Roadha Mihaaru
ނަޝީދު "ހިމާޔަތް" ހޯއްދެވުމަކީ ސަރުކާރަށް ލިބުނު ލަދުވެތިކަމެއް: އެމްޑީޕީ

ނަޝީދު "ހިމާޔަތް" ހޯއްދެވުމަކީ ސަރުކާރަށް ލަދުވެތިކަމެއް، ޕާޓީ އަށް ކާމިޔާބެއް: އެމްޑީޕީ

26 މެއި 2016

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވުމަކީ ބޭރު ގައުމުތަކުގެ ކުރިމަތީގައި ސަރުކާރަށް ލިބޭ ބޮޑު ލަދުވެތިކަމެއް ކަމަށާއި އެމްޑީޕީ އަށް ލިބޭ ކާމިޔާބެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވުމަކީ ބޭރު ގައުމުތަކުގެ ކުރިމަތީގައި ސަރުކާރަށް ލިބޭ ބޮޑު ލަދުވެތިކަމެއް ކަމަށާއި އެމްޑީޕީ އަށް ލިބޭ ކާމިޔާބެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝިފާޒް ވިދާޅުވީ ޓެރަރިޒަމްގެ ތުހުމަތުކޮށް ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލުމުން ބޭރު ދުނިޔޭގެ އެކި ގައުމުތަކުން އެކަން ބަލައިގެންފައިނުވާ ކަމަށެވެ.

ޝަރުއީ ނިޒާމުގެ ތެރޭގައި އިންސާފެއް ނެތް ވާހަކަ އެމްޑީޕީން ދެއްކުމުން އެކަން ވެސް އެކި ގައުމުތަކުން ބަލައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނަޝީދު "ނުހިފެހެއްޓޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ކުރި ބުރަ މަސައްކަތުން މިއޮތީ ޔަގީންވެފައި. ރައީސް ނަޝީދެއް ނުހިފެހެއްޓޭނެ ރައީސް ޔާމީނަކަށް. - ޝިފާޒް

ޝިފާޒް ވިދާޅުވީ ސިޔާސީ ގޮތުން ނަޝީދު ހިމާޔަތް ހޯއްދެވުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު އިތުބާރު ނުކުރާ ކަމާއި ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްކަން ބޭރު ގައުމުތަކަށް ޔަގީންވާ ކަމެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބައިނަލްއަގުވާމީ ދުނިޔޭގައި ލިބުނު ވަރަށް ބޮޑު ލަދުވެތިކަމެއް އެއީ. --ޝިފާޒް

އިނގިރޭސި ވިލާތުން ނަޝީދު ސިޔާސީ ހިމާޔަތް ހޯއްދަވައިފި ނަމަ އެއީ ސަރުކާރަށް ލިބޭނެ ޕްލަސް ޕޮއިންޓެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުން އެމްޑީޕީ އަށް ބޮޑު ހީނަރުކަމެއް ލިބި ގެއްލުން ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހާމަވަގެން ގޮސްފައިވަނީ ބައިނަލްއަގުވާމީ ގައުމުތައް ގަބޫލުކުރާ ލީޑަރެއްކަން. މިފަދަ ކަންކަމުން އެނގެނީ މި ސަރުކާރަކީ އުރަތްޕެއް، ބާރެއް އޮތް ސަރުކާރެއް ނޫންކަން،" އުމަރަށް ރައްދު ދެއްވަމުން ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ މުއައްސަސާތަކެއް ހިސޯރުކޮށްގެން ބާރުތައް ދެމެހެއްޓޭތޯ އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން މަގުމައްޗަށް ނުކުމެއްޖެ ނަމަ އެކަން ބަލައިގަތުމަކީ ސަރުކާރުން ރުހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މާލޭގައި މުޒާހަރާ ކުރަނީ. ސިޔާސީ ވަރުގަދަ ހަރަކާތެއް ހިންގާނެ ކަމަށް އެމްޑީޕީން ބުނޭ. -- ފޮޓޯ: ފޭސްބުކް

އެމްޑީޕީން މާލޭގައި މުޒާހަރާ ކުރަނީ. ސިޔާސީ ވަރުގަދަ ހަރަކާތެއް ހިންގާނެ ކަމަށް އެމްޑީޕީން ބުނޭ. -- ފޮޓޯ: ފޭސްބުކް

ސިޔާސީ ހަރަކާތްތައް ބޭއްވުމަށް އެމްޑީޕީ އަށް ހުރަހެއް އޮތްތޯ ބެލުމަށް މަގުމައްޗަށް ނުކުންނާނެ ކަމުގެ އިޝާރާތެއް ޝިފާޒް ވަނީ ދެއްވައިފަ އެވެ. އުމަރު ވިދާޅުވެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް އެމްޑީޕީ އަށް ފުރުސަތު އެބައޮތް ކަމަށާއި އެކަމަށް ހުރަސް ނާޅާ ކަމަށެވެ.

ރައީސް ނަޝީދަށް ސިޔާސީ ހިމާޔަތް ލިބުމަކީ ރާއްޖެ ހަމަ މަގަށް އެޅުވުމުގެ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ޝިފާޒް ވިދާޅުވި އެވެ. ނަޝީދު ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ކުރައްވާ ކޮންމެ ކަމަކީ ދިވެހި ރައްޔިތުންނަށް ގެއްލޭ އަސާސީ ހައްގުތަކާއި ރާއްޖެ ވެއްޓެމުންދާ އަނދަވަޅުން ސަލާމަތް ކުރުމަށް ލިބޭނެ ބޮޑު ކާމިޔާބެއް ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން "ރެފިއުޖީ ސްޓޭޓަސް" ހޯއްދެވިކަން އިއުލާން ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން އެ މަނިކުފާނާއި ރާއްޖެ އިން ބޭރުގައި އަމިއްލަ އަށް އަރުވާލެވިގެން ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނަށް މި ވަގުތު އެ ނޫން ގޮތެއް ނެތް ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދު ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. އެކަމަކު އެ މަނިކުފާނަށް ދިން މުއްދަތު ހަމަވެފައިވާތީ، އެނބުރި ގައުމަށް ވަޑައިގަތުމަށް ސަރުކާރުން ވަނީ އެދިފަ އެވެ.