Roadha Mihaaru
ކޮވިޑް-19: ކޯޓުތަކުން ޚާއްސަ ފިޔަވަޅުތަކެއް އަޅަނީ

ކޮވިޑް-19 ފެތުރޭތީ ކޯޓުތަކުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޑީޖޭއޭ އިން އަންގައިފި

14 މާޗް 2020

ކޮވިޑް-19 ފެތުރޭތީ، ނުރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫނީ ނުކުރުމަށާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުރިހާ ކޯޓުތަކަށް އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ފެތުރޭތީ، ނުރަސްމީ ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫނީ ނުކުރުމަށާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުރިހާ ކޯޓުތަކަށް އަންގައިފި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ ޖެހިފައިވާ 10 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ރާއްޖޭގައިވަނީ މިހާރު އިއުލާންކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖްތައް ވެސް މިހާރު ވަނީ 14 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ނެރުނު ސާކިއުލާގައި އަންގާފައިވަނީ އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި ވަކި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ހުރިހާ ކޯޓުތަކަށް އަންގާ ކަމަށެވެ. އެގޮތުން ޚިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާނެ އެންމެ މަދު މުވައްޒަފުން މަސައްކަތަށް ނެރެވޭނެ ގޮތްތައް ފާހަގަކޮށް، އެފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި، އަންނަ އަންގާރަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ޑީޖޭއޭއަށް އަންގަން އެ ސާކިއުލާގައި އަންގާފައިވެ އެވެ. އަދި ރަސްމީ ގަޑި ނިމުމަށް ފަހު ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ނޫނީ އޮފީސްތައް ނުހުޅުވުމަށާއި އަދި ރޭގަނޑު ކޯޓުތައް ހިންގުން ވަގުތީ ގޮތުން މަޑުޖައްސާލަން އަންގާ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

މީގެ އިތުރުން މުވައްޒަފުންގެ ހާޒިރީ ބެލުމުގައި އިނގިލީގެ ނިޝާން ނެގުމުގެ ބަދަލުގައި އެހެން ގޮތްތަކަށް އަމަލު ކުރަން ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ. އެގޮތުން ވަކި މުވައްޒަފަކު އެހެން ހުރިހާ މުވައްޒަފުންގެ ހާޒިރީ ނޯޓް ކުރާ ގޮތަށް ހެދުން ނުވަތަ ކާޑާއި ޓެގް ބޭނުން ކޮށްގެން ހާޒިރީ ނެގުން ނުވަތަ ޓައިމް ސްޓޭމްޕް އަރާ ގޮތަށް އޮފީހުުގެ ވަކި ތަނެއްގައި ހުރެގެން ފޯނުން ސެލްފީއެއް ނެގުމަށް ފަހު ވަކި މުވައްޒަފަކަށް ފޮނުވައިގެން ހާޒިރީ ބަލާ ގޮތް ހެދުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ބަލީގެ އަލާމާތެއް ޝަރުއީ ދާއިރާގެ މުވައްޒަފެއްގެ ގައިގައި ހުރިކަން ފާހަގަވެގެން އާންމުންގެ ތެރެއަށް ނުނިކުންނަ ކަމާބެހޭ އިދާރާއަކުން އަންގައިފި ނަމަ، މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޗުއްޓީއެއް އެ މުވައްޒަފަކަށް ދިނުމަށް ޑީޖޭއޭއަށް އެ ކޯޓަކުން ފޮނުވަން ޖެހޭނެ އެވެ. އަދި ބަލި ހާލަތު ހުރިގޮތުން މުވައްޒަފަކު ގޭގައި މަސައްކަތް ކުރަންޖެހޭ ކަމަށް ފެނިއްޖެ ނަމަ، އެކަން ވެސް ޑީޖޭއޭއަށް އަންގަން އެ ސާކިއުލާގައި އަންގާފައިވެ އެވެ.

ގިނަ މީހުން އެއްވެގެން ޖަލްސާތަކާއި ބައްދަލުވުންތައް ނުބޭއްވުމަށާއި ގިނަ މުވައްޒަފުންތަކެއް އެއްފަހަރާ ބަލިވެއްޖެ ނަމަ، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހެދުމަށާއި ނުރަސްމީ ގަޑީގައި ކޮންމެހެން މަސައްކަތް ކުރަންޖެހޭ ނަމަ، އެކަމަށް ވީހާ ވެސް މަދުން މުވައްޒަފުން ނެރެން ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ސޮއި ކުރައްވައި، ނެރުއްފައިވާ އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އެލާޓް ލެވެލް މަތިވެއްޖެ ނަމަ، އިތުރު ޚާއްސަ ފިޔަވަޅުތަކެއް އަޅަން ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ. އެގޮތުން އޮރެންޖް ލެވެލްއަށް ބަދަލުވެއްޖެ ނަމަ، މާބަނޑު މުވައްޒަފުންނާއި ބޮޑެތި ބަލިތައް ހުންނަ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޗުއްޓީއެއް ދޭން ޑީޖޭއޭއަށް ފޮނުވުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

މީގެ އިތުރުން އެލާޓް ލެވެލް ރަތް ކުލައަށް ބަދަލުކޮށްފި ނަމަ، ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ގޭގައި ތިބޭ ގޮތަށް ޗުއްޓީއެއް ދިނުމާއި ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތައް ގޭގައި ކުރުވަން އެ ސާކިއުލާގައި އަންގާފައިވެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޑީޖޭއޭއިން އެންގިއިރު، ރިސޯޓްތަކަށް އަރައި، ފޭބުން މަނާކޮށް އަދި ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން ވެސް އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.