Roadha Mihaaru
ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް: ނަޝީދު

ޝާހިދުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމާ ދެކޮޅަށް ނަޝީދު ނުކުންނަވައިފި

21 އޯގަސްޓް 2020

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ދެކޮޅު ހައްދަވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ދެކޮޅު ހައްދަވައިފި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 11 މެމްބަރުންގެ ސޮޔާ އެކު، އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެކަން ޝާހިދަށް ފޯނުން ގުޅުއްވައި މިއަދު އަންގަވައިފަ އެވެ. އެ ކޯލުގައި ޖާބިރު ދެއްކެވި ވާހަކައިގެ އޯޑިއޯ ވެސް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ.

ޖާބިރުގެ ނިންމުމާ ދެކޮޅު ހައްދަވަމުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ޝާހިދުގެ މަސައްކަތްތަކަށް ސާބަސް ދެއްވައިފަ އެވެ.

"ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާ އެކު އެވެ. ޝާހިދާ ދެކޮޅަށް 11 ސޮއި ހަމަކުރައްވާފައިވާ ކަމަށް ޖާބިރު ވިދާޅުވިއިރު، އޭނާ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް މިދިޔަ ހަފުތާގައި އެ ކޯލިޝަނާ އެކު އެއްބަސްވެވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުންގެ އަދަދަކީ 9 އެވެ. އެހެންވެ، އެ 9 މެމްބަރުންނާއި ޖާބިރުގެ ސޮއި ހަމަވުމުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް މިހާރު ވެއްދޭނެ އެވެ.

އިދިކޮޅު ކޯޯލިޝަނާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ މަޝްވަރާގައި ޖާބިރާއި އެ ކޯލިޝަންގެ ބައެއް އިސްވެރިން މިދިޔަ ބުދަ ދުވަހު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިދިކޮޅު ކޯޯލިޝަނާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ މަޝްވަރާގައި ޖާބިރާއި އެ ކޯލިޝަންގެ ބައެއް އިސްވެރިން މިދިޔަ ބުދަ ދުވަހު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޝާހިދުގެ ފޯނު ކޯލުގައި ޖާބިރު ވިދާޅުވި ގޮތުގައި، އިތުބާރު ނެތްކަމުގެ މައްސަަ މަޖިލިހަށް ހުށަހަޅުއްވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެންނެވެ.

ޖާބިރު މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ މައްސަލަ އަކީ މަގާމަށް ޝާހިދު ނާގާބިލް ވެފައިވުން މަށެވެ. އެހެންވެ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވެސް ފެއިލް ވެފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ޝާހިދަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް. މި ކަހަލަ ބޮޑު ކަންތައްގަނޑެއް ހިނގުމުގެ ކުރިން ދަންނަވާލަން ޖެހޭނެތާ. ޝާހިދަށްތާ އެނގިވަޑައިގަންނަވާނީ ޝާހިދު މި މަގާމަށް އައީ ސީދާ ބޮލުންކަން. އެހެން މީހުން ވެސް ބޯ ކުޅޭނެ އިނގޭތޯ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން ބައެއް ކަންކަމުގައި ނަޝީދާ އެކު ވެސް ވަރަށް ގާތުން މަސައްކަތް ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި 65 މެމްބަރުންނާ އެކު ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީ އަށް ކަމަށް ވުމުން، އެ ޕާޓީގެ ބައިވެރިވުމެއް ނެތި އެއްވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މިހާރު ފާހެއް ނުކުރެވޭނެ އެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކުރަން 44 ވޯޓު މަޖިލިހުން ބޭނުންވާނެ އެވެ. އެއީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅަން އެމްޑީޕީގެ މެމްބަރުންގެ ސޮއި ހޯއްދަވަން މިދިޔަ ހަފުތާގައި ނަޝީދު މަސައްކަތްޕުޅު ފެއްޓެވި އެވެ. އެކަމަކު، އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަރަށް ބޮޑަށް ދެބައިވެ، އެކަމުގައި ނަޝީދަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ނަޝީދު ބޭނުންފުޅުވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ބޭނުންވާ އަދަދަށް (44 ވޯޓު) ސޮއި ހަމަކުރައްވާފައި މަޖިލިހަށް މައްސަލަ ހުށަހަޅުއްވަން ކަމަށް ވިޔަސް އެ މަނިކުފާނަށް ހަމަކުރެއްވުނީ 28 ސޮއި ކަމަށް ވެ އެވެ. އެކަމަކު އަދިވެސް އެކަމުގައި އެ މަނިކުފާނު ދޫދެއްވި ކަމެއް ސާފެއް ނުވެ އެވެ.

މިނިސްޓަރު ފައްޔާޒު މަގާމުން ވަކިކުރުމަށް ސީދާ ނަޝީދު މަސައްކަތްޕުޅު ފެއްޓެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ފައްޔާޒާ ގުޅޭ އެއްވެސް ޝަކުވާއެއް ލިބިވަޑައިނުގަނަންވާ ކަމަށެވެ. އަދި ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ރައީސް ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.