ޕާލަމެންޓުގެ މެމްބަރުންގެ ތެރެއިން، ވެރިކަން ކުރާ ޕާޓީގެ 10 މެމްބަރަކު ޕާޓީގެ ސިޔާސަތާ ދެކޮޅަށް ފާޅުގައި ނުކުތުމަކީ ކޮންމެ ގައުމެއްގައި ވިޔަސް އާދައިގެ ކަމެއް ނޫނެވެ. އަދި އަމުދުން ޕާލަމެންޓްގެ ރައީސަކީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅަކަށް ވާއިރު، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓް މެމްބަރުންތަކެއް އޭނާއާ ދެކޮޅަށް ތެދުވުމަކީ ގައުމެއްގެ ސިޔާސީ މަސްރަހުގައި ބޮޑު ކަމެކެވެ.
06 ޖުލައި 2017
ޕާލަމެންޓުގެ މެމްބަރުންގެ ތެރެއިން، ވެރިކަން ކުރާ ޕާޓީގެ 10 މެމްބަރަކު ޕާޓީގެ ސިޔާސަތާ ދެކޮޅަށް ފާޅުގައި ނުކުތުމަކީ ކޮންމެ ގައުމެއްގައި ވިޔަސް އާދައިގެ ކަމެއް ނޫނެވެ. އަދި އަމުދުން ޕާލަމެންޓްގެ ރައީސަކީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅަކަށް ވާއިރު، ވެރިކަން ކުރާ ޕާޓީގެ ޕާލަމެންޓް މެމްބަރުންތަކެއް އޭނާއާ ދެކޮޅަށް ތެދުވުމަކީ ގައުމެއްގެ ސިޔާސީ މަސްރަހުގައި ބޮޑު ކަމެކެވެ.
އެއިން ދައްކައިދެނީ ހަމައެކަނި މަޖިލީހުގެ ރައީސާ ދޭތެރޭ އޮތް ހިތްހަމަނުޖެހުމެއް ނޫނެވެ. ސަރުކާރާ ދޭތެރޭ ވެސް އޮތް ހިތްހަމަނުޖެހުމެވެ. މިދިޔަ ރޯދަ މަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ދެއްވި ތަރާވީސް ފަރިއްކޮޅަކަށް ޕީޕީއެމްގެ މެމްބަރުން ހާޒިރުވި އަދަދު މަދުވުމުން ވެސް، މަޖިލީހުގެ ރިއާސަތާ މެދު އޮތް ނުތަނަވަސްކަން ދޭހަވި އެވެ.
ނަމަވެސް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ސަރުކާރަށް އޮތް ތާއީދު، ތަރާވީސް ހާޒިރީއަކުން ނޭނގޭނެ ކަމަށެވެ. އެހެން ވިދާޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ފެނިގެން މި ދިޔައީ، މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ އަދަދެއްގެ މެމްބަރުން، މަޖިލީހުގެ ރައީސަށް އިތުބާރެއް ނުކުރަމޭ ވިދާޅުވި މަންޒަރެވެ. އަދި އޭގެ ތެރޭގައި ވެރިކަންކުރާ ޕާޓީގެ 10 މެންބަރުން ވެސް ހިމެނެ އެވެ.
އުފެދޭ ސުވާލަކީ މިއީ މަޖިލީހުގެ ރައީސާ މެދު މެމްބަރުންގެ ހިތްތަކުގައި އޮތް ޒާތީ ދެކޮޅުވެރިކަމެއް ހެއްޔެވެ؟ ނުވަތަ މަޖިލީހާއި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން އެ މެމްބަރުންގެ ހިތްތަކުގައި އުފެދިފައިވާ އުދާސްތަކެއްގެ ނަތީޖާ ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ފަދަ ބޭފުޅުން ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނާއި މަސީހާ ދެމެދު ޒާތީ އެއްވެސް ކަމެއް ނެތެވެ. އަދި މެންބަރެއްގެ ގޮތުގައި މަސީހާ އެކުގައި މަސައްކަތް ވެސް ކުރެއްވޭނެ އެވެ. ނަމަވެސް ސަރުކާރުން ބުނާހާ ކަމަކަށް ތައްގަނޑު ޖަހައިދޭ ތަނެއްގެ ގޮތުގައި މަޖިލިސް ބޭނުންކުރަން މަސީހު ސަރުކާރަށް ފުރުސަތު ދެއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.
އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ޝާހިދު ވާހަކަ ދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އަޅުގަނޑު ތަޖުރިބާކޮށްފިން ރަބަ ސްޓޭމް މަޖިލީހެއް. އަޅުގަނޑުމެން 1995 ގައި މަޖިލީހަށް ވަތް އިރު މަޖިލީހުގައި ކަންތައް ހިނގާ ގޮތް ފެނިފައި ހުރީ. ހެނދުނު މަޖިލިސް ބާއްވާފައި ބިލެއް ހުށަހަޅާފައި އެ ދުވަހު ފާސްކޮށްފައި ސައި ބޮއެގެން އެނބުރި އޮފީހު މަސައްކަތަށް ދާނެ ހެނދުނު 11:30 ހާއިރު. އަލުން 2008 ގެ ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު މަޖިލީހުގެ އާ ގަވައިދު ހަދައިގެން ކުރިއަށް ގެންދިޔަ އިރު، ކޮމިޓީއަކަށް ނުގޮސް ބިލެއް ފާސްނުވާ ގޮތަށް ލާޒިމްކޮށްފައި އޮންނާނީ. އެކަމަކު މިހާރު މަޖިލިސް މި ހިންގަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ވެސް ޚިލާފަށް،" ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ ރިއާސަތާ ދެކޮޅަށް އަޑުއުފުލައިގެން ޕީޕީއެމުން އެންމެ ފުރަތަމަ ވަކިކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ، މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު ވިދާޅުވީ މަޖިލީހުގެ ރައީސާ ދެކޮޅަށް މެމްބަރުންތަކެއް ތެދުވީ، ސަރުކާރުން ބުނާހާ ގޮތަކަށް ކަންތައް ނިންމައިދޭ ތަނަކަށް މަޖިލިސް ހެދުމުގެ ސަބަބުން މެންބަރުންގެ ހިތްތަކުގައި އުފެދުނު އުދާސްތައް ބަންޑުންވެގެން ކަމަށެވެ.
"ސަރުކާރުގެ މައްޗަށް ހަގީގަތުގައި މިހާރު މެންބަރުންގެ ހިތުގައި އެއްވެސް ކުލުނެއް ނެތް. މަސީހުގެ މައްސަލައިގައި ޚިޔާލު ތަފާތުވެގެން މިއުޅޭ މެމްބަރުންނަކީ، މަޖިލީހުގައި އަމަލު ކުރައްވާ ގޮތުން މަސީހާ ދޭތެރޭގައި ހިތްހަމަނުޖެހުން ހުރުމާ އެކީގައި ސަރުކާރާ ދޭތެރޭ ވެސް އިންތިހާ އަށް ހިތްހަމަ ނުޖެހޭ މެމްބަރުން. ހަތަރު އަހަރު ވެގެން ދާ އިރު މެމްބަރުން އޮބަހައްޓައިގެން ގަދަކަމުން މަޖުބޫރު ކޮށްގެން މި ކުރި ކަންކަމުގެ ނަތީޖާ ވަރަށް ހިތި ގޮތަކަށް ސަރުކާރަށް ފެނިގެން މިދަނީ،" އަމީތު ވިދާޅުވި އެވެ.
މަސީހާ ދެކޮޅަށް ތެދުވެފައިވާ ޕީޕީއެމްގެ ބައެއް މެންބަރުން ފާހަގަކުރެއްވި ކަންތަކުގެ ތެރޭގައި ދާއިރާތަކުގެ ކަންކަމާ މެދު މިނިސްޓަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު މެންބަރުންނަށް ނުލިބުމާއި ރައީސާއި މެމްބަރުންނާ ފަސޭހަ އިން ބައްދަލުކުރެވޭ ގޮތެއް ނެތުމާއި، ރައީސް ޔާމީނާ ދެމެދު އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކާ ހުރެ، ރައީސް މައުމޫނާއި އެހެން ބައެއް މެމްބަރުން ޕާޓީން ބޭރުކޮށްލުން ހިމެނެ އެވެ.
