Roadha Mihaaru
އިންޑިއާ ކުންފުންޏަކުން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް

އިންޑިއާ ކުންފުންޏަކުން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް

17 އޯގަސްޓް 2020

ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް އިންޑިއާގެ ލަކީ އެކްސްޕޯޓްސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން އުވާލުމުން އެ ކުންފުނިން ބަދަލު ހޯދަން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ޅ. ނައިފަރުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށް އިންޑިއާގެ ލަކީ އެކްސްޕޯޓްސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން އުވާލުމުން އެ ކުންފުނިން ބަދަލު ހޯދަން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މާޗް 13 ލަކީ އެކްސްޕޯޓްސް އިން ހުށަހެޅި މައްސަލައިގައި އެ ކުންފުންޏަށް ލިބިފައިވާކަމަށް ބުނާ ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް އެދިފައިވާ ކަމަށެވެ.

ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާމްކުރުމަށާއި ތ. ވޭމަންޑޫގައި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަށް ލަކީ އެކްސްޕޯޓްސްއާ ޖޫން 18، 2017 ގައި އެއްބަސްވުން ހަދާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ.

މީގެ އިތުރަށް ލަކީ އެކްސްޕޯޓްސް ގެ ފަރާތުން ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓާފައި ހުރި 483،451 ޑޮލަރު (7.5 މިލިއަން ރުފިޔާ) ހޯދުމަށް، ބޭންކް ގެރެންޓީ ދޫކުރި ބޭންކް ކަމުގައިވާ އިންޑިއާގެ ސިންޑިކޭޓް ބޭންކްގައި ދިވެހި ސަރުކާރުން އެދުމުން، އެ ފައިސާ ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އިންޑިޔާގެ ނިއު ނިއު ދިއްލީގެ ހައި ކޯޓަށް ލަކީ އެކްސްޕޯޓްސް އިން ހުށަހެޅުމުން ފައިސާ ދޫނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވާ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އެ ކުންފުނިން ހުށަހެޅި މައްސަލަ އަށް ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ ޖެނުއަރީ 29 ގައި ކަމަށާއި، އެ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޯޓުން ދީފައިވާތީ ޖޫން 14 ސަރުކާރުން ޖަވާބުދާރީވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުވާކަމާއި އެހެންވެ އާބިޓްރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާ ނަމަ ސަރުކާރާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ ފުރުސަތު އޮންނާނެތީ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.