Roadha Mihaaru
ފްރޮންޓްލައިން މުވައްޒަފުންނަށް އެލަވަންސް ދޭން ފަށައިފި

ކޮވިޑްގެ ފްރޮންޓްލައިން މުވައްޒަފުންނަށް އެލަވަންސް ދޭން ފަށައިފި، 2.9 މިލިއަން ރުފިޔާ ދޫކޮށްފި

29 ޖުލައި 2020

ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ އެލަވަންސް ދޭން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ އެލަވަންސް ދޭން މިއަދު ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިހާތަނަށް 220 މީހަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗު 7 ގައި ފެނުނު ފަހުން މިދިޔަ މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. އެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން މިދިޔަ އެޕްރީލް މަހު ނިންމި އެވެ. އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯރެޓަރީ އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓް ކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ.

މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.

ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން، ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އައި މަސައްކަތްތައް އާ މަރުހަލާއަކަށް ގެންގޮސް، އެންއީއޯސީ އުވާލައި، ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ އެ ޒިންމާތއް ބަދަލުކޮށްފަ އެވެ. މިހާރު ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ންނެވެ.

ރާއްޖެއިން 3،506 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އެ ބަލިން 2،547 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 929 މީހުންނެވެ.