31 އޮކްޓޯބަރ 2022
ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މުސާރަ ބޮޑުކުރަން ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި މުވައްޒަފުންގެ ޕެންޝަނަށް ހިނގާނެ ހަރަދު ވެސް ވަނީ ހިމަނައިފަ އެވެ. މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި 337 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މުސާރަ ހަމަހަމަ ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް މެދުރާސްތާގައި ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި 2025 ގެ ނިޔަލަށްް މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. އަންނަ އަހަރަށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އިރު އޭގެ 70 ވަރަކަށް ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށެވެ.
މިހާ ބޮޑު މިންވަރެއް މުސާރަ އަށް ހޭދަކުރުމުން ސަރުކާރުން އިސްކަންދޭ އެހެން ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމަށް ހުރަސްތަކާ ކުރިމަތިލާންޖެހޭ ކަމަށް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި މުވައްޒަފުންގެ މުސާރަ މުރާޖާކޮށް މުސާރައާ ގުޅޭ ޓާގެޓުތަކެއް ކަނޑައަޅައި އެ މެނޭޖް ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު"ގައިވާ ވެސް ދައުލަތުން މުސާރަ ދިނުމަށް އެހާ ބޮޑު އަދަދެއް ހޭދަކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި އާ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، މިހާރަށް ވުރެ ވެސް މުސާރައަށް ކުރާ ހޭދަ ބޮޑުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ކޮވިޑް 19 އަށް ފަހު ސަރުކާރުން އެންމެ އިސްކަން ދޭ އެއް ދާއިރާ އަކީ ސިއްހީ ދާއިރާ ކަމަށެވެ. މުޅި ސިއްހީ ދާއިރާ އަށް ފަސް ބިލިއަން ރުފިޔާ އަންނަ އަހަރު ހޭދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށް އެބަދޭ. މި މަޝްރޫޢުގެ ތެރެއިން ފަސް ހޮސްޕިޓަލުގެ ވަސީލަތްތަކާއި ހިދުމަތްތަކުގެ ފެންވަރު މިހާރު ވެސް ވަނީ އެތައް ތަނެއް މަތިކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ މަރުކަޒީ ސަރުކާރަށް ބަރޯސާނުވެ މިނިވަންކަމާ އެކު ހިންގޭނެ ތަންތަންކަން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހޯދަމުންދާ ކާމިޔާބީއިން ދޭހަކޮށްދޭ. ޓާޝަރީ ފެންވަރަށް ތަރައްގީކުރެވޭ ފަސް ހޮސްޕިޓަލުގެ ބަޖެޓު 2018 ވަނަ އަހަރާ އަޅައިބަލާއިރު، ތިން ގުނަ އަންނަ އަހަރު ބޮޑުވާނެ. އެއާއެކު، ހިދުމަތްތަކުގެ އަދަދާއި ފެންވަރު ވެސް ރަނގަޅުވާނެ."
މިނިސްޓަރު ވިދާޅުވީ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ދެން އެންމެ އަވަހަށް މުސާރަތައް އެއްހަމަ ކުރެވިގެންދާނީ ސިއްހީ ހިދުމަތްތެރިންނަށް ކަމަށާއި، ރައީސް ވިދާޅުވެފައިވާ ގޮތަށް، ސިއްހީ ދާއިރާގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބަޖެޓުގައި ރާވައިފައިވާ ކަމަށެވެ.
"އަތޮޅުތެރޭގައި 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒުތަކަށް ބަޖެޓުވާނީ އިތުރުކޮށްދީފައި. ހަމަ އެހެންމެ، ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ވާނީ ބަޖެޓްކުރެވިފައި. މި ސަރުކާރުގެ ވިސްނުމަކީ ޖުމުލަ ގޮތެއްގައި މި ދާއިރާ އަށް ކުރާ ހޭދަ އިގުތިސާދީ ހާލަތު ތަންދޭ މިންވަރަކުން އިތުރުކުރަމުން ދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފްރޮންޓްލައިން މުވައްޒަފުންނަށް 13.4 މިލިއަން ދީފި
ފްރޮންޓްލައިން މުވައްޒަފުންނަށް އެލަވަންސް ދޭން ފަށައިފި
ސިއްހީ ހިދުމަތްތެރިންނަށް އިތުރުގަޑި ދޭންޖެހޭ:ވިސާމް
އިތުރުގަޑީގެ ފައިސާދޭ އުސޫލު ބަދަލުކުރަން ގޮވާލައިފި
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ފުރަތަމަ ހަފްތާ:ހަރަދު 520 މިލިއަން ރުފިޔާ
ބޭނުންވާ މީހާއަށް ސަބްސިޑީ ދިނުން އަވަސްކުރަން ޖެހޭ
ދައުލަތުން ބަދަލު ދިން އަދަދު 374 މިލިއަނަށް
ބަޖެޓަށް 6.5 ބިލިއަން އިތުރުކުރަން މަޖިލީހަށް