާގެ މަގު ބަންދުވީ ކަމަށެވެ. ރަނގަޅު ފަރުވާ ހޯދުމަށް، ފޮށިތަންމަތި ހަދައިގެން ރާއްޖޭގެ އުތުރާއި ދެކުނުން ކުރި ދަތުރުތައް ހުއްޓާލަން ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
އިތުރު ގޮތެއް ނެތުމުން، ބޭސް ފަރުވާއަށް ދެން ދާން ޖެހުނީ އެންމެ ކައިރީގައި ހުރި ރީޖަނަލް ހޮޮސްޕިޓަލަށެވެ. ވިހަން މާލެ ދާން ރާވައިގެން ތިބި މީހުންގެ ދަތުރު ވެސް އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްލަން ޖެހުނެވެ. އެކަމަކު އެންމެ ފުރިހަމަ ހިދުމަތް ނުލިބުނަސް، އަދި ބައެއް ތަކުލީފުތައް ހުރި ނަމަވެސް، އެއް ކަމެއް އެންމެންނަށް ޔަގީން ވެއްޖެ އެވެ؛ ހުރިހާ ކަމެއްގައި ބޭސް ފަރުވާއަށް މާލެ ދިޔުން ކޮންމެހެން މުހިއްމު ނޫން ކަމެވެ.
"މާލެ ލޮކްޑައުން ކުރީމާ އެންމެ ދެރަވީ ވިހަން މާލެ ނުދެވޭނެތީ. ސިޒޭރިއަންއަކަށް ދާން ޖެހޭތީ، އައިޖީއެމްއެޗް ނޫނީ އޭޑީކޭގައި އެކަން ކުރަން ނިންމައިގެން ހުރީ. އެކަމަކު މާލެ ދެވޭ ގޮތް ނުވުމުން އެންމެ ފަހުން ވިހަން ދާން ޖެހުނީ އަތޮޅު ހޮސްޕިޓަލަށް،" އއ. ތޮއްޑުއަށް އުފަން ޒުވާން އަންހެނަކު، ނަން ނުޖަހަން އެދެމުން، ބުންޏެވެ.
"ހިދުމަތް ހަމަ ވަރަށް ރަނގަޅު. ހަމައެކަނި ނާސަރީއެއް ނެތްކަން. ހުރިހާ ކަމެއް ވެސް ހަމަ ވަރަށް ރަނގަޅަށް ދިޔައީ،"
މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އެ އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ދަށެވެ. މާލެއާ ކައިރިވެ، ދަތުރު ފަތުރުކުރުމަށް ފަސޭހަ ވުމުން، ޑޮކްޓަރަށް ދައްކަން ގިނަ މީހުން ގިނައިން ހިޔާރުކުރަނީ މާލެ އެވެ. އެހެންވެ އެ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ބޭނުން ނުހިފި، ވަސީލަތްތައް ވެސް މަދެވެ.
ނ. އަތޮޅު ހޮސްޕިޓަލްގެ ބައެއް މުވައްޒަފުން ހޮސްޕިޓަލު ބޭރުގައި މަޑުކޮށްލައިގެން: އަތޮޅު ހޮސްޕިޓަލްތަކުގެ ފެންވަރު ވެސް ރަނގަޅު
އެކަމަކު ކޮވިޑާ ގުޅިގެން މާލެެ ބަންދުކުރުމުން، އއ، އދ، މ. އަދި ވ. އަތޮޅުގެ މީހުންނަށް ވެސް ހިޔާރުކުރަން ޖެހުނީ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ނުވަތަ ރީޖަނަލް ހޮސްޕިޓަލެވެ. މިއީ އެ ތަންތަނުގެ ސިއްހީ ހާލަތު ވަޒަންކޮށްލަން ވެސް ލިބުނު ފުރުސަތެކެވެ.
އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ބުންޔާމީން ހަސަން ގަބޫލުކުރައްވާ ގޮތުގައި އެތަނުގެ ސިއްހީ ފެންވަރު ދަށް ނޫންކަން މިހާރު މީހުންނަށް އެނގޭނެ އެވެ. އެކަމަކު މި އަހަރު ފެށުނު އިރު، އަތޮޅު ހޮސްޕިޓަލްތައް ޓާޝަރީ ފެންވަރަށް ބަދަލުކޮށްފައި ހުރުމަކީ ނަސީބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. މި ބަލިމަޑުކަން ލައިގެންތާ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކަށް ވަނީ ޑޮކްޓަރުން ހަމަކޮށް، ވަސީލަތްތައް ވެސް އިތުރުކޮށްފަ އެވެ.
ކޮވިޑާ ހެދި މާލެ ނުދެވޭތީ އަތޮޅު ހޮސްޕިޓަލްތަކަށް މި ދުވަސްވަރު ވަރަށް ބާރުބޮޑެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި އދ. އަތޮޅު ހޮސްޕިޓަލަށް ވިއްސަން ދިޔައީ ޖުމްލަ 65 މީހުންނެވެ. އެކަމަކު އަންހެނުންގެ ހާއްސަ ޑޮކްޓަރާއި ކުޑަކުދިންގެ ޑޮކްޓަރަކު ވެސް ހުންނަ އެ ހޮސްޕިޓަލުގައި، މިދިޔަ ހަތަރު މަހުގެ ތެރޭގައި އެކަނި ވެސް 50 އަށް ވުރެ މީހުން ވަނީ ވިހާފަ އެވެ. ނާސަރީއެއް ނެތިގެން، މާލެ ފޮނުވާލަން ޖެހުނީ އެންމެ ކުއްޖެކެވެ. އަންހެނުންގެ ޑޮކްޓަރާއި ކުޑަކުދިން ދައްކަން ދާ މީހުންގެ އަދަދު ވެސް މިހާރު ހާހަކާ ގާތްކުރެ އެވެ.
"އެހެންވެ، އަޅުގަނޑުމެންނަށް އެބަ މެނޭޖްކުރެވެއެއް ނޫންތޯ މާލެ ނުދެވުނަސް. އެކަމަކު އެކަން އަޅުގަނޑުމެންނަށް މި އެނގުނީ މާލެ ނޫން ތަނެއް އޮތްކަން މީހުންނަށް ޔަގީންކޮށްދެވުމުން،" ބުންޔާމީން ވިދާޅުވި އެވެ.
"ކުރިން ވެސް އަޅުގަނޑުމެންގެ މި ހިދުމަތްތައް ހުރި. އެކަމަކު އޭރަކު މީހުންނެއް ނާދޭ."
މި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްތައް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. ޑޮކްޓަރުންގެ އަދަދު އިތުރުކޮށް، ވަސީލަތްތައް ވެސް ގިނަކޮށްފަ އެވެ. ހދ. ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭ ޑޮކްޓަރުންގެ އަދަދު، 18 އިން 45 އަށް އިތުރުކޮށް، އައްޑޫގެ ހޮސްޕިޓަލްތަކުން ގިނަ ހިދުމަތްތަކެއް ވަނީ ފަށައިފަ އެވެ. އަރިއަތޮޅުގެ އިތުރުން، ވ، ބ، އަދި ށ. އަތޮޅު ފިޔަވައި ހުރިހާ އަތޮޅެއްގައި އެތެރެހަށީގެ ޑޮކްޓަރެއް ހުރެ އެވެ. އަރިއަތޮޅާއި ވ. އަތޮޅު ފިޔަވައި ހުރިހާ އަތޮޅެއްގައި ދަތުގެ ފަރުވާ ލިބެ އެވެ. އެހެންވެ، އެތެރެހަށީގެ ޑޮކްޓަރުން ހަމަކޮށް، ބޮޑެތި ހޮސްޕިޓަލްތަކުގައި ކުޑަކުދިންނަށް ހާއްސަ ނާސަރީ ގާއިމްކުރުމުން، ބޭސްފަރުވާ ހޯދަން މާލެ ދިޔުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށް ބުންޔާމީން ގަބޫލުކުރައްވަ އެވެ.
ކުރިން ނަމަ އެ 100 މީހުން ވެސް ފަރުވާ ހޯދަން ޖެހޭނީ މާލެ ދާން. އެކަމަކު ދެތިން ދުވަހަށް ނަމަވެސް، ޑޮކްޓަރުން ރަށަށް އައިސް ފަރުވާ ދިނުމުން ކިހާ ބޮޑު ހަރަދެއްތޯ މީހުންގެ އަތުން އެ ސަލާމަތްވީ
މިހާރު ދުވާލަކު އެތައް ސަތޭކަ މީހުންނަށް ފަރުވާ ދެމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާވޫދު ދެކެވަޑައިގަންނަވާ ގޮތުގައި ރަށްރަށުގައި ހޮސްޕިޓަލްތަކުން ފަރުވާ ހޯދަން ކުރިން މީހުން ޖެހިލުންވާ އެންމެ ބޮޑު ސަބަބަކީ އިތުބާރު ކުޑަވުމެވެ. އެ މީހުންގެ ނަޒަރުގައި މޮޅެތި ޑޮކްޓަރުން ތިބޭނީ މާލޭގަ އެވެ. އެހެންވެ، ރިސްކެއް ނަގަން ބޭނުން ނުވާތީ އެންމެން ވެސް މާލެ ދަނީ އެވެ.
އެކަމަކު ކޮވިޑާ ގުޅިގެން މާލެއަށް ދެވޭނެ މަގު ބަންދުވުމުން، އެންމެންނަށް ވެސް ޖެހުނީ ރަށްރަށުގެ ހޮސްޕިޓަލްތައް ތަޖުރިބާކުރާށެވެ.
"އަޅުގަނޑަށް ފާހަގަކުރެވުނު މި ހޮސްޕިޓަލުގައި ވިހޭ ކުޅުދުއްފުށީ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން. ވެދާނެ މީހުން އައިޖީއެމްއެޗާއި އޭޑީކޭއަށް ވިހަން ދާން ބޭނުންވަނީ އެތަނުގެ ހިދުމަތްތައް ރަނގަޅުވެފައި ޓްރަސްޓް ބިލްޑްވެފައި އޮތުމުން ކަމަށް. އެކަމަކު މިހާރު މި ތަންތަނުގެ ހިދުމަތްތައް ވެސް ރަނގަޅުވާނެ،" ދާއޫދު ވިދާޅުވި އެވެ.
ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ބޮޑެތި ތަރައްގީތަކެއް ގެނެސް، ހިދުމަތުގެ ފެންވަރު ވެސް މަތިކޮށްފަ އެވެ.
ކުރިން ދުވަސް ނުފުރާ ވިހާ ގިނަ ކުދިން އެ ހޮސްޕިޓަލުން ފޮނުވާލަނީ މާލެއަށެވެ. ކުޑަކުދިންނަށް ފަރުވާ ދޭނެ އެންއައިސީޔޫ އާއި ގިނަ ހިދުމަތްތަކެއް ހުރި ނަމަވެސް، ބަނޑަށް 34 ހަފުތާގައި ވިހަން ވެސް ފޮނުވާލަނީ މާލެ އެވެ. އެކަމަކު ލޮކްޑައުންއާ ހެދި މާލެ ނުފޮނުވިގެން އެންމެ 28 ހަފުތާގެ ކުއްޖަކަށް އެ ހޮސްޕިޓަލުން ފަރުވާދީ ވަނީ ރަނގަޅުކޮށްފަ އެވެ. މިއީ، ފުރުސަތެއް ދީފި ނަމަ، އިތުބާރު ހޯދިދާނެކަން އެ ތަނުން ސާބިތުކޮށްދިން ކޭސްއެކެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ހުރިހާ ދާއިރާތަކުން ޑޮކްޓަރުން ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންވެ، ސިއްހީ ފަރުވާ ލާމަރުކަޒު ކުރުމަށް އެންމެ މޮޅު ގޮތަކަށް އޮތީ އެކި ދާއިރާތަކުގެ ޑޮކްޓަރުން އެކި ރަށްތަކަށް ބަހާލުމެވެ.
ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ ރަށެއްގައި ވެސް އާއްމު ޑޮކްޓަރަކު ހުންނަން ޖެހޭނެ އެވެ. ކައިރީގައި އޮންނަ އެހެން ރަށެއްގައި، ހާއްސަ ބަލިތަކުގެ ޑޮކްޓަރެއް ހަމަޖައްސާއިރު، އެންމެ ފަސޭހައިން ދަތުރުކުރެވޭ ރަށެއްގައި ގިނަ ދާއިރާތަކުން ޑޮކްޓަރުން ހަމަޖެއްސިދާނެ އެވެ.
ރާއްޖޭގެ ގިނަ އަތޮޅު ހޮސްޕިޓަލްތަކުގައި މިހާރު ވެސް ކުޑަކުދިންނާއި އަންހެނުންގެ ޑޮކްޓަރުން ތިބެ އެވެ. އޭގެ އިތުރުން ކޮންމެ އަތޮޅެއްގައި ވެސް، ފިޒީޝަނަކާއި އޮޕަރޭޝަން ޑޮކްޓަރެއް ހަމަޖައްސައިފި ނަމަ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.
