Roadha Mihaaru
އާންމު ތަންތަނަށް ކުޑަކަމުދާތީ ތަފާތު ހައްލެއް

އެމްސްޓަޑަމްގެ އާންމު ތަންތަނަށް ކުޑަކަމުދާތީ ތަފާތު ހައްލެއް

23 އޯގަސްޓް 2020

ނެދަލެންސްގެ އެމްސްޓަޑަންގެ އާންމު ތަންތަނަށް ކުޑަކަމުދާތީ އެ މައްސަލަ އަށް ހައްލެއް ހޯދަން، ގަސް އިންދާފައި ހުންނަ ޕޮޓްތަކެއް ސިފަވާ އާންމު ފާހާނާތަކެއް ބަހައްޓައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެދަލެންސްގެ އެމްސްޓަޑަންގެ އާންމު ތަންތަނަށް ކުޑަކަމުދާތީ އެ މައްސަލަ އަށް ހައްލެއް ހޯދަން، ގަސް އިންދާފައި ހުންނަ ޕޮޓްތަކެއް ސިފަވާ އާންމު ފާހާނާތަކެއް ބަހައްޓައިފި އެވެ.

އެމްސްޓަޑަމްގައި އެންމެ ގިިނައިން ކުޑަކަމުދާ ކަމަށް ފާހަގަކުރެވޭ ތަންތަނުގައި "ގްރީން ޕީސް" ގެ ނަން ދީފައިވާ 12 ފާހާނާ ވަނީ ބަހައްޓައިފަ އެވެ. ދުރުން ފެންނަ އިރު މިއީ ގަސް ޕޮޓްތަކެއްގެ ގޮތުގައި ފެނުނަސް ކައިރި އަށް ގޮސް ބަލައިލުމުން މިއީ ކޮއްޅަށް ހުރެގެން ކުޑަކަމުދެވޭ ގޮތަށް ބަހައްޓާފައި ހުރި "ޕަބްލިކް ޓޮއިލެޓް" ކަން އެނގޭނެ އެވެ. މި އެއްޗެހީގެ މަތިން ފެންނާނީ ރީތިކޮށް ހެދިފައި ހުންނަ ގަސްތަކެވެ.

ކުޑަކަމުދާން، ތިމާވެއްޓާ ރައްޓެހި އުފެއްދުމެއްގެ ގޮތުގައި "ގްރީން ޕީސް" ތައްޔާރުކުރީ އާބަން ސެންސަސް ކިޔާ ޑަޗް ކުންފުންޏަކުންނެވެ.

މި ޕްރޮޖެކްޓްގައި އިސްކޮށް އުޅުނު އެންވަޔަރަމަންޓް ސައިކޮލޮޖިސްޓް ރިޗަޑް ޑި ރީޒް ވިދާޅުވީ މި އެއްޗިއްސަކީ އެމްސްޓެޑަމްގެ ކައުންސިލްގެ އެދުމުގެ މަތިން ތައްޔާރުކުރި އެއްޗެއް ކަމަށެވެ. އަދި މި މަސައްކަތް އެންމެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައި މިހާތަނަށް އައި އިރު ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"މި އެއްޗެހި ޓެސްޓަކަށް ބޭނުންކުރަން ފެށި ފަހުން، އާންމު ތަންތަނަށް ކުޑަކަމުދާ މައްސަލަ ފަންސާސް ޕަސެންޓަށް ދަށްވެފައިވޭ. ކުރިން ތާރީހީ، ދުވަސްވީ އިމާރާތްތަކުގެ ފާރަށާއި އެ ނޫން ވެސް ތަންތަނަށް ކުޑަކަމުދާތީ އެފަދަ ތަންތަން ހަޑިވާ މައްސަލަ ވަރަށް ބޮޑު،" ރިޗަޑް ވިދާޅުވި އެވެ. "މީތި ކާމިޔާބު އެއްޗަކަށްވެފައިވާތީ ގްރީން ޕީސް މިހާރު އިތުރުކުރަން ވެސް ވާނީ ނިންމާފައި."

އޭނާ ވިދާޅުވި ގޮތުގައި "ގްރީން ޕީސް" ފަރުމާކޮށްފައި ހުރީ އާންމު ފާހާނާތަކަށް ވުރެ އެ ތަކެތި ބަލައްޓަން ވެސް ފަސޭހަކޮށެވެ. އަދި މީގެ އެންމެ ބޮޑު އެއް ފައިދާ އަކީ ތިމާވެއްޓާ ފައިދާކުރާ އެއްޗަކަށްވެފައި ހަރަދު ވެސް ކުޑަވުމެވެ. އެގޮތުން "ގްރީން ޕީސް" ތައްޔާރުކޮށްފައި ވަނީ އެއަށް ޖަމާވާ ކުޑަކަމުދާ ތަކެތިން އޯގަނައިކް ފާޓިލައިޒާ އާއި ފެން އުފެއްދޭ ގޮތަށެވެ.

"އެ އެއްޗެހި މި ބޭނުން ކުރަނީ އެކި ތަންތަނުގައި ގަސް ހެއްދުމަށް،" ރިޗަޑް ވިދާޅުވި އެވެ. "ގްރީން ޕީސް އަކީ ހަގީގަތުގައި ބަލާލަން ޗާލު އެއްޗަކަށްވެފައި ވަރަށް ފަންކްޝަނަލް އެއްޗެއް. އަހަރެމެންގެ ވިސްނުން މިހާރު ހުރީ ގްރީން ޕީސް އެހެން ގައުމުތަކަށް ވެސް ތައާރަފުކޮށް މި އެއްޗިއްސަށް ޖަމާވާ ކުޑަކަމުދާތަކެތި ބޭނުންކޮށްގެން ހަކަތަ ވެސް އުފައްދަން."