އަމީތު، އިދިކޮޅު އިއްތިހާދުގެ ހަފުތާއެއްގައި
އޭގެ އިތުރުން އަސާސީ ބައެއް ހައްގުތައް ހިފެހެއްޓުމަށް ގާނޫނުތަކަށް ގެނައި ބަދަލުތަކާ މެދު މެމްބަރުންގެ މެދުގައި އޭރު ވެސް ހިތްހަމަނުޖެހުން އިންތިހާ އަށް ހުއްޓެވެ. ނަމަވެސް ހާލަތު ހުރި ގޮތުން އޭރު މެންބަރުންނަށް އާންމުންގެ ތެރޭގައި އެ ވާހަކަތައް ނުދެއްކުނު ކަމަށް އަމީތު ވިދާޅުވި އެވެ. އޭރު އެ އަޑު އުފުލުނު ނަމަ އެ ގޮތަށް އެ ކަންތައް ނުކުރެއްވުނީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބުރުގެ ބިލަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވެ ސަރުކާރުން މަޖިލީހަށް ވެއްދީ މާލޭގެ މަގުތަކުގައި މުޒާހަރަ ކުރުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި. އަސާސީ ހައްގުތައް ނެތިކޮށްލުމަށްޓަކައި މި ގެނައި ބަދަލުތަކަށް މެމްބަރުން ވޯޓު ދީފައި ހުރީކީ މެމްބަރުން ރުހިގެންނެއް ނޫން. ނަމަވެސް އޭރުގެ ހާލަތު ތަންދިން ގޮތުން އެކަމާ ދެކޮޅަށް އަޑު އުފުލާނެ ހިތްވަރު އެ މެމްބަރުންގެ ކިބައިގައި ނެތުނީމަ މި ގޯސްތައް ހަގީގަތުގައި ހެދިގެން ދިޔައީ. އޭރު އަޅުގަނޑުމެންނަށް އެކަންކަމާ ދެކޮޅަށް އަޑު އުފުލުނު ނަމަ، ހަގީގަތުގައި މި ހާލަތަކަށް ނުދާނެ."
ޝާހިދު ވިދާޅުވި ގޮތުގައި ކުރީގެ ގާނޫނުއަސާސީ އަށް އަމަލު ކުރި ދުވަސްވަރު އޮތީ ސަރުކާރުން އެދޭ ކޮންމެ ކަމެއް އެ ގޮތަކަށް ނިންމައިދޭ (ރަބަ ސްޓޭމްޕް) ރައްޔިތުންގެ މަޖިލީހެކެވެ. ނަމަވެސް މިހާރުގެ މަޖިލީހުގައި މެމްބަރުންނަށް ސަރުކާރުގެ ފަރާތުން ކުރިމަތިވާ ފަދަ މަޖުބޫރު ކަންތަކެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މަސީހާ އެކީގައި އެތައް ޒަމާނެއް ވަންދެން މަސައްކަތް ކުރި މީހެއްގެ ގޮތުން އަޅުގަނޑުގެ ހިތުގައި ހަމަ ސުވާލު އުފެދޭ، ހަމަ ހަގީގަތުގައި ވެސް މަސީހު މިވެނި ކަމެއް އެވެނި ގޮތަކަށް ކުރައްވަފާނެ ބާވައޭ! އެހާ ބޮޑަށް ސުވާލު އުފެދޭ ކަންތައް އެބަ ކުރައްވާ. އަޅުގަނޑު ހިތާމަކުރަން މަސީހަށް އެފަދަ މަޖުބޫރީ ހާލަތަކަށް ކަންތައް ގޮސްފައި އޮތީމާ،" ޝާހިދު ވިދާޅުވި އެވެ.
"ސަރުކާރަށް ބޭނުންފުޅުވާ ކޮންމެ ކަމެއް، އެއީ ކޮންމެ ފަދަ ކަމެއް ކަމުގައި ވިޔަސް، މަޖިލީހުގެ ތެރޭގައި އެކަމެއް އެބަ ކޮށްދެއްވާ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސަކު ކަން ކުރައްވައިގެން ވާނެ ގޮތެއް ނޫން. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުން ބޭރަށް ދާ ކޮންމެ ހާލަތެއްގައި ވިދާޅުވާން ޖެހޭނެ ނޫނެކޭ، ގާނޫނުއަސާސީގެ އިމުން ބޭރުވެޔޭ، އެހެންވީމާ ތިމަން މަނިކުފާނަށް ދެން ދައްޗޭ."
ނަމަވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ފަދަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މެންބަރުންތަކެއް މަސީހާ ދެކޮޅަށް ތެދުވެގެން އުޅެނީ، މަޖިލީހުގެ ތެރެއިން ގޯސްކަން ކަންތަކެއް ހިނގައިގެން ނުވަތަ ސަރުކާރުން ގޯސްތަކެއް ހަދައިގެންނެއް ނޫނެވެ. އެއީ ސަރުކާރަށް ޖެއްސުން ކުރުމަށް ތެދުވެގެން އުޅޭ ބައެކެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރ އަހުމަދު ނިހާން ވާހަކަދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ސަރުކާރަށް ޖެއްސުން ކުރުމަށް އިދިކޮޅު ފަރާތްތަކުން ފެއްޓި ހަރަކާތްތަކެއް އެކި ގޮތްގޮތަށް ފުޅާ ކުރަމުން އެދަނީ. މަޖިލީހުގެ ރައީސް ކޮން ކަމެއް ގޯސްކޮށް ކުރައްވައިގެންތޯ؟ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ދާ ދަނޑިވަޅެއްގައި އެއްގޮތަކަށް ވެސް ނޭނގެ ކީއްވެގެން ކަމެއް މި ގޮތްގޮތް މިހެން މި ދިމާވަނީ."
