Roadha Mihaaru
އަންނަ މަހު އައިފޯނެއް ނުނެރޭނެ

އަންނަ މަހު އައިފޯނެއް ނުނެރޭނެ

01 އޯގަސްޓް 2020

އެޕަލްގެ ފޯނުތައް އާންމުކޮށް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ނެރޭތީ، ގިނަ ބަޔަކު ތިބީ މި އަހަރު ވެސް އެ މަހަށް އިންތިޒާރު ކޮށްގެންނެވެ. އެކަމަކު އެޕަލް އިން މިހާރު ވަނީ އެ އިންތިޒާރު ދިގުވެދާނެކަން ކަށަވަރުކޮށް ދީފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ ފޯނުތައް އާންމުކޮށް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ނެރޭތީ، ގިނަ ބަޔަކު ތިބީ މި އަހަރު ވެސް އެ މަހަށް އިންތިޒާރު ކޮށްގެންނެވެ. އެކަމަކު އެޕަލް އިން މިހާރު ވަނީ އެ އިންތިޒާރު ދިގުވެދާނެކަން ކަށަވަރުކޮށް ދީފަ އެވެ.

އެޕަލްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ލޫކާ މައެސްޓްރީ ވިދާޅުވީ ކުރިން ޕްލޭންކޮށްގެން ތިބީ އަންނަ މަހުގެ ފަހުކޮޅު އާ އައިފޯން ނެރެން ކަމަށެވެ. ނަމަވެސް ފަސްކުރަން ޖެހުނު ސީދާ ސަބަބެއް ވިދާޅެއް ނުވެ އެވެ.

"ސެޕްޓެމްބަރު މަހަކު އައިފޯނެއް ނުނެރޭނެ. އެކަން ކަށަވަރު. އޭގެ މާނަ އަކީ އަދި ހަފުތާތަކަށް އިންތިޒާރުރަން ޖެހޭނޭ،" އޭނާ ވިދާޅުވި އެވެ.

އާ އައިފޯން ނެރުން ލަސްވި ސަބަބެއް އެޕަލް އިން ނުބުންޏަސް ވޯލް ސްޓްރީޓް ޖާނަލް އިން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކަން ފަސްކުރަން ޖެހުނު ސަބަބަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހިޔަނި އައިފޯން އުފެއްދުމުގެ މަސައްކަތަށް ވެސް އެޅުމެވެ. އެ މަސައްކަތް އެންމެ ފުޅާކޮށް އެޕަލް އިން ކުރިއަށް ގެންދާ ޗައިނާގައި އެޕަލްގެ މަސައްކަތްތައް މި އަހަރުގެ މާޗް މަހުގެ ތެރޭގައި މަޑުޖައްސައިލަން ޖެހުނު ނަމަވެސް މެއި ހިސާބުގައި އަލުން ވަނީ މަސައްކަތްތައް ފަށައިފަ އެވެ.

މިއީ އެޕަލް އަށް އައިފޯނުގެ މޮޑެލްތަކެއް ނެރެން ލަސްކުރަން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2017 ގައި އައިފޯން އެކްސް އާއި އައިފޯން 8 އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ބަދަލުގައި ނެރެވުނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި 2018 ގެ ސެޕްޓެމްބަރުގައި ދައްކައިލި އައިފޯން އެކްސްއާރް ބާޒާރަށް ނެރެވުނީ އެ އަހަރުގެ އޮލްޓޯބަރުގަ އެވެ.

އައިފޯން 12 ގެ ސީރީޒްގެ ދަށުން މި އަހަރު ހަތަރު ފޯނެއް ނެރެން ވަނީ ނިންމައިފަ އެވެ. އެއީ 5ޖީ އާ ވެސް އެކީގަ އެވެ.