ދާއޫދު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ފަސް ސަރަހައްދު، އެކި ކަހަލަ ހާއްސަ ފަރުވާއަށް ތަރައްގީކުރެވިދާނެ އެވެ. އެގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލް ކެންސަރަށް ހާއްސަ ކުރާއިރު އައްޑޫ ހޮސްޕިޓަލް ކަށީގެ ބަލިތަކަށް އަދި އެހެން ސަރަހައްދެއް، ސްޓްރޯކަށް ހާއްސަ ކުރެވިދާނެ އެވެ. މާލެ ހާއްސަ ކުރާނީ އިމަޖެންސީ ބޮޑެތި ފަރުވާތަކަށެވެ.
މާލެއިން ނުވަތަ ރާއްޖޭގެ އެހެން ސަރަހައްދުތަކުން، އެކި ހޮސްޕިޓަލްތަކަށް "ވިޒިޓިން ޑޮކްޓާސް" ހަމަޖެއްސުމަކީ ވެސް ބޭނުންތެރިކަމެކެވެ. އެންމެ ގިނަ މީހުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ ހޮސްޕިޓަލެއް ބަލައި، އެތަނަކަށް، އެކި ދާއިރާތަކުން ޑޮކްޓަރުން ގެނެވިދާނެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދިން ނަމަވެސް، ކިޑްނީގެ ހާއްސަ ޑޮކްޓަރަށް ދައްކަން ވެއްޖެ ނަމަ ދާން ޖެހެނީ މާލެ އެވެ. އޭގެ ބަދަލުގައި، އެ އެންމެންނަށް ވެސް ހިދުމަތް ހޯދޭނެ ފަދަ ގޮތަކަށް، މަހަކު އެއް ފަހަރު އެ ޑޮކްޓަރުން ރަށަށް ގެންދިޔުމަކީ އޭގެ ފަސޭހަ ގިނަ ބަޔަކަށް ކުރާނެ ކަމެކެވެ.
މާލެ ލޮކްޑައުން ކުރުމާ އެކު، އެކި ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ވެސް، ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި އެކި އަތޮޅުތަކުގައި މިހާރު ފަރުވާ ދެ އެވެ.
ބުންޔާމީން ވިދާޅުވީ އދ. ހޮސްޕިޓަލަށް ދާދި ފަހުން ގެންދިޔަ ހަމުގެ ޑޮކްޓަރާއި އެތެރެހަށީގެ ޑޮކްޓަރަށް އޮތީ، މީހުން ގިނަ ކަމުން ފަރުވާ ނުދެވިފައި ކަމަށެވެ. އެންމެ ދެ ދުވަހަށް ދިޔަ އެ ޑޮކްޓަރުން 100 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދިނެވެ. ދުރު އަތޮޅުތަކުގައި، ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމްވެ ތިބެފައި، މާލެ ކައިރީ އަތޮޅުތަކަށް ވިޒިޓިން ޑޮކްޓަރުން ހަމަޖެއްސުމަކީ ވެސް، ގެނެވިދާނެ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ނަމަ އެ 100 މީހުން ވެސް ފަރުވާ ހޯދަން ޖެހޭނީ މާލެ ދާން. އެކަމަކު ދެތިން ދުވަހަށް ނަމަވެސް، ޑޮކްޓަރުން ރަށަށް އައިސް ފަރުވާ ދިނުމުން ކިހާ ބޮޑު ހަރަދެއްތޯ މީހުންގެ އަތުން އެ ސަލާމަތްވީ،" ބުންޔާމީން ވިދާޅުވި އެވެ.
މި ފަދަ ބަދަލުތައް ގެނައުމުގައި އެންމެ ގިނަ މީހުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ރަށެއް ނުވަތަ ހޮސްޕިޓަލެއް ކަނޑައެޅުން މުހިއްމެވެ. ދެން ބޭނުންވަނީ ރަނގަޅު ސްޕީޑް ފެރީގެ ނިޒާމެކެވެ. މިހާރު ފެރީގެ ނިޒާމު އެންމެ ރަނގަޅަށް އޮންނަނީ ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން އެންމެ ގިނައިން ހިދުމަތް ހޯދާ އުތުރުގެ ތިން އަތޮޅުގަ އެވެ. ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ފެރީތައް ހަފުތާގައި ރާވާފައި އޮންނަނީ ހޮސްޕިޓަލަށް ދާ ބަލި މީހުންނަށް އެންމެ ފަސޭހަވާނެ ގޮތަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، އެނގިފައިވާ ގޮތުގައި، އަތޮޅުތެރޭގައި ހުރި އެންމެ ބިޒީ ހޮސްޕިޓަލެވެ.
