Roadha Mihaaru
ނިއުޒިލެންޑްގައި 51 މީހުން މަރާލިމީހާ އުމުރަށް ޖަލަށް

ނިއުޒިލެންޑްގެ ދެ މިސްކިތަށް ހަމަލާދީ 51 މީހުން މަރާލި މީހާ އުމުރަށް ޖަލަށް

27 އޯގަސްޓް 2020

ކްރައިސްޗާޗް (އޮގަސްޓް 27) - މިދިޔަ އަހަރު ނިއުޒިލެންޑުގެ ދެ މިސްކިތެއްގައި ބަޑިން ހަމަލާދީ 51 މީހުން މަރާލި މީހާ ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރައިސްޗާޗް (އޮގަސްޓް 27) - މިދިޔަ އަހަރު ނިއުޒިލެންޑުގެ ދެ މިސްކިތެއްގައި ބަޑިން ހަމަލާދީ 51 މީހުން މަރާލި މީހާ ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު ނިއުޒިލެންޑުގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ވަދެ، ހުކުރު ނަމާދަށް ތިބި މީހުންގެ ގަޔަށް ބަޑި ޖަހައި އަދި އިތުރު ބަޔަކު ޒަހަމްކޮށްލި ބްރެންޓަން ޓަރަންޓްގެ މައްޗަށް ނިއުޒިލެންޑް ހައި ކޯޓުން މިއަދު ކުރި ހުކުމަކީ ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލާން އެ ގައުމުގައި ފުރަތަމަ ފަހަރަށް ކުރި ހުކުމެވެ. އަދި މިއީ ޓެރަރިޒަމްގެ ކުށެއް އެ ގައުމުގައި ސާބިތުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

މީހަކު މެރުމުގެ 51 ދައުވާ އާއި މަރާލަން އުޅުމުގެ 40 ދައުވާއެއްގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އަށް ބްރެންޓަން ވަނީ އެއްބަސްވެފަ އެވެ. ހުކުމް އިއްވަމުން ފަނޑިޔާރު ކެމެރަން މެންޑާ ވިދާޅުވީ ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލުމަކީ މީހުން މެރުމުގެ އެންމެ އަނިޔާވެރި އަމަލުތަކަށް ދެވޭނެ އަދަބެއް ކަމަށާއި ބްރެންޓަންއަކީ އެ އަދަބު ލިބެން އެންމެ އެކަށީގެންވާ މީހާ ކަމަށެވެ.

"ބްރެންޓަން މަރުވަންދެން ޖަލުގައި ބެހެއްޓިޔަސް، އޭނާ ކުރި ކުށަށް ބަލާއިރު ފުރިހަމަ އަދަބެއް ކަމަކަށް ނުބެލެވޭނެ،" ފަނޑިޔާރު ކެމެރަން ވިދާޅުވި އެވެ.

ނިއުޒިލެންޑަކީ އެއްވެސް ކުށަކަށް މަރުގެ އަދަބު ދޭ ގައުމެއް ނޫނެވެ. އެ ގައުމުގައި ދެވޭ އެންމެ ބޮޑު އަދަބަކީ ޕެރޯލް ނުލިބޭ ގޮތަށް، އެ މީހަކު މަރުވަންދެން ޖަލުގައި ބެހެއްޓުމެވެ.

އަދަބު ކަނޑައެޅުމުގެ މަރުހަލާގެ އަޑުއެހުންތައް ހަތަރު ދުވަސް ވަންދެން ކުރިއަށް ދިޔައިރު ބްރެންޓަން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާ ކުރި އަމަލުތަކާ މެދު ހިތާމައިގެ އަސަރެއް ނުވަތަ ލަދުވެތި ކަމެއް ވެސް ނުފެންނާތީ އެކަން ފަނޑިޔާރު ފާހަގަ ކުރި އެވެ.

އެއީ ނިޒުޒިލެންޑްގައި ތާރީޚުގައި ހިނގި އެންމެ ބޮޑު ޓެރަރިސްޓް ހަމަލާ އެވެ. އެ ހާދިސާއަށް ފަހު ނިއުޒިލެންޑްގައި ހަތިޔާރު ގެންގުޅުމުގެ ގާނޫނުތައް ހަރުކަށިކުރި އެވެ.