Roadha Mihaaru
ހީތުރޯ އެއާޕޯޓު ބޮޑުކުރުމާ ދެކޮޅު މުޒާހަރާގައި ނަޝީދު!

ހީތުރޯ އެއާޕޯޓު ބޮޑުކުރުމާ ދެކޮޅަށް ނަޝީދު އަޑުއުފުއްލަވައިފި

20 ނޮވެމްބަރ 2016

އިނގިރޭސި ވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓް ބޮޑުކުރުމާ ދެކޮޅަށް، އެ ގައުމުގައި އިއްޔެ ކުރި މުޒާހަރާއެއްގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އަޑު އުފުއްލަަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިނގިރޭސި ވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓް ބޮޑުކުރުމާ ދެކޮޅަށް، އެ ގައުމުގައި އިއްޔެ ކުރި މުޒާހަރާއެއްގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން އަޑު އުފުއްލަަވައިފި އެވެ.

ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ވަނީ މުޒާހަރާގައި، އެއާޕޯޓް ބޮޑުކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު އެ މުޒާހަރާގައި ބައިވެރިވެވަޑައިގަތީ، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެކި ޖަމިއްޔާތަކުގެ މެމްބަރުންނާ އެކުގަ އެވެ. ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރީ އެއާޕޯޓް ބޮޑުކުރުމުން ތިމާވެށީގެ ގޮތުން ލިބޭނެ ގެއްލުންތަކާ މެދުގަ އެވެ.

މުޒާހަރާގައި 15 މީހަކު ހައްޔަރުކުރި ކަމަށް ބޭރުގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ހީތުރޯ އެއާޕޯޓް އެޅުމާ ދެކޮޅަށް މުޒާހަރާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

ހީތުރޯ އެއާޕޯޓް އެޅުމާ ދެކޮޅަށް މުޒާހަރާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

ހީތުރޯ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއަށް ސަރުކާރުން ތާއީދުކުރާ ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އެޅުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ލަންޑަނުގެ ހަތަރު ކައުންސިލަކާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ގްރީންޕީސް ޖަމާއަތުން ވަނީ ދީފަ އެވެ.

ހީތުރޯ އެއާޕޯޓް

- ދުނިޔޭގައި ދެ ވަނަ އަށް އެންމެ ބިޒީ އެއާޕޯޓް

- 75 މިލިއަން ދަތުރުވެރިން 2015 ގައި ޒިޔާރަތްކުރި

- ހަތަރު ޓާމިނަލް

- ދެ ރަންވޭ

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި ޓްރާންސްޕޯޓް މިނިސްޓަރަށް، ލަންޑަނުގެ ކައުންސިލްތަކާއި ގްރީންޕީސް އިން ފޮނުވި 33 ސޮފްހާގެ ސިޓީގައި ވަނީ ހީތުރޯ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އުޅެނީ އެކަށީގެންވާ ގޮތުގައި މަޝްވަރާ ނުކޮށް ކަމަށެވެ. އެހެންވެ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

ހީތުރޯ ބޮޑުކުރުމުގެ ވާހަކަ ބިނާވަނީ އެ އެއާޕޯޓްގައި އަޅާ ތިން ވަނަ ރަންވޭއާ ގުޅުވައިގެންނެވެ. މިހާރު ހީތުރޯގައި ބޭނުންކުރަނީ ދެ ރަންވޭ އެވެ. އެކަމަކު ސަރުކާރުގެ ދިރާސާތަކަށް ފަހު ތިން ވަނަ ރަަންވޭއެއް ބޭނުންވާ ކަމަށް ނިންމައި، އަދި އެ ރަންވޭ ހަދަން ކެބިނެޓުން ކަނޑައެޅުމުން އެ ސަރަހައްދުގެ އާންމުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެ މަޝްރޫއު ހުއްޓުވަން ކުރާ މަސައްކަތްތަކާ ދެކޮޅު ނުހަދާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވެ އެވެ. އަދި ސަރުކާރު ތެރޭގައި ހިމެނޭ އެ މަޝްރޫއުއާ ދެކޮޅު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަޑުއިއްވުން ނުހުއްޓުވަން ވެސް ކެބިނެޓުން ނިންމާފައިވެ އެވެ.