ފަރުވާ ހޯދަން މާލެއަށް ނުދެވިގެން، ކ. އަތޮޅާއި ބ. އަދި ޅ. އަތޮޅުން ވެސް މިހާރު އެ ރަށަށް މީހުން ދެ އެވެ. އެ އެންމެން ވެސް ދަނީ، ވަކި ދުވަހަކަށް ލޯންޗެއް ޝެޑިއުލްކޮށްގެން، ގިނަ ބަޔަކު އެކުގަ އެވެ.
ދާއޫދު ވިދާޅުވީ މިދިޔަ ޖުލައި މަހުގެ ތެރޭގައި 10،000އަށް ވުރެ ގިނަ މީހުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކި އިރު، އޭގެ ތެރޭގައި ދުރު ރަށްރަށުން ދިޔަ މީހުން ވެސް ހިމެނެ އެވެ. ކ. ކާށިދު އާއި ޅ. ނައިފަރާއި ބ. އޭދަފުށިން މީހުން ދަތުރު ހަދައިގެން އެ ރަށަށް ދާއިރު ލޯންޗެއްގައި ޖުމްލަކޮށް 30-60 މީހުން ދަތުރުކުރެ އެވެ. ކުޅުދުއްފުއްޓަށް ދިއުމުގެ ކުރިން އެ މީހުން ހޮސްޕިޓަލާ ވާހަކަ ދައްކައި، އިންތިޒާމް ހަމަޖައްސާފައި އޮތުމުން، ކުޅުދުއްފުއްޓަށް ގޮސް އިތުރު ތަކްލީފަކާ ނުލައި ހިދުމަތް ހޯދެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން، ބޭސް ފަރުވާގެ ވެސް މައި ހަބަކީ މާލެ އެވެ. އެމީހުން މާލޭގައި ތިބެގެން ފަރުވާ ހޯދުމަށް ކުރަން ޖެހޭ ހަރަދު، ގިނަ ފަހަރު ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ވުރެ ބޮޑެވެ. އެހެންކަމުން މާލީ ގޮތުން ލުޔެއް އޮތީ ވެސް، ހިދުމަތްތައް ރަށްރަށުގައި ގާއިމުކޮށްގެންނެވެ.
ފަރުވާ ހޯދާ މީހުން ކިތަންމެ ގިނަ ނަމަވެސް، އަދިވެސް މުހިއްމު ގިނަ ހިދުމަތްތަކެއް އަތޮޅު ހޮސްޕިޓަލުތަކަކުން ނުލިބެ އެވެ. ހާއްސަކޮށް ތުއްތު ކުދިންނަށް ފަރުވާ ދޭ ނާސަރީ އެވެ. އެކަމަކު މި ހިދުމަތްތައް ފުރިހަމަވެއްޖެ ނަމަ، ސިއްހީ ކަންކަމުގައި މާލެއަށް ބަރޯސާވާކަށް ނުޖެހޭނެ އެވެ.
"ރީޖަނަލް ހޮސްޕިޓަލްތައް މިހާރު ވަރަށް ރަނގަޅު ފެންވަރަކަށް ހުރީ. އަތޮޅު ހޮސްޕިޓަލްތައް މިއަށް ވުރެ ރަނގަޅުކޮށްފިއްޔާ، ކޮންމެހެން މާލެ ދާން ޖެހޭނެ ކަމަކަށް ނުފެނޭ،" ބުންޔާމީން ވިދާޅުވި އެވެ.
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ
ކޭއާރްއެޗްގައި އެޑްމިޓްކުރާ މީހުންނަށް ބޭސް ނަގައިދޭނެ
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
ކުޅުދުއްފުށި ހޮސްޕިޓަލްގެ ފެންވަރު މަތިކުރަން އިސްކަމެއް
ކުޅުދުއްފުށްޓާއި އައްޑޫ ހޮސްޕިޓަލް ހިންގުން ބޯޑަކަށް
ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުން
ކުޅުދުއްފުށީގައި ހިތުގެ ޓެސްޓުތައް ހެދުން ހުއްޓިފައި!
މިއީ އިންގިލާބީ ބަދަލުތަކުގެ ފަސް އަހަރު: އަމީން
ކުޅުދުއްފުށީގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާ ފަށައިފި
މެޑިކަލް އޮފިސަރުންނާއި ފިޒިއޮތެރަޕިސްޓުން ހޯދަނީ