Roadha Mihaaru
ނިއު ޒީލެންޑްގެ މުސްލިމުންގެ ގާތިލް ކުށް ގަބޫލެއްނުކުރި

ނިއު ޒީލެންޑްގައި ހުކުރަށް ތިބި މުސްލިމުން މެރި ގާތިލް ކުށް ގަބޫލެއްނުކުރި!

14 ޖޫން 2019

ނިއު ޒީލެންޑްގެ ކްރައިސްޗާޗުގެ މިސްކިތެއްގައި ހުކުރަށް ތިބި މުސްލިމުންގެ ގަޔަށް ބަޑި ޖަހާ 51 މީހުން މަރާލި ގާތިލް، އޭނާގެ ކުށަށް ކޯޓުގައި މިއަދު އިއުތިރާޒްކޮށްފި އެވެ.

ނިއު ޒީލެންޑްގެ ކްރައިސްޗާޗުގެ މިސްކިތެއްގައި ހުކުރަށް ތިބި މުސްލިމުންގެ ގަޔަށް ބަޑި ޖަހާ 51 މީހުން މަރާލި ގާތިލް، އޭނާގެ ކުށަށް ކޯޓުގައި މިއަދު އިއުތިރާޒްކޮށްފި އެވެ.

އެންމެންގެ ކުރިމަތީގައި އެހާ ރަހުމް ކުޑަ އަމަލެއް ހިންގައި އަދި މަރުވި މީހުންނާއި އެމީހުންގެ އާއިލާތަކަށް އެއްވެސް އިހުތިރާމެއް އަދާނުކުރި އޮސްޓްރޭލިޔާގެ ބްރެންޓަން ޓަރަންޓް، އެ ލޭއޮހޮރުވުމުގެ ކުށަށް ދެކޮޅުހެދީ އޭނާ މިހާރު ހައްޔަރުކޮށްފައި ހުރި ޖަލުގައި އިނދެ ވީޑިއޯ މެދުވެރިކޮށް ވަކީލު ލައްވާ ވާހަކަ ދައްކަމުންނެވެ.

ކްރައިސްޗާޗްގައި ހުރި ކޯޓުގައި އޮތް ޝަރީއަތުގައި އޭނާގެ ނިންމުން އެނގުމުން އަޑުއަހަން ވަދެ ތިބި ބައެއް މީހުންގެ ލޮލުން ކަރުނަ ހިލުނެވެ.

ޓަރަންޓާ ދެކޮޅަށް 40 މީހުންގެ މަރުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެކަމަކު އެއިން އެއްވެސް ދައުވާއަކަށް އޭނާ އެއްބަހެއް ނުވި އެވެ. އޭނާގެ ނިންމުން ވަކީލު އިއްވި އިރު، ހިމޭނުން އިނެވެ.

ޓަރަންޓް އެކަހެރިކޮށް ހައްޔަރުކޮށްފައި ހުރީ އޮކްލެންޑްގައި ހުންނަ ނިއު ޒީލެންޑްގެ އެންމެ ވަރުގަދަ ޖަލުގަ އެވެ. ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ފަނޑިޔާރުން ވަނީ ނިންމައިފަ އެވެ.

ހަމަލާގައި މަރުވި މީހުންގެ ހަނދާންތައް އާކުރަނީ: މިއީ ސުލްހަވެރި ނިޒު ޒީލެންޑްގައި ހިންގި އެންމެ ބޮޑު ލޭއޮހޮރުވުން

ހަމަލާގައި މަރުވި މީހުންގެ ހަނދާންތައް އާކުރަނީ: މިއީ ސުލްހަވެރި ނިޒު ޒީލެންޑްގައި ހިންގި އެންމެ ބޮޑު ލޭއޮހޮރުވުން

މިހާރު ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ މޭ 4 ގައި އޭނާގެ ބޮޑު ޝަރީއަތް ފަށާ ގޮތަށެވެ. މިއީ ނިއު ޒީލެންޑްގައި ކުރާ ޓެރަރިޒަމްގެ ފުރަތަމަ ޝަރީއަތެވެ. އެކަމަކު އޭގެ ކުރިން އޮގަސްޓް 16 ގައި އަޑުއެހުމެއް ބާއްވާނެ އެވެ.

ނިއު ޒީލެންޑްގެ ފުރަތަމަ ޓެރަރިސްޓް ހަމަލާ

ނިއު ޒީލެންޑްގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ލޭއޮހޮރުވުން ޓަރެންޓް ފެށީ މާޗު 15 ވަނަ ދުވަހު، ކްރައިސްޗާޗްގެ އަލް ނޫރު މިސްކިތަށް ވަދެ އެވެ. ވަކި ގޮތެއް ނުބަލައި އޭނާ ފަސް މިނިޓެއްހާ އިރު ވަންދެން ބަޑި ޖަހައި އެތައް ބަޔަކު މަރާލި އެވެ.

އެ މަންޒަރު އޭނާގެ ބޮލުގައި ހަރުކޮށްފައި ހުރި ކެމެރާއަކުން ވަގުތުން ލައިވްކުރި އެވެ.

މިސްކިތުގައި ލޭއޮހޮރުވުން ހިންގުމަށް ފަހު އެތަނާ ފަސް ކިލޯމީޓަރު ދުރުގައި ހުރި އެހެން މިސްކިތަކަށް ވަދެ ވެސް މުސްލިމުން މެރި އެވެ.

އުމުރުން 28 އަހަރުގެ ޓަރެންޓަކީ މުސްލިމުން ދެކެ ވަރަށް ރުޅިއަންނަ މީހެއް ކަމަށްވެ އެވެ. ސުލްހަވެރި އަދި ދިރިއުޅެން އެންމެ ހިތްގައިމު އެއް ގައުމުގެ ގޮތުގައި ބެލެވޭ ނިއު ޒީލެންޑަށް ކުރިމަތިވި މި ހަމަލާއާ އެކު އެ ގައުމުގައި ބަޑި ގެންގުޅުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ޓަރެންޓްގެ ނުބައި އަމަލް ކުށްވެރިކޮށް، މުސްލިމުންނަކީ ވެސް ނިޒު ޒީލެންޑްގެ ރައްޔިތުން ކަމަށް ހާމަކުރުމުގެ ގޮތުން އެ ގައުމުގައި އެއްބައިވަންތަކަމުގެ އެތައް ހަރަކާތެއް ވަނީ ހިންގައިފަ އެވެ. އަދި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކަށް އެތައް މިލިއަން ޑޮލަރެއްގެ އެހީ ލިބިފައިވެ އެވެ.