Roadha Mihaaru
ހަލްކް ހޯގަންގެ ރޯލު ފަސޭހައެއް ނުވާނެ: ކްރިސް

ހަލްކް ހޯގަންގެ ރޯލު ފަސޭހައެއް ނުވާނެ: ކްރިސް ހެމްސްވޯތު

06 ޖުލައި 2020

އެމެރިކާގެ ކުރީގެ ރެސްލިން ޗެމްޕިއަން ޓެރީ ޖީން ބޮލީއާ ނުވަތަ މަޝްހޫރު ނަމުން ނަމަ ހަލްކް ހޯގަންގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑު ވަރުގަދަކުރަން މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެކްޓަރު ކްރިސް ހެމްސުވޯތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރެސްލިން ޗެމްޕިއަން ޓެރީ ޖީން ބޮލީއާ ނުވަތަ މަޝްހޫރު ނަމުން ނަމަ ހަލްކް ހޯގަންގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހަށިގަނޑު ވަރުގަދަކުރަން މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެކްޓަރު ކްރިސް ހެމްސުވޯތު ބުނެފި އެވެ.

ނެޓްފްލިންސް ހަދާ މި ބައޮގްރަފިކަލް ޑްރާމާ އަށް ކްރިސް ސޮއިކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. ފިލްމުގެ ޑައިރެކްޓްކުރަން ހަވާލުކޮށްފައި ވަނީ "ވޯ ޑޯގްސް" އާއި "ހޭންގްއޯވަ" ޓްރިލޮޖީ ގެނެސް ދިން ޓޮޑް ފިލިޕްސްއާ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ސްކޮޓް ސިލްވާ އާއި ޖޯން ޕޮލޯނޯ އެވެ.

ހަލްކް ހޯގަންގެ ފިލްމާ ބެހޭ ގޮތުން އިނގިރޭސި މަޖައްޓާ ޓޯޓަލް ފިލްމަށް ދިން އިންޓަވިއުގައި ކްރިސް ބުނި އެ ރޯލަށް ތައްޔާރުވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ސަބަބަކީ ރެސްލިން ތެޅުންތެރިއަކަށް އޭނާގެ ހަށިގަނޑު ބަދަލުކުރުމެވެ.

"ފިޒިކަލީ ވަރަށް ބޮޑު ޗެލެންޖިން ރޯލަކަށް އެ ރޯލް ވާނީ. އެކަމަކު އަހަރެން ވަރަށް މަސައްކަތްކުރާނަން ސްކްރީންގައި ހަލްކް ލޯގަން ދައްކުވައިދޭން،" މިދިޔަ އެޕްރީލް މަހު ނެޓްފްލިކްސް އިން ގެނެސްދިން "އެކްސްޓްރެކްޝަން" ގެ ބަތަލު ބުންޏެވެ.

އޭނާ ބުނިގޮތުގައި ހަލްކް ހޯގަން ފިލްމަކީ ސުޕަހީރޯ ކެރެކްޓާ "ތޯ" އަށް ކުރަން ޖެހޭ މަސައްކަތަށް ވުރެ އެތައް ގުނަ މަސައްކަތް ބޮޑު ފިލްމަކަށްވާނެ އެވެ. އެކަމަކު ރޯލަށް ތައްޔާރުވާން ކުރާ މަސައްކަތާއި ބެލުންތެރިންނަށް ސްކްރީނުގައި ވަރަށް ފުރިހަމަ އަށް ކެރެކްޓާ ދައްކުވައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުންޏެވެ.

"ސައިޒުގެ ގޮތުން ތޯ އަށް ވުރެ ބިޔަކޮށް ހަލްކް ލޯގަން ފެންނާނީ. އެހެންވީމަ ފަސޭހައެއް ނުވާނެ. އަނެއްކާ އޭނަ ގެންގުޅުނު އެޓިޓިއުޑާއި ވާހަކަ ދައްކާ އިރު ގެންގުޅޭ އެކްސެންޓާއި މި ހުރިހާ ކަމަކީ އަހަރެންގެ ޕާފެކްޓްކުރަން ޖެހިފައި ހުރި ކަންކަން،" ކްރިސް ބުންޏެވެ. "އެކަމަކު އަހަރެން މި ހުންނަނީ ޕްރޮޖެކްޓާ ދޭތެރޭ ވަރަށް އުފަލުން. އުންމީީދުކުރަނީ މި ތަޖުރިބާ ވަރަށް ފޮނިވާނެ ކަމަށް."

އޭނާ ބުނިގޮތުގައި އަދި ފިލްމުގެ ސްކްރިޕްޓް އަތަށް ނާރާތީ އެ ބަލާލަން ވެސް ހުރީ ކެތްމަދުވެފަ އެވެ.

"ސްކްރިޕްޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެހެންވީމާ ފިޒިކަލީ ތައްޔާރުވާށާއި ޝޫޓިންގެ ކުރިން ރެސްލިންގެ ޓްރޭނިން ހަދަން އަހަންނަށް ފުދޭ ވަރަކަށް ވަގުތު ލިބޭނެ." ކްރިސް ބުންޏެވެ.

މިހާރު އުމުރުން 66 އަހަރުގެ ހަލްކް ހޯގަނަކީ 70 ގެ އަހަރުތަކުގެ ތެރޭގައި ރެސްލިން ތެޅުންތެރިއެއްގެ ގޮތުގައި ވިދާލައި، އެ ކުޅިވަރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނެކެވެ. އޭނާގެ ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސްދޭ އިރު، ކެރިއަރުގެ މުހިއްމު ހާދިސާތައް ފިލްމުގައި ދައްކުވައި ދޭނެ އެވެ.