Roadha Mihaaru
ދިވެހިން މިތިބީ ލުބުނާނު ރައްޔިތުންނާ އެކު: ރައީސް

ދިވެހިން މިތިބީ ލުބުނާނު ރައްޔިތުންނާ އެކު: ރައީސް

05 އޯގަސްޓް 2020

ލުބުނާނުގައި ރޭ ބާރުގަދަ ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލުބުނާނުގައި ރޭ ބާރުގަދަ ގޮވުންތަކެއް ގޮވައި އެތައް ބަޔަކު މަރުވި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ތިބީ ލުބުނާނު ރައްޔިތުންނާ އެކު ކަމަށާއި ދުއާތަކާއި ވިސްނުން ވަނީ މަރުވި އަދި ޒަހަމްވީ މީހުންނާއި އެ މީހުންގެ އާއިލާތަކާ އެކުގައި ކަމަށެވެ. އެ މަނިކުފާނު އެ ހާދިސާ ސިފަކުރެއްވީ ދުލުން ބަޔާން ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުުމެންގެ ވިސްނުމާއި ދުއާތައް ވަނީ ގެއްލުން ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކާ އެކު. އަދި މި ބިރުވެރި ހާދިސާގެ އަސަރުކުރި އެންމެންނާ އެކު،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޓްވީޓް

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދުގައި ރޭ ގޮވި ބާރުގަދަ ގޮވުންތަކުގެ ސަަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށް ވުރެ މަތިވެފަ އެވެ. އެ ހާދިސާގައި 4000 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ބޮޑުކަމުން ލުބުނާނުގައި މިއަދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެެވެ.

ގޮވާތަކެތި ރައްކާކޮށްފައިވާ ގުދަނެއްގައި ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގޮވި ގޮވުންތަކުގެ ސަބަބުން ބޭރޫތުގެ ބޮޑު ބަޔަކަށް ޝޮކްވޭވެއް ފެތުރި މާ ދުރުގައިވާ އިމާރާތްތަކަށް ވެސް ގެއްލުން ލިބުނެވެ. ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދަން މަސައްކަތް އަދިވެސްް މަސައްްކަތް ކުރަމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލުބުނާނުގެ އޮފިޝަލުންނާ ހަވާލާދީ ބައިނަލް އަގުވާނީ މީޑިއާތަކުން ބުންޏެވެ.