Roadha Mihaaru
5000 ބައިވެރިންނާއެކު އުރީދޫ އަތޮޅު ދުވުން ފަށައިފި

5000 ބައިވެރިންނާއެކު އުރީދޫ އަތޮޅު ދުވުން ފަށައިފި

28 އޯގަސްޓް 2020

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ވާޗުއަލް ދުވުން، "އުރީދޫ އަތޮޅު ދުވުން" ރޭ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ވާޗުއަލް ދުވުން، "އުރީދޫ އަތޮޅު ދުވުން" ރޭ ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ދުވުން ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 15 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ކެޓަގަރީ އެވެ. ފަނަރަ ކިލޯ މީޓަރުގެ ދުވުމުގައި ބައިވެރިވަނީ އުރީދޫން ކުރިން އެޕްރޫވް ކޮށްފައިވާ 20 ދުވުންތެރިއެކެވެ. ނަމަވެސް ފަސް ކިލޯމީޓަރުގެ ދުވުމުގައި ހަ އަހަރުން މަތީގެ ގިނަ ބަޔަކު ބައިވެރިވެ އެވެ. މި ކެޓަގަރީގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫން ވަނީ މިދިޔަ ހަފްތާގައި ހުޅުވާލައިފަ އެވެ.

މި ދުވުމަކީ ކުޅިވަރު ނުވަތަ ކަސްރަތު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދީ، އެންމެން އެއްތަންވެގެން އުޅެވެން ނެތް ދުވަސްވަރެއްގައި، އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާ އެކުގައި ވެސް، ގައިދުރުކަމާ އެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޯދަައިދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ދުވުމެކެވެ. މި ހަރަކާތުގައި 5000 މީހުން ބައިވެރިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރޭ 12ގައި ފެށި މި ދުވުން ކުރިއަށްދާނީ މާދަމާ ރޭ 11:59އަކާ ހަމައަށެވެ. މި ވަގުތުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ދުވުންތެރިއަކަށް ވެސް ރޭސް ފުރިހަމަ ކުރެވޭނެ އެވެ.

ފަސް ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވާ މީހުންނަށް "ސްޓްރާވާ އެޕް" ނުވަތަ "ގާމިން ކަނެކްޓް" ނުވަތަ "ރަންޓާސްޓިކް" ނުވަތަ "ނައިކް ރަން ކްލަބް" ނުވަތަ "ރަންކީޕާ" އެޕްލިކޭޝަން މެދުވެރިކޮށް، ދުވި ރޫޓު ޓްރެކް ކުރެވޭނެ އެވެ. އަދި ދުވެ ނިމުމުން އެ ރޫޓޫގެ ސްކްރީންޝޮޓެއް ކޮންފަމޭޝަން މެސެޖާއެކު ލިބޭ ލިންކަށް އަޕްލޯޑް ކުރަން ޖެހޭނެ އެވެ. މި ސްކްރީންޝޮޓް އަޕްލޯޑު ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭއިރު، މި މެޑަލް ފިސިކަލް މެޑަލަކަށް ބަދަލު ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް އުރީދޫން ދޭނެ އެވެ.

އުރީދޫން ވަނީ މި ދުވުމުގެ ސްޕޮންސަރުންނާ ގުޅިގެން ބައިވެރިންނަށް ހާއްސަ އިނާމްތަކެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން މެޑަލް ޕޯޓަލަށް ދުވިގޮތުގެ ސްކްރީންޝޮޓް އަޕްލޯޑް ކުރުމުން "ހެބިޓަސް ފްރެޝް" ގެ ފަރާތުން ދޭ 100ރ ގެ ވައުޗަރެއް 100 ދުވުންތެރިއަކަށް ލިބޭނެ އެވެ. އަދި ދުވުން ނިމުމުން ލިބޭ ވާޗުއަލް މެޑަލް ސޯޝަލް މީޑިއާގައި ޝެއާ ކުރާ ދުވުންތެރިންގެ ތެރެއިން ނަސީބުވެރި ފަސް މީހަކަށް "ދަ މެރަތަން ޝޮޕް"ގެ ފަރާތުން 1000ރ. ގެ ވައުޗަރެއް ލިބޭއިރު އިތުރުން ތިން ނަސީބުވެރިންނަށް "މެޑްމެކްސް"ގެ ފަރާތުން ދެ މީހުންގެ ކެއުމެއް ލިބޭނެ އެވެ.

މިއީ، އުރީދޫން ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ. މި ދުވުމުގެ ލައިވް ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި އާއްމުކުރާނެ އެވެ.