Roadha Mihaaru
ބަނޑުހައިވީމާ ޕިއާނޯ ކުޅޭ ބުޅަލެއް

ބަނޑުހައިވީމާ ޕިއާނޯ ކުޅޭ ބުޅަލެއް

13 އޯގަސްޓް 2020

އެމެރިކާގެ ފިލަޑެލްފިއާގައި ބުޅަލެއް ގެންގުޅޭ މީހަކު، ބުޅާ ބަނޑުހައިވުމުން ބާރަށް ގޮވާތީ އެކަން ހައްލުކުރުމަށް ބުޅަލަށް ޕިއާނޯ ކުޅެން ދަސްކޮށްދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ފިލަޑެލްފިއާގައި ބުޅަލެއް ގެންގުޅޭ މީހަކު، ބުޅާ ބަނޑުހައިވުމުން ބާރަށް ގޮވާތީ އެކަން ހައްލުކުރުމަށް ބުޅަލަށް ޕިއާނޯ ކުޅެން ދަސްކޮށްދީފި އެވެ.

މި ބުޅާ ގެންގުޅޭ ކޭޓް ނީޒް ކިޔައިދިން ގޮތުގައި ބުޅާ ކުރާ އެންމެ ހިތްހަމަނުޖެހޭ ކަމަކީ ބަނޑުހައިވެއްޖެ ނަމަ މާ ބާރަށް އަޑުލައްވައި ގޮވުމެވެ. އެކަމަށް ހައްލެއް ހޯދަން ކޭޓް ކުރި ކަމަކީ ބުޅަލަށް ޕިއާނޯ ކުޅެން ދަސްކޮށްދިނުމެވެ. އެހެންވެ މިހާރު ކޮންމެ ކާ ގަޑިއެއް ޖެހުމުން ބަނޑުހައިވެއްޖެކަން އަންގައިދޭން މި ބުޅާ ކުރާ ކަމަކީ ޕިއާނޯ އިން ކުޅެލާ މިއުޒިކަކުން އެކަން އަންގައި ދިނުމެވެ.

ކުޑަވަރެއްގެ މި ޕިއާނޯ އިންނަނީ ގޭތެރޭގައި، ވިންޒްލޯ ކިޔާ ހަތް އަހަރުގެ ބުޅާ ކާން ހާއްސަކޮށްފައިވާ ތަނުގަ އެވެ. އެތަނުގައި އިނދެގެން ޕިއާނޯ އިން ކުޅެލާ މިއުޒިކުން ކެއުމަށް "އޯޑަރުދީފައި" ބުޅާ މިހާރު ބަސް އަހައިގެން އިނދެ އެވެ.

"ކުރިން އަޑުގަދަކޮށް މުޅި ގޭތެރޭގައި އެނބުރޭނެ. އެކަމަކު މިހާރު ޕިއާނޯ ކުޅެން ދަސްކޮށްދިން ފަހުން ބޮލަށް ވަރަށް ފަސޭހަވެއްޖެ،" ކޭޓް، 29، ބުންޏެވެ.

އޭނާ ބުނީ ވިންޒްލޯ އެޑަޕްޓްކޮށްގެން ގެންގުޅެން ފެށީ ވިހޭތާ އަށް ހަފުތާ ވީ ތަނާ ކަމަށެވެ. އޭތި ފެނުނީ ގޭގެ ބިއްދޮށުގައި އޮންނަ ބަގީޗާތެރެއިންނެވެ. އަދި ބުޅާ ގެއަށް ގެނައުމަށް ފަހު މުހިއްމު ވަރަށް ގިނަ ހުނަރުތައް ދަސްކޮށްދޭން މަސައްކަތްކުރި ކަމަށް ބުންޏެވެ.

"އެގޮތުން ތަން ހަޑިނުކޮށް ކާން ދަސްކޮށްދިނިން،" ކޭޓް ބުންޏެވެ. "އެކަމަކު ފަހުން މައްސަލައަކަށްވީ ބަނޑުގައިވީމަ ބާރަށް ހަޅޭއްލަވާތީ. އެކަން ހައްލުކުރަން ބޭނުންވީ. ނަސީބަކުން އެކަން ވެއްޖެ."

އޭނާ ބުނި ގޮތުގައި ބުޅާ މުއާމަލާތްކުރަން މިހާރު ހާއްސަކޮށްފައިވާ ޕިއާނޯ އަކީ ކިޔަވަން ސްކޫލްގައި އުޅުނު ދުވަސްވަރު އީބޭ އިން ފެނިގެން ގަތް އެއްޗެކެވެ. ފަހުން އޭގެ ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓައި ވިންޒްލޯ އަށް ހާއްސަ އެއްޗަކަށް ހެދީ އެވެ.

"އަހަންނަކީ ވެސް އަމިއްލި މިއުޒިކްގެ ތެރޭގައި އުޅޭ މީހަކަށްވާތީ އަސްލު މާ އުނދަގޫ ކަމަކަށް ނުވި ބުޅަލަށް ޕިއާނޯ ކުޅެން ދަސްކޮށްދޭން. ކައިރީގައި ބަހައްޓައިގެން ވިންޒްލޯގެ އަތް ފިތްތަކުގައި ޖައްސައި ކިޔައިދީގެން މިކަން ކުރީ. އަދި ބުޅާ ވެސް ވަރަށް ޝައުގުވެރިވާ ކަމަކަށް މިކަންވީ،" ކޭޓް ބުންޏެވެ.

އޭނާ ބުނީ މިހާރު ސަލާމުކަން ހޯދަންވެއްޖެ ނަމަ ވިންޒްލޯ ދުވެފައި ގޮސް ޕިއާނޯ އިން މިއުޒިކްގެ ކޮންމެވެސް ކަހަލަ ނޯޓްތައް ކުޅެލާ ކަމަށެވެ.

"އެހެން ގޮތަކަށް ބުނާ ނަމަ އެއީ މިހާރު ވިންޒްލޯގެ އެލާމް ސިސްޓަމް." ބުންޏެވެ.