Roadha Mihaaru
ބުރަ ޑިއުޓީއަށް ފަހު ވެސް ބަލި މީހުންނާ އެކު

ބުރަ ޑިއުޓީއަށް ފަހު ވެސް ބަލި މީހުންނާ އެކު

10 ސެޕްޓެމްބަރ 2020

ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ސަމާލުކަން ލިބުނު މި ފޮޓޯއިން ފެންނަނީ، ހެޒްމެޓް ސޫޓުލައިގެން ހުރި ނަރުހަކު، ކޮވިޑް-19 ގެ ބަލި މީހަކާއެކު އޮށްވަޅުގޮނޑި ކުޅެން އިންދަ އެވެ. ކޮވިޑުގައި ނުރައްކާ ބޮޑުވެދާނެ މީހުން އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނަގާފައިވާ ފޮޓޯއާ ގުޅިގެން ނަރުހަށް އެތައް ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޝަތު ހައިފާކުރި ޓްވީޓަށް 24 ގަޑިއިރުގެ ތެރޭގައި 200 އަށް ވުރެ ގިނަ ރީޓްވީޓާއި 800 އަށް ވުރެ ގިނަ ލައިކް ލިބިފައިވެ އެވެ. އެ ޓްވީޓުގައި ހައިފާ ބުނީ އެ ނަރުހުގެ ރަސްމީ ޑިއުޓީ ނިންމުމަށް ފަހު އޭނާ ބަލަހައްޓާ ބަލި މީހުންގެ ގާތަށް ދާ ކަމަށެވެ. އެއަށްފަހު އެމީހުންނާ ވާހަކަދައްކައި ކުޅެން އިންނަ ކަމަށް ބުންޏެވެ.

"ވަރަށް ރަނގަޅު ނަރުހެއް އެއީ،" ހައިފާ ބުންޏެވެ.

ބަލި މީހުންނާ ދޭތެރޭ ބަހައްޓާ ގާތްކަމުން، ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ބަލި މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އޭނާ ސަމާލުކަންދޭ ކަމަށް ބުންޏެވެ.

ލޮކްޑައުނަށް ދިން ބޮޑެތި ލުއިތަކާއެކު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ވެސް ވަނީ ބުރަވެފަ އެވެ. އޭގެ ތެރެއިން އެއްބަޔަކީ ޑޮކްޓަރުންނާއި ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުންނެވެ.

ކޮވިޑާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން، ހެޒްމެޓް ސޫޓުގައި ދުވާލަކު އަށް ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރެ އެވެ.

ނަރުހާ ގުޅޭ ގޮތުން ހައިފާ ކުރި ޓްވީޓަށް، މަރިޔަމް މުސްލިމާގެ ނަމުގައި ރިޕްލައި ކުރި މީހަކު ބުނީ މި ގައުމަށް ބޭނުންވަނީ މިފަދަ މީހުން ކަމަށެވެ. އިންސާނިއްޔަތުކަން މިކަމުން ވަރަށް ރަނގަޅަށް ދައްކައިދީފައިވާ ކަމަށް އެހެން މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

"ހަގީގީ ހީރޯއިންނަކީ އެންމެ ހިތްހެޔޮ މީހުން،" އޭނަ އަށް ތައުރީފާއި ޝުކުރު އަދާކޮށް، އައިޝަތު އިޔާދު ކުރި ޓްވީޓުގައި ބުންޏެވެ.

ކޮވިޑް ފެތުރޭ މި އުނދަގޫ ވަގުތުގައި އެތައް ބައެއްގެ ފަރާތުން އެހީތެރިކަމުގެ ނަމޫނާ ފެނިއްޖެ އެވެ. އެކަމަކު ހާސްކަން ބޮޑު ރައްކާތެރިކަމުގެ ހެދުމުގައި އެތައް ގަޑިއިރެއް ވަންދެން ޑިއުޓީގައި އުޅުމަށް ފަހު، ބަލި މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އެ މީހުންނާ އެކު ވަގުތު ހޭދަކުރުން ވަކިން ތަފާތެވެ.