މަޖިލީހުން ފާސްކުރި ބައެއް ބިލްތަކާ ގުޅޭ ގޮތުން ނިހާން ވިދާޅުވީ އެ ބިލްތައް ފާސްކޮށްފައި އެހުރީ، އެ ބިލްތައް ގޯސް ކަމަށް މިހާރު ވާހަކަ ދައްކަވާ މެމްބަރުންގެ ވެސް ބައިވެރިވުން އޮވެގެން ކަމަށެވެ.
"އެ ވިދާޅުވާ އިސްލާހުތައް ފާސްވެފައި ހުރީ ހަމަ މެމްބަރުން ވޯޓު ދެއްވައިގެން ނޫންތޯ. އޭރު އެ މެމްބަރުންނަށް އެ އިސްލާހުތައް ވަރަށް ރަނގަޅު ކަމަށް ފެނިވަޑައިގެންނެވި މެމްބަރުންތާ ވޯޓު ދެއްވީ. ދެން އޭގެ ތެރެއިން މީހަކު ތިމަންނާ އަށް މަޖުބޫރުވިއްޔޭ މިހާރު ވިދާޅުވާ އިރު، އޭރު އެއަށް ވޯޓު ނުދެއްވައި ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވެދެއްވަން ޖެހޭނީ، މިއަށް ވޯޓު ނުދޭންވެގެން ތިމަންނަ ނުކުތިއްޔޭ. އެ ކަންތަކަށް އަހަރު ދެ އަހަރު ވާ ފަހުން ނުކުމެ މުއާލާތް ކެނޑުނީމާ ސިޔާސީ ގޮތުން ވޯޓު ނަފީކުރަން މަސައްކަތް ކުރުމަކީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވައިލާ މަކަރު ހެދުން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، މެންބަރުން ދެކޮޅު ހަދާފައި ދިޔުމަކުން އެކަންތައް ހައްލު ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެކަންތައް ހައްލުކުރެވޭނީ އެއް ތަނެއްގައި ތިބެ، އެ ކަންކަމާ މެދު މަޝްވަރާ ކޮށްގެން ކަމަށް ނިހާން ވިދާޅުވި އެވެ. އެހެންކަމުން ދެކޮޅުވި މެމްބަރުންނާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މަސީހުގެ މައްސަލައިގައި ތެދުވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މައްސަލަ އުފެދެނީ މިހާ ހިސާބުންނެވެ. މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ކަންތައްތަކެއް ގޯސްކޮށް ހިންގަމުންދާ ކަމަށް ސަރުކާރުގެ ފެންވަރުގައި ވެސް އަދި ޕީޖީ ގްރޫޕްގެ ފެންވަރުގައި ވެސް ގަބޫލު ނުކުރެވުމެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވިދާޅުވާ އިރު، އެއީ މައްސަލައެއް ކަމަށް ނުދެކެންޏާ ސިޔާސީ އާޖުފާދު ހުރި ގޮތް ވެސް ނޭނގެނީ އެވެ.
އެކަން ގަބޫލު ނުކުރެވުނަސް، ތަރާވީހުގެ ހާޒިރީން ކަށަވަރު ނުވި ކަންތައް، "45 ދަރަޖަ އަށް ހޫނުވުމުން" އެއީ ނުރައްކަލެއް ކަމަށް ސަރުކާރުން ވެސް މިހާރު ގަބޫލުކުރެ އެވެ. އެހެން ނޫން ނަމަ، ތިން ވަޒީރުންނާއި މަޖިލީހުގެ ހަތަރު މެންބަރުންގެ ކޮމިޓީއެއް ނަގައިގެން މައްސަލަ ހައްލު ކުރެވޭތޯ ނޫޅޭނެ އެވެ.
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
އިތުބާރެއް ނެތް، އިތުރަށް ބޭނުމީ ކޮން ހެއްކެއް؟
މަޖިލީހަކީ އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ: ޝާހިދު
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
4މެމްބަރަކު ޕީޕީއެމުން ވަކިވިކަން މަޖިލިހަށް އަަންގައިފި
ރައީސްގެ ހުރިހާ އުންމީދަކީ ސުޕްރީމް ކޯޓު: މެމްބަރުން
ވަރުގަދަ ޕީޕީއެމް އަގުލަބިއްޔަތު ކުއްލިއަކަށް ގެއްލިއްޖެ
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު
މަޖިލީހުގެ ރިއާސަތަށް ޝައުގުވެރިކަމެއް ނެތް: ޝާހިދު