Roadha Mihaaru
ނުރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިނގިރޭސިވިލާތަށް

ނުރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިނގިރޭސި ވިލާތަށް

28 އޯގަސްޓް 2020

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.

ނަޝީދު ފުރާވަޑައިގަންނަވާތީ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް އެއާޕޯޓަށް ވަޑައިގަތެވެ.

ނަޝީދުގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުގަ އެވެ.

އެ މަނިކުފާނު އެންމެ ފަހުން އިނގިރޭސި ވިލާތަށް ވަޑައިގަތީ މި އަހަރުގެ މާޗު މަހު އެވެ. ނަޝީދު އެ ފަހަރު އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާތީ އާއި މާޗު މަހުގެ ވަކި މުއްދަތެއްގައި އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެންގެ ކޮވިޑް ޓެސްޓު ހަދަން އެޗްޕީއޭ އިން ފަހުން ނިންމުމުން ނަޝީދު ވެސް އެ ޓެސްޓު ހެއްދެވި އެވެ. އޭޕްރީލް 1 ގައި ހެއްދެވި އެ ޓެސްޓު ވަނީ ނެގެޓިވް ވެފަ އެވެ.

މާޗް 14-19 އަށް އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެންގެ ކޮވިޑް ޓެސްޓު ހަދަން އެޗްޕީއޭ އިން އޭރު ކަނޑައެޅީ، އެ ގައުމުން އައި ބަޔަކު އެ ބައްޔަށް ޕޮޒިޓިވް ވުމުންނެވެ.

އަމިއްލަ ދަތުރުފުޅެއްގައި ނަޝީދު، އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވިއިރު، މި ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ފަހު މަޖިލިސް މަސް ދުވަހުގެ ޗުއްޓީ އަށް ދާނެ އެވެ. ކުރިން ހަމަޖައްސާފައި އޮތީ މިދިޔަ ބުދަ ދުވަހު ފަހު ޖަލްސާ ބާއްވާށެވެ.

މި މަހުގެ ނިޔަލަށް ރިސެސް އަށް ނުގޮސް މަޑުކޮށްލައިފި ނަމަ އަށް ބިލެއް ނިންމައިލެވޭނެ ކަމަށް، އެންމެ ފަހުން ބޭއްވި ޖަލްސާ ނިންމަވައިލައްވަމުން އީވާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވި ލާތަށް ފޮނުވުމުން އެ ގައުމުން އެ މަނިކުފާނަށް ހިމާޔަތް ދިނެވެ. ތިން އަހަރަށް ފަހު ނަޝީދު އެނބުރި ވަޑައިގަތީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު، އޭރުގެ އިދިކޮޅު ކެންޑިޑޭޑް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވުމުން ނޮވެމްބަރު 1، 2018 ގަ އެވެ.