Roadha Mihaaru
ހެލްތުގެ ބިޑް ކޮމިޓީ، ސޮއިކުރި ވެރިން ސަސްޕެންޑު

ހެލްތުގެ ބިޑް ކޮމިޓީ އާއި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިން ސަސްޕެންޑުކޮށްފި

17 އޯގަސްޓް 2020

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވެސް މިއަދު ސަސްޕެންޑުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވެސް މިއަދު ސަސްޕެންޑުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ އެ ހުރިހާ ބޭފުޅުން ސަސްޕެންޑު ކުރީ، އޭސީސީ އާއި ފުލުހުންނާ ހަވާލު ކޮށްފައިވާ ޖޮއިންޓު އިންވެސްޓިގޭޝަނާ މެދު ގޮތެއް ނިމެންދެން ކަމަށެވެ.

ބިޑް ކޮމިޓީގެ ރައީސަކީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ މުހައްމަދެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތަކާއި އެހެނިހެން ސާމާނު ހޯދުމުގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެއްލެވުމަށް ފަހު، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތް ފެންމަތިވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލަތައް ތަހުގީގު ކުރަން އޭސީސީ އާއި ފުލުހުންނާ މިއަދު ހަވާލު ކުރައްވައިފަ އެވެ. އަދި އެ ތަހުގީގު ނިމެންދެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް މިއަދު އެކަހެރިވެވަޑައިގެންފަ އެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ. އޮޑިޓަ ޖެނެރަލް އިއްޔެ އާންމު ކުރެއްވި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެއީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް އެ މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.

ވެންޓިލޭޓަރު ގަތުމުގައި ބީލަމަށް ނުލައި އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ ހުއްދަ އަށް ފިނޭންސް މިނިސްޓްރީގައި އެދުމުން އެތަނުން އެންގީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ. އެކަމަކު އެ ކުންފުންޏަކީ ވެންޓިލޭޓަރުތައް ގެނެވިދާނެ ފަދަ ގާބިލްކަމެއް ހުރި ބައެއްތޯ ބިޑް ކޮމިޓީން ވެސް ބަލާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ދުބާއީގެ އެގްޒެކިއުޓާސްގެ ވެރިޔާ އަކީ ހަމުގެ ކްލިނިކެއް ހިންގާ މީހެކެވެ. ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމުގެ ވިޔަފާރީގެ އެއްވެސް ތަޖުރިބާއެއް ހުރި ބައެއް ނޫނެވެ.