Roadha Mihaaru
ކޯޓުތަކުގެ ބައެއް އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ

އާ އުސޫލެއްގެ ދަށުން ބައެއް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ

02 އޯގަސްޓް 2020

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަލަށް ގެނައި އުސޫލެއްގެ ދަށުން ކަމަށް ބުނެ ބައެއް ކޯޓުތަކުގެ އެޑްމިިނިސްޓްރޭޓަރުން ވަޒީފާ އިން ވަކިކުރާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަލަށް ގެނައި އުސޫލެއްގެ ދަށުން ކަމަށް ބުނެ ބައެއް ކޯޓުތަކުގެ އެޑްމިިނިސްޓްރޭޓަރުން ވަޒީފާ އިން ވަކިކުރާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވަކިކުރަން ނިންމާފައިވާ ކޯޓެއްގެ އެޑްމިނިސްޓްރޭޓަރަކު މިއަދު ވިދާޅުވީ، ކުރިން އެ މަގާމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރަކު ވަކިކުރަން ނިންމީ ދާއިމީ ވަޒީފާގައި ތިއްބާ "ގާނޫނާ ޚިލާފަށް" ހަ މަހުގެ ޕްރޮބޭޝަން މުއްދަތެއް ދީ އަދި މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ އާ އުސޫލެއް ހެދުމަށް ފަހު ކަމަށެވެ. އެ އުސޫލު އޮތް ގޮތުން ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމަށް ބަދަލުވެ، މަގާމުގެ ރޭންކް ވެސް އިތުރަށް ދަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ އަހަރު ނުވަތަ ނުވަ ވަރަކަށް އަހަރު މި ވަޒީފާގައި ތިބި ބައެއް މިއީ. އަދި ޑިގްރީ ނުވަތަ މާސްޓާސް ހާސިލްކޮށް ވަޒީފާގައި އެއްވެސް މައްސަލައެއް ނުޖެހި ތިބި ބައެއް. ދާއިމީ ވަޒީފާއެއްގައި އެހެން ތިއްބާ ހަ މަހުގެ ޕްރޮޮބޭޝަނެއް މި ދެނީ. ފުރަތަމަ ކަމަކަށް، ވަޒީފާގައި ދާއިމީ ވެފައި ތިބި ބަޔަކަށް ޕްރޮޮބޭޝަން މުއްދަތެއް ދެވޭނެ ގޮތަކަށް ގާނޫނަކު ނޯވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކިކުރަން ނިންމަނީ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ޑީޖޭއޭ އާއި އެކި ފަރާތްތަކުން ޕޮއިންޓް ދިނުމަށް ފަހު 70 ޕަސެންޓް މާކްސް ނުލިބޭ މީހުންނެވެ. އެކަމަކު ޕޮއިންޓް ދޭ އުސޫލު ވެސް އާންމުކުރީ ޕްރޮބޭޝަނަށް ދިން މުއްދަތު ހަމަވުމުގެ ދެ ދުވަސް ކުރިން ކަމަށާއި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮކްޓޫބަރުން ފެށިގެން މާޗް މަހުގެ ނިޔަލަށް ޕްރޮބޭޝަން ހަމަވާ ގޮތަށް ތިބީ. އެކަމަކު ކޮވިޑާ ގުޅިގެން އަނެއްކާވެސް ތިން މަސް އިތުރުކުރީ. ޖުމްލަ ނުވަ މަސް ޕްރޮބޭޝަންގައި. ދެން ޖޫން 30 ގައި އެ މުއްދަތު ހަމަވީ އެކަމަކު މާކްސް ދޭނެ އުސޫލު އާންމުކުރީ އޭގެ ދެ ދުވަސް ކުރިން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާއިން ވަކިކުރި ނިންމުން ރިވިއުކުރަން ޑީޖޭއޭގައި އެދުމުން ވެސް އެކަމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ވަނީ އަންގައިފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތު ދަށްވެފައި ވަނިކޮށް އެފަދަ ނިންމުމެއް ނިންމުމަކީ ވަކި މަގްސަދެއްގައި ނިންމި ނިންމުމެއް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ޑީޖޭއޭ އިން ބުނީ އެ މުވައްޒަފުން ވަކިކުރީ ކުރިން އާންމު ކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ. އެ އުސޫލުގެ ދަށުން 10 މީހަކު މަގާމުން ވަކިކުރަން ނިންމި އިރު 12 މީހަކު އެ އުސޫލުގެ ދަށުން ދާއިމީ ކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޯޓު އެޑްމިނިސްޓްރޭޓަރުންނަކީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެކެވެ.