ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތަރު މެމްބަރަކު އެ ޕާޓީން ވަކިވެފައިވާކަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް މިރޭ ބޭއްވި ޕީޕީއެމްގެ ކުއްލި ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތަރު މެމްބަރަކު އެ ޕާޓީން ވަކިވެފައިވާކަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް މިރޭ ބޭއްވި ޕީޕީއެމްގެ ކުއްލި ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުކަމުން ވަކިވިކަން ރައީސް ޔާމީން އިއުލާން ކުރެއްވި ހަތަރު މެމްބަރުންނަކީ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
"ވަހީދު، ސައުދު، އަމީތު، ލަތީފް ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މަޖިލީހަށް އަންގާފައިވާ ކަމަށް ރައީސް ބައްދަލުވުމުގައި ވިދާޅުވި،" ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
އެ މެންބަރު ވިދާޅުވި ގޮތުގައި ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް ޕީޕީއެމްގެ މެމްބަރުން ވަކިވުމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި މެމްބަރުންގެ އަދަދު 42 އަށް ވުރެ ދަށް ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލު ވާނެ ކަމަށާއި އެ ވޯޓެއް ނޯންނާނެ ކަމަށް ރައީސް ޔާމީން، ކައުންސިލްގެ މެމްބަރުންގެ އަރިހުގައި ވިދާޅުވި ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.
"ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހަތަރު މެމްބަރުން މަދުވާނެ ކަމަށް. ދެން މަޖިލިސް ފަށާނީ އެ ހަތަރު ގޮނޑި އަށް އިންތިޚާބުކުރާ ހަތަރު މެމްބަރުންނާ އެކު ކަމަށް ރައީސް ވިދާޅުވި،" މީޑިއާއާ މައުލޫމާތު ހިއްސާކުރެއްވި ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް ޕީޕީއެމުން ވަކިވުމުން، އެ ބޭފުޅުންގެ މަޖިލިހުގެ ގޮނޑި ގެއްލެންޖެހޭ ސަބަބެއް ރައީސް ޔާމީން ވިދާޅުވި ކަމެއް ނޭނގެ އެވެ.
ވަހީދާއި އަމީތު އަދި ސައުދު ވަނީ މީގެ ކުރިން އެ ޕާޓީން ވަކިކޮށްފަ އެވެ. ލަތީފަކީ ޕީޕީއެމުން އަމިއްލަ އަށް ވަކިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި ލަތީފް މަޖިލިހަށް ހޮވިވަޑައިގަތީ ވެސް އަނެއް ތިން ބޭފުޅުންނާ ޚިލާފަށް މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ޕީޕީއެމަށް ސޮއިކުރެއްވީ އޭގެ ފަހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި، އަމިއްލަ ގޮތުން މަޖިލިހަށް ހޮވޭ މެމްބަރުންގެ ވާހަކައެއް ބުނެފައެއް ނެތެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމަަށް ފަހު، އިތުރަށް ކަންކަން ސާފުކޮށްދިނުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުން އާދިއްތަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނީ އެއީ މާޒީއަށް ރުޖޫއަވެވޭ ގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫންކަން، ހުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި މި ހުކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވައިދު އަދި އެހެން ގާނޫނަކުން ނުވަތަ ގަވައިދަކުން ވެސް ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ތަބާވުން އިސްތިސްނާ ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ އަމުރު ސުޕްރީމް ކޯޓުން ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ހުކުމް ކުރުމުގެ ކުރިން ޕާޓީތަކުން ވަކިވެ އަދި ވަކިކޮށްފައިވާ މަޖިލިސް މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނިކޮށެވެ.
ހަތަރު ގޮނޑި ހުސްނުވާކަމުގެ އަމުރަކަށް އެދިއްޖެ
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް
12 މެމްބަރުން ރައީސަށް:ތިއޮތީ ކުޑަކަކޫ ޖަހަންޖެހިފައި
ހަތަރު މެމްބަރުންގެ މައްސަލަ މާދަމާ ނިންމަނީ
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ގޮނޑީގެ މައްސަލަ ކޯޓުން ސާފުކޮށްދޭންޖެހޭ: މެމްބަރުން
މެންބަރުކަމާ މެދު ޚިލާފު އުފެދޭ ކަމެއް ނެތް
ގޮނޑިތައް ގެއްލިއްޖެކަމަށް އިލެކްޝަންސުން ނިންމައިފި
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"
ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި