Roadha Mihaaru
ރޮކް އެމެރިކަން ފުޓްބޯލް ލީގެއް ގަނެފި

ރޮކް އެމެރިކަން ފުޓްބޯލް ލީގެއް ގަނެފި

05 އޯގަސްޓް 2020

ރޮކްގެ ނަމުން މަޝްހޫރު ކުރީގެ ރެސްލިން ތަރި އަދި މިހާރު ހޮލީވުޑްގެ އެކްޓަރު ޑްވޭން ޖޯންސަން އެމެރިކަން ފުޓްބޯލް ލީގް ދި އެކްސްއެފްއެލް ގަނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޮކްގެ ނަމުން މަޝްހޫރު ކުރީގެ ރެސްލިން ތަރި އަދި މިހާރު ހޮލީވުޑްގެ އެކްޓަރު ޑްވޭން ޖޯންސަން އެމެރިކަން ފުޓްބޯލް ލީގް ދި އެކްސްއެފްއެލް ގަނެފި އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ 48 އަހަރުގެ ރޮކް އެކްސްއެފްއެލް ގަތީ 15 މިލިއަން ޑޮލަރަށެވެ. އަދި ލީގް ގަނެފައި ވަނީ އެ ލީގް ބަނގުރޫޓްވެފައިވާތީ ނީލަމަށް ހުޅުވައިލަން ނިންމުމުން އޭގެ ކުރިން ރޮކާއި އޭނާގެ ކުރީގެ އަންހެނުން އަދި ވިޔަފާރީގެ ބައިވެރިޔާ ޑެނީ ގާޝިއާ އާއި ގެރީ ގާޑިނެލްސްގެ ރެޑްބާޑް ކެޕިޓަލުންނެވެ.

އެކްއެފްއެލް ގަތް ވާހަކަ ރޮކް ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.

އެކްސްއެގްއެލް އަކީ އެމެރިކާގައި 1999 ގައި އުފެދުނު ލީގެކެވެ. އެއީ 8 ޓީމް ވާދަކުރާ ލީގެކެވެ.

ރޮކް އެކްސްއެފްއެލް ގަތް އިރު، މި އަހަރުގެ ލީގް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ނުބޭއްވި ބަނގުރޫޓް ވެސް ވެފަ އެވެ. އެކްސްއެފްއެލް އަކީ އަލްފާ އެންޓަޓައިންމަންޓުން އުފެއްދި ލީގެކެވެ. އޭގެ ސީއީއޯ އަދި ޗެއާމަނަކީ ވޯލްޑް ރެސްލިން އެންޓަޓައިންމަންޓް (ޑަބްލިއުޑަބްލިއުއީ) ގެ ވިންސް މެކްމެހޯނެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރޮކް ބުނިގޮތުގައި އޭނާ އެކްސްއެފްއެލް ގަންނަން ނިންމީ މުހިއްމު ދެ ސަބަބަކާ ހެދި އެވެ. އެއް ކަމަކީ ފުޓްބޯޅަ އަށް ހާއްސަ ލޯތްބެއް އޮތުމާއި އެ ކުޅިވަރުގެ ފޭނުން އުފާވާ ކަހަލަ ކަމެއްކޮށް ދިނުމެވެ. އޭނާ ބުނީ ގޮތުގައި ލީގް އަމިއްލަ ކުރެވިފައިވާތީ އޭގެ ތެރޭގައި އުޅޭ ކުޅުންތެރިންނާއި ފޭނުންނާއި ޖުމްލަކޮށް ފުޓްބޯޅަ އަށް ލޯބިކުރާ މީހުން ބޭނުންވާ ކަހަލަ އުންމީދީ ބަދަލުތަކެއް ލީގަށް ގެންނާނެ އެވެ.