Roadha Mihaaru
މިއީ އިންގިލާބީ ބަދަލުތަކުގެ ފަސް އަހަރު: އަމީން

މިއީ ސިއްހީ ދާއިރާގެ އިންގިލާބީ ބަދަލުތަކުގެ ފަސް އަހަރު: އަމީން

12 އޮކްޓޯބަރ 2019

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ވާނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދުވަހަކު ވެސް އައިސްފައި ނުވާ ވަރުގެ އިންގިލާބީ ބަދަލުތައް އަންނަ ދުވަސްތަކަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރު ވާނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދުވަހަކު ވެސް އައިސްފައި ނުވާ ވަރުގެ އިންގިލާބީ ބަދަލުތައް އަންނަ ދުވަސްތަކަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ޚިދުމަތް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ތައާރަފު ކުރުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި އެ ދެ ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ހުރިހާ ނޮން އިންވޭސިވް ކާޑިއެކް ޓެސްޓްތައް މިހާރު ހެދޭނެ ކަމަށެވެ. އެގޮތުން، ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނިޓަރިން އެ ސެންޓަރުން ހެދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ރޭގެ ތާރީޚީ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ މިދިޔަ ހުރިހާ އަހަރުތަކުގައި ނުފެންނަ ވަރުގެ ބޮޑެތި ބަދަލުތަކެއް އަތޮޅުތަކުގެ ސިއްހީ ޚިދުމަތަށް ގެނައުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ދައުރު ވެގެންދާނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދުވަހަކު އައިސްފައި ނުވާ ވަރުގެ އިންގިލާބީ ބަދަލު އައިސް ކުރިއެރުން ރައްޔިތުންނަށް ފެންނާނެ ކަމަކަށް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އުތުރުގެ ތިން އަތޮޅެއްގެ ރައްޔިތުން ސިއްޚީ ޚިދުމަތަށް ބަރޯސާވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ޚިދުމަތް ފެށުމަކީ ސިއްހީ ދާއިރާ އަށް ގެންނަން މި ސަރުކާރުން ތަސައްވުރު ކޮށްފައިވާ ބަދަލުތަކުގެ ރަމްޒު ކަމަށެވެ. އަދި އެއީ ސިއްހީ ޚިދުމަތް ހޯދުމަށް ދުރަށް ދަތުރު ނުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ހަރުފަތެއް ގިރާ ކުރެވުން ކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލަށް ތައާރަފުކުރި ހިތުގެ ފަރުވާ އާއި ސީޓީ ސްކޭންގެ ޚިދުމަތް އަމާޒު ކުރަނީ ގާތްގަނޑަކަށް 65،000 މީހުންގެ އާބާދީ އަކަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެ ބަޔަކު ދިރިއުޅޭ ސަރަހައްދަކުން ދުރަށް ދަތުރު ނުކޮށް، ޒަމާނީ ފަރުވާ ދިނުން ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ރޭ ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ރޭ ފައްޓަވައި ދެއްވުމަށް ފަހު، ހެލްތު މިނިސްޓަރު އަމީން، އެ ޚިދުމަތްތައް ގާއިމް ކޮށްފައިވާ ފެންވަރު ބައްލަވަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ

ރަށްރަށުގައި ޒަމާނީ ސިއްހީ ފަރުވާ ނެތި މާލެ އަށް ބަލިމީހާ ގެންދަން ޖެހުމުން ދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މިސާލަކަށް ކުޅުދުއްފުށިން ފަރުވާ ނުދެވިގެން ޗާޓަރު ފްލައިޓެއްގައި މީހަކު މާލެ އަށް ގެންދާ ނަމަ އެ މީހާގެ ދަތުރަށް އެކަނި 125،000ރ. ޚަރަދުވޭ. ނުވަތަ ޝެޑިއުލް ފްލައިޓެއްގައި ދަތުރުކުރާ ކަމަށް ވާ ނަމަ ގާތްގަނޑަކަށް 15،000ރ. ހަމައެކަނި ދަތުރަށް އެބަ ޚަރަދުވޭ. އަދި ފަރުވާ ހޯދުމުގެ ތެރޭގައި އާއިލާގެ ފަރާތުން ކުރާ ހޭދަ އާއި ތަކްލީފާއި ބުރަ މިންކޮށްފި ނަމަ މިއީ އަޅުގަނޑު ދަންނަވާނީ ހިސާބު ޖަހަން ފަސޭހަ އަގަކަށް ނުވާނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، އަމީން ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރެއް ގާއިމްކޮށް، ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންނަށް ލިބުނު ލުއި ފަސޭހައަކަށް ވާނެ ކަމަށެވެ.

މިނިސްޓަރު ރޭ ވެސް ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޒަމާނީ ސިއްހީ ޚިދުމަތް ތައާރަފް ކުރަން ކުރާ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އެ މަޝްރޫއުގެ ތެރެއިން ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ވެސް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމަށް މިވަގުތުން މިވަގުތަށް އަންނަންޖެހޭ ބަދަލު އެބައާދޭ. އެހެންވީމާ މި ގެނެވޭ ބަދަލުތަކާ އެކު، 30 އެނދު އިތުރު ވެގެންދާނެ. މިއާ އެކު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މި ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ގާއިމް ކުރެވޭ އެންމެ މުހިންމު ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުގެ ތެރޭގައި ޓާޝަރީ ހޮސްޕިޓަލްގެ އާ އިމާރާތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށައިގަތުން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ހޯދުމާއި ޚާއްސަ ބަލިތަކަށް ޑޮކްޓަރުން ހަމަކުރުމާއި ޚިދުމަތް މެދުނުކެނޑޭ ފެންވަރަށް މީހުންނާއި ވަސީލަތްތައް ހޯދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހއ. ހދ. އަދި ށ. އަތޮޅުގައި ސިއްހީ ޚިދުމަތް މެދުނުކެނޑޭ ވަރު ކުރުން ކަމަށެވެ.

"އޭގެ މާނަ އަކީ ޑޮކްޓަރަކު ޗުއްޓީ އަށް ދިޔަ ކަމުގައި ވިޔަސް އަދި ޑޮކްޓަރުން ރަށުން ފުރައިގެން ދާންޖެހޭ ހާލަތުގައި ވެސް މެދުނުކެނޑި ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން. ހަމަ އެއާ އެކު، ލެބޯރެޓަރީތަކުގެ ޚިދުމަތް ވެސް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަކަށް އިންތިޒާމް ކުރުމަކީ މިއަދު އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ނަތީޖާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީންގެ ވާހަކައިގައި ވަނީ ރަނގަޅު ފެންވަރުގެ ފަރުވާ، އޯގާތެރިކަމާ އެކު ދިނުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ އަގު ބޮޑު ވަސީލަތްތަކާއި ޒަމާނީ މެޝިންތަކާއި ފަހުގެ އުސޫލުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓޭނީ ޚިދުމަތުގެ ފެންވަރަށް ސަމާލުކަން ދީގެންނެވެ.